އެއްމާބަނޑު 10 ކުދީން ދެމަފިރިއަކަށް ލިބުނު ވާހަކައަކީ މަކަރާއި ހީލަތުގެ ދޮގު ޑްރާމާއެއް

Loading

Facebook
Twitter
WhatsApp

ދެކުނު އެފްރިކާގެ އުމުރުން 37 އަހަރުވީ ގޮސްޔާމީ ތަހެމާރާ ސެޓޫލޭ އެއްމާ ބަނޑު 10 ކުދީން ވިހޭކަމަށް ބުނެ ފެތުރި ޚަބަރަކީ ދޮގެއްކަމަށް ދެކުނު އެފުރިކާއިން ބުނެފިއެވެ.

އެއްމާބަނޑު 10 ކުދީން އެ އަންހެން މީހާ ވިހޭ ޚަބަރު ލިބުމުން އެއީ ދުނިޔޭގެ ރެކޯޑަކަށް ވާތީ އަދި އެފަދަ ކަމެއް ދުނިޔޭގެ ތާރީޚުގައި ހިނގާފައި އޮތްކަމަށް ރެކޯޑު ކުރެވިފައި ނުވާތީ އެވާހަކަ ދުނިޔޭގެ ހުރިހާ ގައުމެއްގެ މީޑިއާގެ ގުނަވަންތަކުން ދައްކަމުން ދިޔައެވެ. ނަމަވެސް އޭގެ 12 ވަރަކަށް ދުވަސް ފަހުން މިހާރު އެނގިފައިވަނީ އެއްމާބަނޑު 10 ކުދީން ވިހޭކަމަށް މީޑިއާތަކަށް މައުލޫމާތު ދިން އަންހެން މީހާ ހެދީ ދޮގެއް ކަމަށާއި އޭނާއަކީ ނަފުސާނީ ބައްޔަށް ބޭސްފަރުވާ ކުރަމުންދާ ”ދޮގުވެރި މޮޔައެއް“ ކަމެވެ.

އަންހެން މީހާ ބުނިގޮތުގައި އޭނާ އެއްމާބަނޑު 10 ކުދީން ވިހޭކަމަށް ބުނެ އަޑު ފެތުރީ ދުނިޔޭގައި ރެކޯޑެއް ގާއިމުކޮށް ދުނިޔޭގެ ރެކޯޑު ފޮތުގައި އޭނާގެ ނަން ހިމެނުމުގެ ބޭނުމުގައެވެ.

ދެކުނު އެފުރިކާގެ ދެމަފިރިއަކަށް އެއްމާބަނޑު 10 ކުދީން ލިބުނު ޚަބަރު މުޅި ދުނިޔެއަށް ފެތުރި އެތައް މިލިއަން ބަޔަކަށް ހައިރާންކަން ގެނެސް ދިނީ މި ޖޫން މަހުގެ ދެވަނަ ހަފުތާ ފެށުނުތަނާއެވެ. ޚަބަރު ފެތުރިފައި ވަނީ އަންހެން މީހާ ވިހެއީ ހަތް ފިރިހެން ކުދީންނާއި ތިން އަންހެން ކުދީންކަމަށެވެ.

ދެކުނު އެފުރިކާގައި އެ އަންހެން މީހާ ވިހޭކަމަށް ބުނާ ސަރަހައްދުގެ ފުލުހުން ބުނިގޮތުގައި އެ ސަރަހައްދުގެ ސަރުކާރުގެ ހޮސްޕިޓަލެއްގައި ވެސް އަދި އަމިއްލަ ބަޔަކު ހިންގާ ހޮސްޕިޓަލެއް އަދި ސިއްހީ މަރުކަޒެއްގައި ވެސް އެއްމާބަނޑު 10 ކުދީން ވިހޭކަމުގެ އެއްވެސް ހެއްކެއް ފުލުހުން ހޯދި ހޯދުމުން އެނގޭކަށް ނެތްކަމަށެވެ.

އަންހެންމީހާ ވިހޭ ކަމަށް ބުނާ ހޮސްޕިޓަލުން ވެސް ވަނީ އެއްމާބަނޑު 10 ކުދީން އެއްވެސް އަންހެނަކު އެ ހޮސްޕިޓަލުގައި ނުވިހާކަމަށް މައުލޫމާތު ދީފައެވެ.

އަންހެން މީހާގެ ފިރިމީހާވެސް އަންހެން މީހާ އެއްމާބަނޑު 10 ކުދީން ވިހޭކަން އެނގިފައި ނުވާކަމަށާއި ވިހޭކަމަށް ބުނާ ކުދީންގެ ތެރެއިން އެއްވެސްކުއްޖަކު ނުދެކޭކަމަށް ވަނީ މައުލޫމާތު ދީފައެވެ.

ސަރުކާރުގެ ވަޒީރަކު ވިދާޅުވި ގޮތުގައި 10 ކުދީން ވިހޭކަމަށް ބުނާ އަންހެން މީހާ 10 ކުދީން ވިހާފައިވާކަމުގެ ހެއްކެއް އަދި އޭނާ އޮޕްރޭޝަނެއް ކޮށްގެން ދަރީން ނެގި ކަމުގެ ހެއްކެއް ވެސް ފެންނާކަށް ނެތެވެ.

އެއްމާބަނޑު 10 ކުދީން ވިހޭކަމަށް ބުނެ ދޮގު ޚަބަރު ފަތުރައި ދޮގު ޑްރާމާއެއް ކުޅުނު އަންހެން މީހާ ކޭޕްޓައުނުން ފުލުހުން މިހާރު ވަނީ ހައްޔަރުކޮށް މައްސަލަ ތަހުގީގުކުރަން ފަށާފައެވެ.

ސަރުކާރުގެ ވަޒީރަކު ވިދާޅުވި ގޮތުގައި އެ މައްސަލަ ތަހުގީގުކޮށް ނިމޭނީ އަންނަ ހަފުތާ ތެރޭގައެވެ.

މައްސަލަ ތަހުގީގުކޮށް ނުނިމުނަސް އަންހެންމީހާ އެއްމާބަނޑު 10 ކުދީން ވިހޭކަމަށް ދޮގު ވާހަކައެއް ފަތުރައި ދޮގު ޑްރާމާއެއް ކުޅުނީ ވޯލްޑް ރެކޯޑު ފޮތުން ޖާގައެއް ހޯދަންކަން މިހާރު ވަނީ ޔަގީންވެފައެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް