މޯލްޑިވް ލޭޑީގެ ނަމުން މަޝްހޫރުވި ޓޯނީ މަރުވެއްޖެ

Loading

Facebook
Twitter
WhatsApp

 

 

ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރި މޯލްޑިވް ލޭޑީގެ ނަމުން މަޝްހޫރުވި ޓޯނީ ޑިލަރޫކް މަރުވެއްޖެ އެވެ.

އިނގިރޭސި ވިލާތަށް އުފަން ޓޯނީ މަރުވުމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ވެސް މިއަދުވަނީ ތައުޒިޔާ ކިއުއްވާފައެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިސްތިހާރުކުރުމަށް ޓޯނީ ކުރި މަސައްކަތް ފާހަގަ ކޮށް 2005 ވަނަ އަހަރު ރައީސް މައުމޫނު ވަނީ ސަރުކާރުންދޭ ހާއްސަ އިނާމު  ޓޯނީއަށް ދެއްވާފަ އެވެ.

އިނގިރޭސިވިލާތުގައި ހުންނަ ރާއްޖޭގެ އޮނަރަރީ ޓޫރިޒަމް ރެޕްރެޒެންޓެޓިވްގެ މަގާމު  1990ގެ އަހަރުތަކުގެ ތެރޭގައި އަދާކުރި ޓޯނީ ޑިލަރޫކް ފަތުރުވެރިންގެ ތެރޭގައި މަޝްހޫރުވެފައިވަނީ ”ދަ މޯލްޑިވް ލޭޑީ“ގެ ނަމުންނެވެ.

ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ފަތުރުވެރިކަން ތަރައްގީ ކުރުމަށް ޓޯނީ ކުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް އޭނާ އަށް ، 1997 ވަނަ އަހަރު މިނިސްޓްރީ އޮފް ޓޫރިޒަމުން ވަނީ ހަނދާނީ ލިޔުމެއް ވެސް ދީފައެވެ.

ފަތުރުވެރިއެއްގެ ގޮތުން  ޓޯނީ ޑިލަރޫކް ފުރަތަމަ ރާއްޖެއަށް އައީ 1980 ވަނަ އަހަރުއެވެ. ޓޯނީ ވަނީ ރާއްޖެއަށް ކުރެއްވި އައުމަށް ފަހު  އެނބުރި ގައުމަށް ގޮސް ރާއްޖެ އިސްތިހާރުކުުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން އިނގިރޭސިވިލާތުގެ އަންހެނުންގެ ސްކޫލްތަކުގަޔާއި، ވިމެންސް ލަންޗަން ކްލަބްތަކުގައި ރާއްޖެއާބެހޭ މައުލޫމާތު ދީ ރާއްޖެއާމެދު މީހުން ޝައުގުުވެރިކުރުވުމުގެ މަސައްކަތް ޓޯނީ ކުރިއެވެ.

އަދި  އިނގިރޭސިވިލާތުގެ ބައެއް ރޭޑިޔޯ ސްޓޭޝަންތަކުން ފޮނުވާ ޕްރޮގްރާމްތަކުގައި، ރާއްޖެއާބެހޭ މައުލޫމާތު ދީ، ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކޮށް، މީހުން ޝައުގުވެރި ކުރުވުމަށްވެސް މަސައްކަތް ކުރިއެވެ.

އަދި މީގެ އިތުރުން ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމުގެ ގޮތުން، އެކިއެކި މަޖައްލާތަކުގައި ރާއްޖެއާމެދު މީހުން ޝައުގުއވެރިވާކަހަލަ މަޒުމޫނުތައް ލިޔައި ޝާއިއު ކުރިއެވެ.

އިނގިރޭސިވިލާތުގެ އެކި ޖަމާއަތްތަކުން އިންތިޒާމުކުރާ ބައްދަލުވުންތަކުގައި ރާއްޖެއާ ބެހޭގޮތުން މައުލޫމާތު ދިނުމުގެ މަސައްކަތާއި، ރާއްޖެއަށް ފަތުރުވެރިން ފޮނުވުމަށްޓަކައި [މޯލްޑިވްސް ޓްރެވަލް]ގެ ނަމުގައި ކުންފުންޏެއް އުފައްދައި، ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތްވެސް ޓޯނީ ވަނީ ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް