އައްމަޓީ ދޫކޮށްލުމަށް ކޯޓުން އަމުރުކޮށްފި

Loading

Facebook
Twitter
WhatsApp

މަކަރާއި ހީލަތުން އެތައް ބައެއްގެ އަތުން ފައިސާ ހޯދުމަށްފަހު ލަންކާގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެނައި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑުގެ ވެރިޔާ އަހްމަދު މޫސާ (އަންމަޓީ) ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އަޅަން ސީލައިފާ ހަވާލުކުރުމުން ފްލެޓް ވިއްކާނެކަމަށް ބުނެ އެކި ފަރާތްތަކުގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅެނިކޮށް އަހްމަދު މޫސާ ސްރީލަންކާއިން ހައްޔަރުކޮށް ރާއްޖެ ގެނެސްފައިވަނީ މާޗްމަހުގެ 24 ވަނަ ދުވަހުއެވެ.

އޭނާ މާލެ ގެނެސް މައްސަލަ ތަހުގީގުކުރުމަށްފަހު އޭނާގެ މައްޗަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ވަނީ ޚިޔާނާތުގެ 42 ދައުވާއެއް އުފުލާފައެވެ. މީ އެނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ ދައުވާ ވަކިވަކިންނެވެ.

 ބަންދުގެ މުއްދަތު ރިވިއުކުރުމަށް މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ވަނީ ބަންދުގައި ބެހެއްޓުމަށް އެދިފައެވެ. ސަބަބަކަށް ބުނީ އޭނާ އަކީ ޝަރީއަތަށް ހާޒިނުވެ ފިލައިގެން ދިއުމުގެ ބިރު އޮތް މީހެއްކަމަށާ، އަދި ހެއްކަށް ނުފޫޒު ފޯރުވަފާނެތީއާއި، މުޖުތަމައުއަށް ނުރައްކާވާކަމުގެ އިހުމާލު އޮތްކަމަށެވެ.

އެހެންނަމަވެސް އަންމަޓީ ބުނީ އޭނާ އަކީ އެއްއިރަކު ވެސް ފިލި މީހެއް ނޫން ކަމަށެވެ. ރާއްޖެއިން ބޭރުގައި ހުރެގެންވެސް ފުލުހުންގެ ތަހުގީގަށް ބޭނުންވާ އެއްބާރުލުން ދީފައިވާނެ ކަމަށް ބުންޏެވެ. އަދި ރާއްޖެ އައީ އަމިއްލަ އިހުތިޔާރުގައި ތަހުގީގަށް އެއްބާރުލުންދީ ޖަވާބުދާރީ ވާން ކަމަށް ވެސް އޭނާ ބުންޏެވެ.

މީގެ އިތުރުން އޭނާ ވަނީ އޭނާގެ ބަލި ހާލަތު ހުރިގޮތުން ބަންދަށް ލުޔެއް ދިނުމަށް އެދިފަ އެވެ. އެގޮތުން އޭނާގެ މައިބަދައިގެ ދެ ނާރު ފިތިފައިވާ ކަމަށާއި ޖަލުގައި އޮންނައިރު އެތައް ތަކުލީފުތަކަކާއި ކުރިމަތިލާން ޖެހޭ ކަމަށެވެ. އެހެންކަމުން އޭނާގެ ބަންދަށް ލުޔެއް ދިނުމަށް ވަނީ އެދިފަ އެވެ.

ދެ ފަރާތުގެ ވާހަކަތަކަށް ރިއާޔަތްކޮށް ގާޒީ ހަސަން ސައީދު ނިންމެވީ އަންމަޓީގެ ބަންދަށް ލުއި ދިނުމަށެވެ. މި މައްސަލައަކީ އޭނާ ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދަން ޖެހޭ މައްސަލައެއް ނޫން ކަމަށް ގާޒީ ވިދާޅުވި އެވެ. އޭނާ ދޫކޮށްފައިވަނީ ދެ ޝަރުތަކާއެކުއެވެ. އެއީ މާލެއިން ބޭރަށް ނުދިއުމަށާއި، ރާއްޖެއިން ބޭރަށް ފުރައިގެން ނުދިއުމަށް ޝަރުތުކޮށްފައެވެ.

ސީލައިފުން ހުޅުމާލޭގައި 3000 އެޕާޓްމަންޓު އެޅުމަށް ބޮޑު މަޝްރޫއެއް އިއުލާނު ކުރީ 2016 ވަނަ އަހަރުގައެވެ. ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ޚިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ 200 އަށްވުރެ ގިނަ މީހުން ވަނީ އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލައިގެ ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްތަކަށް 45 މިލިއަން ރުފިޔާގެ ބަދަލެއް ކަނޑައަޅާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކުން ފްލެޓް ގަތުމަށް ފުރުސަތު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަ ވަނީ ހައްލުކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި 3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ.

އަހްމަދު މުސާގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުވެއްޖެނަމަ އޭނާގެ މައްޗަށް 65 އަހަރުގެ ޖަލު ހުކުމެއް އަންނާނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް