ހުޅުމާލެ ދެވަނަ ފިޔަވަހީގައި ސަރުކާރުން އަޅަމުން އަންނަ “ ވިނަރެސް“ ފްލެޓްތައް މިއަންނަ މަހު ވިއްކުމަށް ހުޅުވައިލާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނު ( އެޗްޑީސީ)ން ބުނެފި އެވެ.
ހުޅުމާލޭގައި އިމާރާތްކުރާ 1،000 ހައުސިން ޔުނިޓް އިފްތިތާހު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ، ވިނަރެސް ފްލެޓްތަކުގެ ގާތްގަނޑަކަށް 45 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.
ވިނަރެސް މަޝްރޫގައި ހުންނަނީ ތިން ކޮޓަރީގެ 1344 ފްލެޓެވެ. އެއީ 902 އަކަފޫޓާއި 883 އަކަފޫޓުގެ ފްލެޓް ތަކެވެ. މަޝްރޫއުގައި 13 ބުރީގެ 10 ޓަވަރު ހިމެނެއެވެ.
ވިނަރެސް ޓަވަރުތަކުގައި ހަތަރު ވައްތަރެއްގެ ފްލެތްތައް ހުރެއެވެ. އެއީ މެރީނާ ވިއު އާއި އިނާ ވިއު އަދި އައުޓާ ވިއުގެ އިތުރުން ސްޓޭންޑާޑް ވިއު އެވެ.
މި ފްލެޓްތަކުގެ މަޝްރޫއު ފެށިއިރު އެޗްޑީސީން ބުނީ މި ތަނުގެ މަސައްކަތް މި އަހަރުގެ ޖުލައި އަށް ނިމާނެ ކަމަށވެ. އޭގެ ފަހުން މި އަހަރުތެރޭ އިތުރު ތާރީހެއް ދިނެއެވެ. އެތާރީހަކީ އަންނަ އަހަރުގެ މެއިމަހެވެ.
އެޗްޑީސީން ކުރިން ބުނެފައިވާ ގޮތުގައި އެ އެޕާޓްމަންޓްތައް ގަންނަ މީހުންގެ ކިބައިގައި ވަކި ޝަރުތުތަކެއް ވެސް ފުރިހަމަވާން ޖެހެ އެވެ. އެގޮތުން 18-60 އަހަރާ ދެމެދުގެ މީހުންނަށް އެ ފުރުސަތު ދޭނެ އެވެ. އެޗްޑީސީން ބުނީ، އެޕްލިކެންޓާ ކޯ އެޕްލިކެންޓްގެ މުސާރަ ހިމަނާ ނަމަ، ފާއިތުވި 12 މަސް ދުވަހުގެ ތެރޭގައި ދާއިމީ ވަޒީފާއެއްގައި އުޅުނު ބަޔަކަށް ވުން ފަދަ ޝަރުތައް ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.