ރަށްރަށުގައި ގެދޮރ އިމާރާތްކުރުމަށް “ ގެދޮރުވެރިޔާ ލޯން ސްކީމް“ގެ ނަމުގައި ލޯންސްކީމެއް ދޫކުރަން ސަރުކާރުން ނިންމައިފިއެވެ.
މި ލޯން ސްކީމްގެ ދަށުން ހަތް ލައްކަ ރުފިޔާ އާއި ހަމައަށް ހަ ޕަސެންޓްގެ އިންޓަރެސްޓް ރޭޓުގަ ލޯން ދުކުރުމަށް ވަނީ ނިންމާފައެވެ.
ލޯންސްކީމް މައުލޫމާތު ދެއްވަން މިރޭ އޮންލައިންކޮށް ބޭއްވި މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވީ މި ލޯން ސްކީމްގެ ދަށުން ގެދޮރު އިމާރާތްކުރަން ބޭނުންވާ ފަރާތްތަކަށް ލުއި ގޮތްތަކެއް ލިބިގެން ދާނެކަމަށެވެ.
”ހަދަން ފަށާފައިވާ ގެ ނިންމާލުމަށްޓަކައި ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ގިނަވެގެން ހަތް ލައްކަ ރުފިޔާ ކޮންމެ ފަރާތަކަށް ދޫކުރެވޭނެ. އެހެންކަމުން މިއަދު މި ފަށާ ލޯނު ސްކީމުގެ ދަށުން ރާއްޖޭގެ އެކި ރަށްރަށުގައި ބޯހިޔާވަހިކަން ބޭނުން ވެފައިވާ ފަރާތްތަކަށް ލުއިގޮތެއްގައި އެކަން ކޮށް ނިންމާލުމުގެ ފުރުސަތު ފަހިވެގެން ދާނެ،“ ރައީސް ވިދާޅުވި އެވެ.
މި ލޯނު ސްކީމުގައި ބައިވެރިވުމަށްޓަކައި މޯގޭޖުގެ ގޮތުގައި ނުވަތަ ރަހުނުގެ ގޮތުގައި ހަމައެކަނި ދައްކަން ޖެހޭނީ އެމީހާއަށް ލިބިފައި އޮތް ގޯތި ނޫންނަމަ އެމީހާއަށް ލިބިފައިވާ ގޯތީގައި ހަދަން ފަށާފައިވާ އިމާރާތެވެ. އަދި ލޯނަށް އެންމެ ގިނަވެގެން މަހެއްގެ މައްޗަށް ދައްކަން ޖެހޭނީ 5000 ރުފިޔާ އެވެ.
އެޗްޑީއެފްސީ މެދުވެރިކޮށް ކުރިއަށް ގެންދާ ސްކީމްގައި, ހަ ޕަސެންޓުގެ އިންޓްރެސްޓެއްގައި ދޫކުރާ މި ލޯން ދައްކައި ނިންމަން ޖެހޭނީ ގިނަވެގެން 20 އަހަރުގެ ތެރޭގަ އެވެ. ގްރޭސް ޕީރިއަޑްގެ ގޮތުގައި 12-15 މަހުގެ މުއްދަތެއް ލިބޭއިރު މި ލޯނަށް ޑިޕޮސިޓް ދައްކަން ނުޖެހޭނެ އެވެ.
ގެދޮރުވެރިޔާ ލޯން ސްކީމްދޫކުރަނީ:
އަމިއްލަ ގޯތީގައި އަލަށް ގެއެއް އަޅަން ނުވަތަ ނުނިމި ހުރި މަސައްކަތްތައް ކުރުމަށް
ހަދަން ފަށާފައި ނުނިމި ހުރި އިމާރާތަށް ބައެއް އިތުރުކުރަން ވެސް ލޯނަށް އެދެވިދާނެ.
އެކަކަށް އެންމެ ގިނައިން ދޫކުރަން ނިންމާފައި ވަނީ 700,000ރ
ލޯނަށް އެދޭ ފަރާތުގެ ނަމުގައި ބިމެއް ރަޖިސްޓްރީ ކުރެވިފައި އޮންނަންޖެހޭ
ބިން ރަޖިސްޓްރީ ކޮށްފައިވާ ރަށުގެ ރަށްވެއްސެއް ކަމުގައި ވާންޖެހޭ
ރަށްވެހިވެފައިވާ ރަށުގައި ލޯނަށް އެދޭ ފަރާތް ނުވަތަ އާއިލާ ދިރިއުޅުން ބިނާކޮށް އެރަށުގައި ދިރިއުޅޭތާ ތިން އަހަރު ވެފައިވުން
ލޯނަށް އެދެނީ އަލަށް އިމާރާތް ކުރުން ކަމުގައި ވާ ނަމަ ލޯނަށް އެދޭ ފަރާތުން މުޅި ޕްރޮޖެކްޓުގެ 20 ޕަސެންޓް ޕްރޮޖެކްޓަށް ލާން ޖެހެ އެވެ. ނަމަވެސް މި ފައިސާ، ނަގުދު ފައިސާގެ ގޮތުގައި ނުވަތަ ބޭންކް އެކައުންޓެއްގައި ހުރުން ލާޒިމެއް ނުވެ އެވެ.