ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް މިދިޔަ މަހު ހައެއްގައި ދިން ހަމަލާއާ ގުޅިގެން ހަތިޔާރުއެޅި ބޮޑު ފައުޖަކުން ޖަލުތަކުގައި މިއަދު ހިންގި ހާއްސަ އޮފަރޭޝަނުގައި ތިން ގައިދީއަކަށް އަނިޔާ ވެއްޖެ އެވެ.
ފުލުހުން ބުނީ މިއަދު ހިންގި އޮޕަރޭޝަނުގައި ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވާނެ ކަމަށާ، ޕެޕަރ ސަބަބުން ސިއްހީ ފުރަތަމަ އެހީ އެ ދެ ގައިދީއަކަށް ފޯރުކޮށްދީފައިވާނެކަމަށެވެ.
އޭގެ އިތުރުން، މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން ބުންޏެވެ.
މާލެ ޖަލާއި މާފުށީ ޖަލުގައި ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މިއަދު ހިންގި އޮޕަރޭޝަންގައި ފުލުހުން ބަލާފާސްކުރި ގޮޅިތަކުން ގިނަ އަދަދެއްގެ ފޯނާއި ސިމްކާޑު ވެސް ހޯދައިފައިވާކަމަށް ފުލުހުން ބުނެއެވެ.
އެގޮތުން މާލެ ޖަލުން، ސިމް ކާޑާއެކު އެއް ފޯން އަދި މާފުށި ޖަލުން،ސިމް ކާޑާއެކު 43 މޯބައިލް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށްގެނެސް ފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންވަނީ މިއަދުގެ އޮޕަރޭޝަނުގައި ހޯދި ތަކެތި ކަމަށް ބުނެ ފޯނުތަކާއި އަދި ހަރުކަށި ފިކުރާގުޅޭ މައުލޫމާތު ކަމަށް ބެލެވޭ ފޮތްތަކެއްގެ ފޮޓޯތަކެއް އާންމުކޮށްފަ އެވެ.
ފުލުހުން ބުނީ ޖަލުން ފެނުނުތަކެތީގެ މައްސަލަ ތަހުގީގުކުރަމުން ދާކަމަށެވެ.
ފުލުހުން ބުނީ މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމަތަކީ ދޮގު މައުލޫމާތެއްކަމަށެވެ.
ހަތިޔާރާއެކީ ގިނަ އަދަދއްގެ މަށްޗަށް އެކުލެވޭ ފައުޖެއް ހިންގި މި އޮޕަރޭޝަން ފެށީ މިއަދު ފަތިހު ފަހެއްގައެވެ. އަދި މި އޮޕަރޭޝަން ނިންމާލާފައިވާނީ އިރުއޮއްސި ހައެއް ޖަހަން އުޅެނިކޮށެވެ.
ޖަލަކީ ހަރުކަށިފިކުރު އެންމެ ބޮޑަށް ފަތުރާ އެއްތަނެއްގެ ގޮތުގައި ތުހުމަތުކުރާތަނެކެވެ. ނަޝީދުގެ ހަމަލާއާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި މާފުށީ ޖަލުގައި ތިބިމީހުން އުޅެއެވެ. އެމީހުން ހަރުކަށި ފިކުރަށް ބަދަލުވީ ޖަލުންކަމަށް ތުހުމަތުކުރެވެއެވެ.