ޝަރީއަތުގައި އޮންލައިންކޮށް ބައިވެވޭނެގޮތް ހަދައިދިނުމަށް އަލީވަހީދު އެދިއްޖެ

Loading

Facebook
Twitter
WhatsApp

 

ޖިންސީގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާތަކާ ގުޅިގެން މާދަމާ ބާއްވާ ޝަރީއަތުގެ އަޑުއެހުމުގައި އޮންލައިންކޮށް ބައިވެރިވެވޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އަލީ ވަހީދު އެދިވަޑައިގެންފި އެވެ.

އަލީ ވަހީދުގެ ޕާސްޕޯޓް ދޫކޮށްލުމަށް ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ)އާ އެކު ވެފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާ ތާރީހަށް ތާވަލުކޮށްފައިވާ މި އަޑުއެހުމަށް

ވީޑިއޯ ކޯލެއް މެދުވެރިކޮށް ބައިވެރިވުމުގެ އިންތިޒާމު ހަމަޖައްސައިދިނުމަށް އެދިވަޑައިގެން ކްރިމިނަލް ކޯޓަށް އަލީ ވަހީދު ވަނީ ސިޓީއެއް ފޮނުއްވާފައެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓާއި ހައިކޯޓުގެ ނިންމުމެއްގައި ދައުވާ ލިބޭ މީހާގެ ޣައިރު ހާޒިރުގައި ޖިނާއީ މައްސަލަތައް ކުރިއަށް ނުގެންދެވޭނެ ކަމަށް ވަނީ ކަނޑައަޅާފަ އެވެ.

އޭނާގެ މައްޗަށް ޖިންސީ ގޯނާގެ ބޮޑެތި ދައުވާތަކެއް އުފުލާފައި ވަނިކޮށް ބޭސް ފަރުވާއަށް ރާއްޖޭން ވަޑައިގަތުމަށް ދިން ހަތަރު މަހުގެ މުއްދަތު ވެސް މިއަދަށް ހަމަވާނެ އެވެ.

އަލީ ވަހީދަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ޖިންސީ އަނިޔާކުރުމުގެ ކުށުގެ ދައުވާ، ރޭޕް ކުރަން އުޅުމުގެ ކުށުގެ ދައުވާ، ބޭއަދަބީ ގޮތުގައި ޖިންސީ ގުނަވަން ހާމަ ކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާ ކުރުމުގެ ކުށުގެ ދައުވާ، ޖިންސީ ގޯނާ ކުރަން އުޅުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނޫން ޖިންސީ މުއާމަލާތެއް ހިންގުމަށް އެދުމުގެ ދެ ދައުވާ އެއް ހިމެނެއެވެ.

އަލީ ވަހީދަށް ދައުވާކޮށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޕާސްޕޯޓް ދޫކުރަން ކޯޓުން އަމުރުކުރުމުން ބޭސް ފަރުވާއަށް ކަމަށް ވިދާޅުވެ އަލީ ވަހީދު ވަނީ ތުރުކީ އަށް ވަޑައިގެންފަ އެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓާ ފުރަން މަނާކުރަން ކްރިމިނަލް ކޯޓުން ކުރިން ނެރެފައި އޮތް އަމުރެއް ފަހުން އެ ކޯޓުން ބާތިލުކުރީ އޭނާގެ ސިއްހީ ހާލަތާއި ގުޅޭގޮތުން ހުށަހެޅުއްވި ލިޔުންތަކެއްގެ މައްޗަށް ބިނާ ކޮށްފަ އެވެ.

އެ އަމުރުގައި ބުނެފައިވަނީ އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން ޖެހޭކަން ކަށަވަރު ކުރުމުގެ ގޮތުން ޑރ. ޔޫސުފް ޝާން ކޯޓަށް ހާޒިރުކޮށް އޭނާގެ ވާހަކަތައް އަޑު އަހާފައިވާ ކަމަށެވެ. އަދި އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދައުލަތުން އިއުތިރާޒު ކޮށްފައި ނުވާ ކަމަށްވެސް އަމުރުގައިވެ އެވެ.

އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްފަހު އެނބުރި ވަޑައިނުގެންފާނެތީވެ އޭނާ ފުރަން ކޯޓުން ހުއްދަ ދިނީ އަލީ ވަހީދަށް ޖާމިނުވާނެ ފަރާތެއްގެ ނަން ކޯޓަށް ހުށަހެޅުމުން އެއްބަސްވުމެއް ހެދުމަށްފަހު އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނެރުއްވި އަމުރުގައިވާ ގޮތުން އަލީ ވަހީދުގެ މައްސަލައަށް ޖާމިނުވެފައިވަނީ އޭނާގެ ގާތް އެކުވެރިއެއް ކަމަށްވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްއަދު އަލީ (އަޑުބަރޭ) އެވެ. ޖާމިނުވާ ފަރާތަކީ އަސްލު މައްސަލަ ރައްދުވާ ފަރާތް ޝަރީއަތަށް ހާޒިރު ނުވެ ފިލައިފިނަމަ އަދަބު ލިބޭނެ ފަރާތެކެވެ.

މާދަމާއަށް އަޑުއެހުމެއް ތާވަލްކުރީ ޖާމިނުވި ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދަށް ފިޔަވަޅު އަޅައިދިނުމަށް އެދި، ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަޑުއެހުން ތާވަލުކޮށްދޭން ކްރިމިނަލް ކޯޓުގައި އެދިފައިވަނިކޮށެވެ.

ދައުލަތުން ވަނީ އަލީ ވަހީދު ފިލާފައިވާ ކަމަށް ބަލައި ޖާމިނުވުމަށް ހަދާފައިވާ އެއްބަސްވުމާ އަސްއަދު ހިލާފުވެފައިވާ ކަމަށް ފެންނާތީ އެކަމުގެ އަދަބެއްގެ ގޮތުގައި އަސްއަދުގެ މައްޗަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް ކަނޑައަޅައިދިނުމަށް އެދިފަ އެވެ.
މި މައްސަލާގައި ޖޫން މަހުގެ 10 ވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެ ކަމަށް އަންގާފައިވާތީ އެ ދުވަހުގެ އަޑުއެހުމުގައި ކޯޓުން އަސްއަދަށް ފިޔަވަޅު އެޅުމާ މެދު ގޮތެއް ނިންމާނެ ކަމަށް ދައުލަތުން ދެކެ އެވެ.
އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ނެރެފައި އޮތް އަމުރު ބާތިލުކުރި މައްސަލައާ ގުޅިގެން އެ އަމުރު ނެރުއްވި ކްރިމިނަލް ކޯޓްގެ ގާޒީ ހަސަން ސައީދުގެ މައްސަލަ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިހާރު ދަނީ ބަލަމުންނެވެ.

 

 

Top of Form

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް