ސްރީލަންކާ ކަނޑުގެ ސަރަހައްދުގައި އޮތް އާގުބޯޓެއްގައި އަލިފާން ރޯވި ކާރިސާގެ ސަބަބުން އެ ސަރަހައްދުގެ ތިމާވެއްޓަށް ދަނީ ނޭދެވޭ ސަރުތަކެއްކޮށް ބޮޑެތި ގެއްލުންތަކެއް ލިބެމުންނެވެ. މީގެ 13 ދުވަސްކުރިން ރޯވެފައިވަނީ ނައިޓްރިކް އެސިޑު ފަދަ ކެމިކަލްއާއި 350 ޓަނުގެ ތެޔޮ އުފުލަމުން ދިޔަ އާގުބޯޓެއްގައެވެ.
ސްރީލަންކާގެ ނޭވީ އާއި އިންޑިޔާގެ ކޯސްޓްގާޑު ގުޅިގެން ދަނީ މި މައްސަލަ ހައްލުކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އަދި މި ކަމާ ގުޅިގެން ސްރީލަންކާގެ މެރީން އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޮތޯރިޓީ ( އެމް.އީ.ޕީ.އޭ) އިން ވަނީ އެމް.ވީ ޕާރލް އެކްސްޕްރެސް ނަމަކަށް ކިޔާ މި ބޯޓުގައި ހިނގާފައިވާ އަލިފާނުގެ ހާދިސާއާ ގުޅިގެން ތިމާވެއްޓަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކެމަށް ބުނެފައެވެ. އަދި މިކަން ކޮންޓްރޯލް ނުކުރެވި އެ ބޯޓު އަޑިޔަށް ގޮސްފިނަމަ އެ ބޯތުގައި ހުރި ތެޔޮ ލީކުވުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށްވެސް އެމް.އީ.ޕީ.އޭ ގެ ތަރުޖަމާނު ވަނީ ވިދާޅުވެފައެވެ.