ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ ސެކިއުރިޓީއާ ގުޅޭގޮތުން ”މިހާރު“ ނޫހުގައި ލިޔެފައިވާ ރިޕޯޓެއްގައި ހިމަނާފައިވާ މައުލޫމާތަކީ އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ލީކް ކުރި މައުލޫމާތުކަމަށް ބެލެވޭ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.
”ކެނެރީގޭގައި ސެކިއުރިޓީ ނުދެވޭނެ ކަމާއި ނުރައްކާ އޮތް ކަން ނަޝީދަށް އެމްއެންޑީއެފުން އެންގި ކަމަށް ބުނެ ސިއްރު މައުލޫމާތުތަކެއް ”މިހާރު“ ނޫހުގައި ޝާއިއު ކުރި މައްސަލައެއް ވަރަށް ބޮޑަށް ހޫނުވެފައެވެ.
މި މައްސަލައާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރިއަށްދިޔަ ބަހުސްގައި ވާހަކަ ދައްކަވަމުން މެމްބަރު އާދަމް ޝަރީފު ވިދާޅުވީ އެ ލިޔުމަށް ބަލާއިރު، ރައީސް ނަޝީދުގެ ސެކިއުރިޓީއާ ގުޅޭ ގޮތުން މައުލޫމާތުތައް ލީކް ކުރީ އަސްކަރިއްޔާއަށް ވުރެ ބޮޑަށް އަސްކަރިއްޔާއިން ރިޕޯޓްކުރާ މީހަކު ކަމަށް ބެލެވޭ ކަމަށެވެ.
”އަޅުގަނޑު އެ އާޓިކަލް ކިޔާލާއިރު މި އިންނަނީ އެމްއެންޑީއެފްއިން އެ ފުރުސަތެއް ނުދޭނެއޭ. މި އިބާރާތް އޮންނަ ގޮތަށް ބަލާލާއިރު ވާހަކަތައް ހާމަވެގެން ގޮސް މިއޮތީ ސީދާ އެމްއެންޑީއެފުންނޭ ބުނުމަށް ވުރެ ބޮޑަށް ބޮޑަށް ގަބޫލު ކުރެވެނީ ދެވަނަ މީހެއް ނުވަތަ ތިން ވަނަ މީހެއް އެ ވާހަކަތައް ދައްކާފައިވާ ކަމަށް. މިއީ އަސްކަރިއްޔާއިން ހާމަކުރި މައުލޫމާތުތަކަށް ވުރެ ބޮޑަށް އަސްކަރިއްޔާއިން އެ މައުލޫމާތު ރިޕޯޓްކުރާ ފަރާތްތަކުގެ ތެރެއިން ކޮންމެ ވެސް އެއް ފަރާތަކުން ހިއްސާކޮށްފައި އޮތް މައުލޫމާތުތަކެއް ކަމަށް ގަބޫލު ކުރެވޭ“ އާދަމް ވިދާޅުވި އެވެ.
ސިފައިން ލީކްކޮށްލި މައުލޫމާތުތަކަށް ވުރެ ބޮޑަށް އެއީ އެފަދަ މައުލޫމާތުތައް ލިބޭ ސިޔާސީ ކުލަ ޖެހިފައިވާ މީހަކު ލީކު ކޮށްލި މައުލޫމާތުތަކެއް ކަމަށް ޝަރީފް ދެކެވަޑައިގަންނަވަ އެވެ.
އާދަމް ވިދާޅުވީ މި މައްސަލަ އާ ގުޅިގެން މުޅި އަސްކަރިއްޔާ ބަދުނާމު ކޮށްގެން ނުވާނެކަމަށެވެ.
“ އަބަދު މުޅި އެމްއެންޑީއެފް ބަދުނާމް ކުރުމުގެ ބަދަލުގައި އަޅުގަނޑު ހިތުން އެބަ ވިސްނަން ޖެހޭ މިކަންކަން މި ހިނގަމުން ދަނީ ކިހިނެއް ވެގެންތޯ؟ ބަލާފައި ފިޔަވަޅު އެޅުމަކީ މުހިންމު ކަމެއް“ އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ބަލައި ތަހުގީގު ކުރަން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީއަށް އޭނާ ވަނީ ގޮވާލެއްވި އެވެ.
ރައީސް ނަޝީދަށް ހަމަލާ ދިން ވަގުތު އެތަނުގައި ތިބި ސެކިއުރިޓީން އަމަލު ކުރި ގޮތާމެދު ތައުރީފް ކުރައްވައި އާދަމް ޝަރީފް ވިދާޅުވީ އެ ބޭފުޅުންގެ ކިބައިން ފެނިގެން ދިޔައީ ހުޝިޔާރުކަމާއި ގާބިލްކަން ކަމަށެވެ.