ކެމެރާ ބްރޭޑްގެ ދަރިންނާއެކު ކެމެރާގެ ތެރޭ ދިރިއުޅޭ ފޮޓޯގްރާފަރު

Loading

Facebook
Twitter
WhatsApp

ކޮންމެ ކުއްޖަކީ ވެސް ކުޑައިރު އެކިކަހަލަ ކަންކަމަށް ޝައުގުވެރިވާ ކުދިންނެވެ. ކުއްޖާ ބޮޑުވާ ވަރަކަށް ކުއްޖާގެ ވިސްނުމާއި ހުނަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުއްޖާ ޝައުގުވެރިވާ ކަންކަމާއި ގަޔާވާ ކަންކަމަށް ވެސް ބަދަލުތަކެއް އާދެއެވެ.

ބޮޑުވެގެން ވާން ބޭނުންވަނީ އެވެނި މިވެނި ދާއިރާއެއްގެ މިވެނި މީހަކަށޭ ބުނުމަކީ ކުޑަކުދިންގެ އާދައެކެވެ. މި ދަންނަވާ ޝައުގު ވެރިކަމަކީ ކުއްޖާ ބޮޑުވަމުން އަންނަވަރަކަށް ބަދަލުވާ ކަންކަމެވެ. ބޮޑުވެގެން ވާންބޭނުންވަނީ ޕައިލެޓަކަށޭ ބުނެފަ ދުވަސް ކޮޅެއްފަހުން ތިމަންނަ ބޭނުންވަނީ ޑޮކްޓަރަކަށް ވާށޭ ކުދިން ބުނަނީ މިހެންވެއެވެ.

ނަމަވެސް ކުޑަ އިރުއްސުރެ އެއްކަމަކަށް ލޯބިކުރާ އެއްކަމަކަށް ޝައުގު ވެރިކަން ބަހައްޓާ މީހުން މަދެއްނޫނެވެ.  ހޮބީ އެއްގެ ގޮތުގައި ތިމާ ކުރަންފަށާ ކަންކަންމުޅި ދިރިއުޅުން ބައްޓަންކޮށް އެކަމުގެ ތެރޭގައިތިމާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ފައްތަން އުޅޭ މީހުން ވެސް އުޅެއެވެ.

އޭގެ ތެރެއިން އެކަކީ އަވައްޓެރި އިންޑިއާގެ ކަރުނަޓަކާ ސްޓޭޓްގެ ބެލްގާމް ސިޓީއަށް ނިސްބަތްވާ ފޮޓޯގްރާފަރެއް ކަމުގައިވާ ރަވީ ހޮންގާލް އެވެ.

ރަވީ އަށް ކުޑައިރު ޕެންޓެކްސް ކެމެރާއެއް ލިބުނެވެ. އެކެމެރާއިން އޭނާ ދިރިއުޅޭ ސަރަހައްދުގެ އެކި ތަންތަން ފޮޓޯ ނެގަންފެށީ އެއާ މެދުވީ ޝައުގުވެރިކަމަކުންނެވެ. މި ޝައުގުވެރިކަން ދުވަހުން ދުވަހަކަށް ދިޔައީ އިތުރުވަމުންނެވެ. ކެމެރާދެކެ އިންތިހާއަށް ލޯބިވާން ފެށުނެވެ.

އެއާއެކު އޭނާ ގިނަ ވަގުތުތައް ހޭދަކުރަންފެށީ އޭނާ ދިރިއުޅޭ ސަރަހައްދުގެ މީހުންގެ ފޮޓޯތަކާއި ސަަރަހައްދުގެ ގުދިރަތީ ރީތި މަންޒަރުތައް ފޮޓޯނެގުމަށެވެ.

މި ރީތި މަންޒަރުތަށް ރަވީގެ ލެންސަށް އަރުވަ އަރުވާ ހުއްޓާ އޭނާ ބޮޑުވެ އާމް ދާނީ ހޯދަން ވެއްޖެއެވެ. ދެންވެސް އަތުން ކެމެރާ ދޫކޮށްލަން އޭނާ ގަސްތެއްނުކުރިއެވެ. އާމްދަނީ ހޯދީވެސް ހަމަ ފޮޓޯނެގުމުންނެވެ. ނުވިތާކަށް ފޮޓޯނެގުން ފުޅާކޮށް ވިޔަފާރިވެސް ހިންގަންފެށީއެވެ.

ހޮބީ ގޮތުގައި އޭނާ ފެށި ފޮޓޯގްރަފީ ވެގެންދިޔައީ އޭނާގެ މުޅި ދިރިއުޅުން ކެމެރާގެ ތެރެއަށް ވައްދައިލި ކަމެއްގެ ގޮތުގައެވެ. ހަގީގަތުގައި ވެސް ކެމެރާތެރެއަށް އޭނާ ވަނީއެވެ. ދިރިއުޅުމަށްޓަކައެވެ. އަނބި ދަރިންނާ ވެސް އެކުގައެވެ. އޭނާ ކެމެރާ ތެރެއަށް ނުވަދެފަ ކޮބައިހެއްޔެވެ. ރަވީ އާއި އެނާގެ އަނބި ރާނީ އަދި އެ ދެމީހުންގެ ތިން  ދަރިން ދިރިއުޅެނީ ކެމެރާ ބައްޓަމަށް ހަދައިފައިހުރި ގެ އެއްގައެވެ.

ތިން ބުރިއަށް ނަގާފައި ވާ އޭނާގެ ގޭގެ ނަމަކީ “ ކްލިކް“ އެވެ. ކެމެރާގެ ލެންސްއަކީ ގޭގެ ކުޑަ ދޮރެވެ. އަދި ރޭގަނޑު ވުމުން ކެމެރާގެ ފްލޭޝްވާހެން ލައިޓް ހަރުކޮށްފައި ހުރެއެވެ.

އަދި މިވަރަކުން ނިމުނީ އެއް ނޫނެވެ. ރަވީގެ ތިން ފިރިހެން ދަރިންނަށް ވެސް ނަންދީފައިވަނީ ދުނިޔޭގެ މަޝްހޫރު ކެމެރާގެ ބްރޭންޑްތަކުގެ ނަންތަކުންނެވެ. އެއީ އެޕްސޯން، ކެނޯން އަދި ނިކޯން އެވެ. މި ތިން ދަރިންގެ ނަންތައް އެގޭގެ ފާރުގެ އެކި ހިސާބުތަކުގައި ލިޔެފައި ވެއެވެ.

މީހަކު އޭނަގެ ހޮބީއަކަށް ކުޑައިރު ކުރަންފަށާ ކަމެއް މުޅި ދިރިއުޅުމުގެ ތެރެއަށް ވައްދާލާނީ މިވަރަކަށް ނޫންތޯއެވެ.

ބުނެބަލާށެވެ. ތިބާގެ ދިރިއުޅުމާއި ކުޑައިރުގެ ހޮބީ އާއި މިހާރު ކިހާވަރެއްގެ ގުޅުމެއް އެބައޮތް ހެއްޔެވެ؟

 

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް