ހަރުކަށިފިކުރުގެ ތުހުމަތުގައި އިތުރު ތިން މީހަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ހަރުކަށި ފިކުރުގެ މީހުން ހޯދުމަށް ފުލުހުން ހިންގަމުންއަންނަ އޮޕަރޭޝަނެއްގެ ދަށުން އިތުރު ތިން މީހަކު ހައްޔަރު ކޮށްފި އެވެ.

ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އަނެއް މީހާ ހައްޔަރުކުރީ ރޭގެ ދަންވަރުގެ ވަގުތެއްގައެވެ.

ހައްޔަރުކުރި މީހުންގެ މައުލޫމާތު މިހާތަނަށް ފުލުހުން އާންމު ކޮށްފައި ނުވި ނަމަވެސް މައުލޫމާތު ލިބޭގޮތުގައި މި ތިން މީހުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިޒަމްގެ ހަމަލާއާއި ގުޅުންހުރެގެން ހައްޔަރު ކުރި ބައެއް ނޫންނެވެ.

މި ތިން މީހުންނަކީ ގްރޭޓާ މާލެ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކުރި ތިން މީހުންނެވެ.

މި މަހުގެ ހަ ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކުރި ޓެރަރިޒަމްގެ ހަމަލާއަށް ފަހު ހަރުކަށި ފިކުރުގެ މީހުން ހޯދަން ފުލުހުން ދަނީ މުޅި ރާއްޖޭގައި އޮޕަރޭޝަނެއް ކުރިއަށް ގެންދަމުންނެވެ.މި އޮޕަރޭޝަންތަކުން މިހާތަނަށް 17 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ފުލުހުން ތުހުމަތު ކުރާ ގޮތުގައި މިއޮޕަރޭޝަންތަކުގެ ތެރެއިން އައްޑޫ ސިޓީން ހައްޔަރުކުރި މީހުންނަކީ ހަތިޔާރާއި ބޮން އުފައްދަމުން އަންނަ ބައެކެވެ. އަދި މާލެއިން ހައްޔަރުކުރި މީހުންގެ ތެރޭގައި 2007 ވަނަ އަހަރު އއ ހިމަންދޫގައި ހިންގި ހަމަނުޖެހުންތަކުގައި ހައްޔަރުކޮށް ޖަލަށް ލުމުން ދެ ފަހަރެއްގެ މަތިން ޖަލުން ފިލި އަބްދުﷲ އަލީ މަނިކު ހިމެނެއެވެ. އަދި މީގެ ތެރޭގައި ސިރީޔާއަށް ދަނިކޮށް ތުރުކީ ބޯޑަރުން ހައްޔަރުކޮށް ރާއްޖެ ގެނައި މީހެއްވެސް ހިމެނެއެވެ.

ސައިކަލެއްގައި ބޮމެއް ހަރުކޮށް ގޮއްވާލައިގެން ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

އެއީ ވ. ތިނަދޫ، ހިޔާ، އަހްމަދު އަދުހަމް 25، އާއި، ގއ. ކޮނޑޭ، ފޮޅޭމާ، ތަހްމީން އަހްމަދު 32، އާއި، މއ. ފޭރުގެ، މުޖާޒު އަހްމަދު 21، ގެ އިތުރުން ލ. ގަން، ދުންފިނި އުފާ، އަހްމަދު ފާތިހު 23، އެވެ.

އެމީހުންގެ ތެރޭގައި މި ބޮން ގޮއްވާލަން އަމަލީ ގޮތުން މަސައްކަތް ކުރި މީހާއާއި ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި މީހާވެސް ހިމެނޭކަމަށް ފުލުހުން ބުނެއެވެ.

މި ހަތަރު މީހުންނަށް ވެސް ކޮވިޑް-19 ޖެހިފައިވާތީ އާއި އަދި ތަހުގީގު ޓީމުގެ ބައެއް މެމްބަރުން ވެސް ކޮވިޑަށް ޕޮޒިޓިވްވެފައިވާތީ މައްސަލައިގެ ތަހުގީގަށް ލަސްތަކެއް އައިސްފައިވާކަމަށް ހޯމް މިނިސްޓަރ ނިމިދިޔަ ހަފްތާގައި ވަނީ ވިދާޅުވެފައެވެ.

މި ހަމަލާގައި ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ޒަހަމްތަކަށް ރާއްޖެއިން ފަރުވާ ހޯއްދެވުމަށްފަހު އެމަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާއަށް ޖަރުމަނުގައެވެ.

Loading

One Response

  1. ރަސޫލުﷲ އަށް ފުރަށްސާރަ ކުރާ މީހުންނަކީވެސް ހަރުކަށި ފިކުރުގެ މީހުންކަމާއި އިސްލާމީ މި މުޖުރަމައުގައި ނަފުރަތާއި ފަސާދަ އުފަށްދަން ގަސްދުގައި ނޭންގާނީ ޢަމަލު ހިންގާ ބައެއްކަމުގައި ހައްދަވާށެވެ. އެނޫނީ ތިކުރާ ކަންތައްތަކުގެ ހެޔޮނަތީޖާ ލިބުން ގާތައްވުރެ ދުރުވެދާނެއެވެ. ދެފަރާތުގެ ހަރުކަށި ނަފުރަތުތަކަށް އެއްވަރަކަށް އިންސާފުވެރިކޮށް ޖަވާބު ދެއްވަށެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް