ތުހުމަތުތަކަށް އިންކާރު ކުރައްވައި ގާޒީ އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވައިފި

Loading

Facebook
Twitter
WhatsApp

 

 

ޖުޑީޝަލް ސަރވިސް ކޮމިޝަނު( ޖޭއެސްސީ)ން ގާޒީ އިސްމާއީލް ރަޝީދާ މެދު ކޮށްފައިވާ ތުހުމަތުތަކަށް އިންކާރުކުރައްވައި އިސްތިއުފާ ދެއްވައިފި އެވެ.

އިސްމާއީލް ރަޝީދު އިސްތިއުފާ ދެއްވާފައި މިވަނީ އޭނާ މަގާމުން ވަކި ކުރުމަށް ޖޭއެސްސީން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފައި ވަނިކޮށެވެ.

ޖޭއެސްސީން ވަނީ އިސްމާއީލް ރަޝީދާ މެދު ގިނަ ތުހުމަތުތަކެއް ކޮށްފައެވެ.

އެ  ކޮމިޝަނުން އިސްމާއީލް ރަޝީދާ ގުޅޭ ގޮތުން ބެލި މައްސަލައަށްފަހު ނެރުނު ބަޔާނެއްގައި ވާގޮތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވިއިރު އެ ދައުވާތައް ހުށައެޅުމުގެ ކުރީންވެސް އެ ނިންމެވުން ވަނީ ޕެންޑްރައިވެއްގައި ލިޔެ ސޭވްކޮށްފައެވެ.

ޖޭއެސްސީން ބުނީ އަދީބުގެ މަށްޗަށް އުފުލި ދައުވާތަކާ ގުޅިގެން  12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު އޭގެ ދެދުވަސް ފަހުން ހުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ހުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯދުނު ޕެންޑްރައިވާ މައުލޫމާތުން އެނގޭކަމށެވެ.

ޖޭއެސްސީން ބުނީ 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ ”އިޖުރާއީގޮތުން ނިންމާ ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތްތަކާއި ހުކުމުގައިވާ ނުކުތްތަކަކީ އެއް ނުކުތާތަކެއްކަމަށެވެ.
އަދި ފެބްރުއަރީ 22 ގައި ”އިޖުރާއީ ގޮތުން ނިންމި ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ ”trip finale v2″ ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ގަޒިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އަދި ގާޒީ އިސްމާއީލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ މައްސަލައެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ޚާއްސަކޮށް ވަކި މައްސަލައެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، މައްސަލައެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ މައްސަލަތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ އަމަލުތަކާމެދު ސުވާލު އުފެދޭކަމަށް މިބަޔާނުގައި ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.

މަގާމުން އިސްތިއުފާ ދެއްވިކަން ހާމަކުރައްވައި އިސްމާއީލް ރަޝީދު ފޮނުއްވާފައިވާ ސިޓީގައި އޭނާ ވިދާޅުވީ
މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ފޮނުވާފައިވަނީ ޖަވާބުދާރީވުމަށް އެއްވެސް ފުރުސަތެއްވާ ނުދެއްވާ ކަމަށެވެ.

އަދި ޖޭއެސްސީގެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ޕެންޑްރައިވަކީ އޭނާގެ އެއްޗެއް ނޫންކަމަށް ވެސް އެ ސިޓީގައި ވެއެވެ.

“ ޕެންޑްރައިވް އަކުން ފެނުނު ފައިލެއްގެ މައްސަލާގައި އަޅުގަނޑު ވަކިކުރަން ނިންމިއިރު އެ ޕެންޑްރައިވް އަކީ އަޅުގަނޑުގެ ޕެންޑްރައިވް އެއް ނޫން. ޕެންޑްރައިވްއާ ގުޅޭ ގޮތުން އަޅުގަނޑާއި ސުވާލެއްވެސް ކުރެވިފައެއް ނުވޭ. އަޅުގަނޑުގެ ގައިރު ހާޒިރުގައި ހޯދައިފއިވާ ޕެންޑްރައިވް އަކުން ފެންނަ ފައިލްއަކާއި މެދު އަޅުގަނޑު ޒިންމާވުމަކީ ހަމަ ބުއްދި ގަބޫލުކުރާނެ ހަމައެއް ނޫން،“ ސިޓީގައި ވެއެވެ.

އިސްތިއުފާގެ ސިޓީގައި ޖޭއެސްސީގެ ނިންމުން އޭނާ ސިފަކޮށްފައިވަނީ އިންސާފެއް ނެތް ޒާތީ ނިންމުމެއްގެ ގޮތުގައެވެ.

އިސްމާއީލް ރަޝީދު ވިދާޅުވީ ފަނޑިޔާރުކަމުގެ މަގާމުގައި ހޭދަ ކުރި ހުރިހާ ދުވަހެއްގައިވެސް އަމަލުކޮށްފައިވާނީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ އިސްލާމީ ޝަރީއަތުގެ އެންމެހާ ކަންކަމަކީ މަސައްކަތުގެ އަސާސްކަމުގައި ބަލައިގެން އިންސާފާއި ހަމަހަމަ ގޮތުގައި ކަމަށެވެ. އަދި އެއްވެސް ފަރުދަކަށް ގާނޫނުން ބޭރުން ނުހައްގު ފައިދާ އެއް ހޯދާދީ އިންސާފުން ބޭރުން އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށް ވެސް އިސްމާއީލް ރަޝީދުގެ ސިޓީގައި ވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް