އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތި ލުމުގެ ފުރުސަތު ހުޅުވާލައިފި

18

 

 

ހުސްވެފައިވާ އޮޑިޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.

އޮޑިޓާ ޖެނަރަލްގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހަސަން ޒިޔަތުގެ ނަން އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ލިސްޓްގައި ހިމެނުމާ ގުޅިގެން ޒިޔަތު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޒިޔަތު އިސްތިއުފާ ދެއްވީ މިމަހުގެ 12 ވަނަ ދުވަހު އެވެ.

އޮޑީޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައި ރައީސް އޮފީހުން ނެރުނު އިއުލާނެއްގައި ބުނެފައިވާ ގޮތުން މި މަގާމަށް ކުރިމަތިލާން އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ މަހު ހަ ވަނަ ދުވަހާއި ހަތްވަނަ ދުވަގެ ހެނދުނު 10:00 އިން މެންދުރު 12:30 އަށެވެ.

އޮޑިޓާ ޖެނެރަލްގެ މަގާމަށް އައްޔަންކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ މުސްލިމު ދިވެހި ރައްޔިތެއް ކަމުގައިވުމާއި، އުމުރުން 35 އަހަރުވެ 65 އަހަރު ވެފައި ނުވާ މީހަކު ކަމުގައިވުމާއި، ބުއްދި ހަމައަށް ހުރި މީހަކު ކަމުގައިވުމާއި، ސިޔާސީ ޕާޓީއެއްގެ މެންބަރަކު ކަމުގައި ނުވުމާއި ސިޔާސީ ޕާޓީއެއްގައި ހަރަކާތްތެރިވާ މީހަކު ކަމުގައި ނުވުން ހިމެނެ އެވެ.

މީގެއިތުރުން އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ހިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުމާއި، އޮޑިޓާ ޖެނެރަލްގެ މަގާމުގެ އިތުރުން އެހެން އެއްވެސް މަގާމެއް ފުރަމުންދާ މީހަކު ކަމުގައި ނުވުން ނުވަތަ އެހެން އެއްވެސް ވަޒީފާއެއް އަދާކުރާ މީހަކު ކަމުގައި ނުވުންވެސް މަގާމުގެ ޝަރުތު ތަކުގެ ތެރޭ ހިމެނެ އެވެ.

އަދި ދައުލަތުގެ ނުވަތަ ދައުލަތް ބައިވެރިވާ ކުންފުންޏެއްގައި ނުވަތަ އަމިއްލަ ކުންފުންޏެއްގައި ހިއްސާއެއް އޮތް މީހަކު ކަމުގައި ވެގެން ނުވުން ވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެ އެވެ.

މީގެއިތުރުން އެމީހަކީ އޮޑިޓާ ޖެނެރަލްގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ގާބިލުކަން ހުރި މީހަކަށް ވާން ޖެހުމާއި އެކު އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އެކައުންޓަންޓްސް (އައިފެކް) އިން ގަބޫލުކުރާ އެކައުންޓިން ޖަމާއަތެއްގެ މެންބަރެއް ކަމުގައިވުމާއި، އެކައުންޓިންގެ ދާއިރާގައި ރާއްޖޭގައި މަސައްކަތްކުރާތާ މަދުވެގެން ހަތް އަހަރުގެ ތަޖުރިބާ ލިބިފައިވާ މީހެއްކަމުގައި  ވާން ޖެހޭނެކަމަށް އޮޑިޓާ ޖެނެރަލް މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ޝަރުތުތަކުގެ ތެރޭ ހިމެނެއެވެ.

ހިޔާލު ދެއްވާ

މިތަނުގައި ހިޔާލު ލިޔުއްވާ
ނަން ލިޔުއްވާ