ޓެރަރިޒަމަށް ތުހުމަތުކޮށް އައްޑު އަތޮޅުން ހައްޔަރު ކުރި މީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފައިވާކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅު ވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ހުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިލްޔާސް ލަބީބު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ އެފަދަ ތުހުމަތު އޮންނަ މީހުންގެ ހަރަކާތް ހުއްޓުވަން ފުލުހުން ކުރާ މަސައްކަތުގައި އައްޑޫއިން ހައްޔަރުކުރި މީހުންގެ ތެރެއިން އެކަކު މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މިނިސްޓަރު އިމްރާން ވިދާޅުވީ ތުހުމަތުގައި މީހުން ޖަލުތަކުގައި ބަންދު ކުރުމާއި އެމީހުން ރިހިބިލިޓޭޓް ކުރުމަށް އަދިވެސް ގާނޫނީ ހުރަސްތަކެއް އެބަހުރި ކަމަށާ އެ ހުރަސްތައް މަޖިލީހުގެ ތެރެއިން ހައްލު ކޮށްދޭން އެދިވަޑައިގަންނަވާކަމަށެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ހާއްސަ އޮޕަރޭޝަންގެ ތެރެއިން ހަރުކަށި ފިކުރުގެ 14 މީހަކު މިހާތަނަށް ހައްޔަރުކޮށްފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އައްޑު އަތޮޅުން މި މަހުގެ 15 ވަނަ ދުވަހު ފުލުހުން ވަނީ ނުވަމީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރެއިން ތިން މީހެއްގެ ބަންދަށް 15 ދުވަސް، ހަތަރު މީހެއްގެ ބަންދަށް ހަތް ދުވަސް އަދި ދެ މީހަކަށް ފަސް ދުވަސް ކޯޓުން ޖަހައިދިނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.
ފުލުހުން ބުނީ މިނިސްޓަރު އެ ވިދާޅުވާ މީހާ ދޫކޮށްލީ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ކަމަށެވެ. އޭނާ އަކީ ބަންދަށް ފަސް ދުވަސް ޖެހި މީހުންގެ ތެރެއިން ހިމެނޭ މީހެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
އައްޑޫން ހައްޔަރުކުރި މީހުންގެ ތެރެއިން ބަންދަށް ހަތް ދުވަސް ޖެހި ހަތަރު މީހުންގެ ބަންދުގެ މުއްދަތު ހަމަވާތީ އެމީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އެ ހަތަރު މީހުންގެ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިދީފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް މިމަހުގެ ހަވަނަ ދުވަހުގެ ރޭ ދިން ހަމަލާ އާ ގުޅިގެން ފުލުހުން އަންނަނީ ޓެރަރިޒަމާ ދެކޮޅަށް ހާއްސަ އޮޕަރޭޝަން ތަކެއް ހިންގަމުންނެވެ.