އަދީބުގެ މައްސަލަ ކޯޓުން ބޭރުކޮށްލި ގާޒީ ވަކިކުރަން މަޖިލީހަށް

Loading

Facebook
Twitter
WhatsApp

 

 

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްސަލަތައް ކްރިމިނަލް ކޯޓުން ބޭރުކޮށްލި ގާޒީ އިސްމާއިލް ރަޝީދު މަގާމުން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވާގޮތުން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބުގެ މަށްޗަށް ދައުލަތުން އުފުލި ހަތް ދައުވާ  ބާތިލް ކުރަން ކުރިމިނަލް ކޯޓުގެ ގާޒީ އިސްމާއިލް ރަޝީދު ނިންމެވިއިރު އެ ދައުވާތައް ހުށައެޅުމުގެ ކުރީންވެސް އެ ނިންމެވުން ވަނީ ޕެންޑްރައިވެއްގައި ލިޔެ ސޭވްކޮށްފައެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވާގޮތުން އަހުމަދު އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާގެ މައްސަލާގައި ގާޒީ އިސްމާއީލް ރަޝީދު އަމަލުކޮށްފައިވަނީ ޖިނާއީ އިޖްރާތުގެ ގާނޫނުގެ 13 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އިޖްރާއަތްތަކާއި ފާޅުކަން ބޮޑު ގޮތެއްގައި ފަރުވާލެއް ނެތި ކަނޑައެޅިގެން ހިލާފަށެވެ.
ޖޭއެސްސީން ބުނީ އަދީބުގެ މަށްޗަށް އުފުލި ދައުވާތަކާ ގުޅިގެން  12 ޖުލައި 2020 ވަނަ ދުވަހު އަޑުއެހުމެއް ބޭއްވުމަށްފަހު އޭގެ ދެދުވަސް ފަހުން ހުކުމްކޮށްފައިވާއިރު، އެ ދުވަހު ކުރި ހުކުމަކީ 22 ފެބްރުއަރީ 2020 ވަނަ ދުވަހުން ފެށިގެން ތައްޔާރު ވެފައިވާ ހުކުމެއްކަން ތަހުގީގަށް ހޯދުނު ޕެންޑްރައިވާ މައުލޫމާތުން އެނގޭކަމށެވެ.

ޖޭއެސްސީން ބުނީ 22 ފެބްރުއަރީ 2020 ވަނަ ދުވަހު ސޭވްކޮށްފައިވާ ”އިޖުރާއީގޮތުން ނިންމާ ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުމުގައިވާ ނުކުތްތަކާއި ހުކުމުގައިވާ ނުކުތްތަކަކީ އެއް ނުކުތާތަކެއްކަމަށެވެ.
އަދި ފެބްރުއަރީ 22 ގައި ”އިޖުރާއީ ގޮތުން ނިންމި ނިންމުން“ މި ސުރުހީގެ ދަށުން ތައްޔާރުކޮށްފައިވާ ލިޔުން ސޭވްކޮށްފައިވާ ނަމަކީ ”trip finale v2“ ކަމަށާއި އެ ނަމަކީ އާންމުގޮތެއްގައި މިބާވަތުގެ ފައިލެއް ފަނޑިޔާރަކު ސޭވްކުރާނެ ނަމެއްކަން ސަބަބުވެރި އިންސާނެއްގެ ވިސްނުމުން ވިސްނާއިރު ގަބޫލު ނުކުރެވޭތީ އާއި، މި ނަމަކީ އެ ގަޒިއްޔާތަކާ ގުޅުމެއް ނެތް އާދަޔާ ޚިލާފު ނަމެއްކަން ފާހަގަވާކަމަށް ވެސް އެކޮމިޝަނުގެ ބަޔާނުގައި ވެއެވެ.

އަދި ގާޒީ އިސްމާއިލް ރަޝީދު ބޭނުން ކުރުމަށް ކޮމްޕިއުޓަރ ސިސްޓަމެއް ކްރިމިނަލް ކޯޓުގައި ހުންނައިރު ކޯޓުގައި ހިންގާ މައްސަލައެއްގެ ލިޔެކިއުންތައް ޕެންޑްރައިވެއްގައި ގެންގުޅުމާއި އަދި ވަކިން ޚާއްސަކޮށް ވަކި މައްސަލައެއްގެ ލިޔެކިއުން އެކަނި އެ ޕެންޑްރައިވްގައި ހުރުމާއި، މައްސަލައެއްގެ ދައުވާ ހުށަހެޅުމާ ހަމައަށް ވެސް ނުދަނީސް އެ މައްސަލަތައް ނިންމާނެގޮތުގެ ފައިލް އެ ޕެންޑްރައިވްގައި ތައްޔާރުވަމުންދިއުމުން ފަނޑިޔާރުގެ އަމަލުތަކާމެދު ސުވާލު އުފެދޭކަމަށް މިބަޔާނުގައި ޖޭއެސްސީގެ ބަޔާނުގައި ވެއެވެ.
އެހެން ކަމުން އެ ހުރިހާ ކަމަކަށް ރިއާޔަތްކުރާއިރު މިމައްސަލައިގައި ގާޒީ އިސްމާއިލް ރަޝީދު ހުކުމްކޮށްފައި ވަނީ އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި މިނިވަންކަމާއި މުސްތަގިއްލުކަމާއެކު ނޫންމަށް އެ ކޮމިޝަނުންވަނީ ފާހަގަކޮށްފައެވެ.

ގާޒީއިސްމާއިލްގެ މި އަމަލަކީ ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގެ 32 ވަނަ މާއްދާއާއި، އެ ގާނޫނުގެ 33 ވަނަ މާއްދާގެ އިތުރުން ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ކަނޑައެޅިގެން ހިލާފު އަމަލުތަކެއްކަމަށްވާތީ، ޤާޟީ އިސްމާޢީލް ރަޝީދުކޮށްފައިވާ އެ ޢަމަލުތަކަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 154 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދަ ފަނޑިޔާރުކަމުގެ މަގާމާ އެކަށީގެންވާ ފަދަ އަމަލުތަކަށް ނުވާތީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ގާނޫނުގެ ދަށުން، ގާޒީ އިސްމާއިލް ރަޝީދު ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފެންނަކަމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ.

އޭނާ މަގާމުން ވަކިކުރެވޭނީ އެކަމަށްޓަކައި މަޖިލީހުގައި ނެގޭ ވޯޓްގައި މެންބަރުންނަށް ފެނިއްޖެނަމަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބާ ދެކޮޅަށް ދައުލަތުން އުފުލި ހަތް ދައުވާ މިދިޔަ އަހަރުގެ ޖުލައި މަހު ކޯޓުން ބޭރުކޮށްލުމާއެކު އަދީބު މިނިވަންވިއެވެ.

ނަމަވެސް ފަހުން ދައުލަތުން އެކަން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެކޯޓުންވަނީ މައްސަލަތައް އަލުން ބެލުމަށް ކްރިމިނަލް ކޯޓުގެ މައްޗަށް އަމުރުކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް