މަޖިލީހަށް ނުރައްކަލެއް އޮތްކަމަށް ބަލައި ސެކިއުރިޓީ ވަރުގަދަކޮށްފި

Loading

Facebook
Twitter
WhatsApp

 

 

ރައްޔިތުންގެ މަޖިލީހަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ލިބުމުން ކަމަށްބުނެ މަޖިލިސް އިދާރާ ހުންނަ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފިއެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ން ބުނީ މަޖިލީސް އިދާރާއަށް ނުރައްކަލެއް އޮތްކަމުގެ މައުލޫމާތު ރޭ ލިބިފައިވާ ކަމަށާއި އެކަމާގުޅިގެން މަޖިލިސް އިމާރާތާއި އެ އިމާރާތް ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށްފައިވާކަމަށެވެ.

މަޖިލީހުގެ ޖަލްސާ އެއް އިއްޔެ ކުރިއަށްދިޔަ ދަނިކޮށް އެ ޖަލްސާ ފޭސްބްކްން ލައިވް ކުރަމުން ދަނިކޮށް އެ އަށް ކޮމެންޓް ކުރި މީހަކު ވަނީ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއްކަމަށް ބުނެފައެވެ.

އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހަރާން ލާރި ކާ ބައެއް ކަމަށާއި، އެފަދަ ބަޔަކު ތިބޭ ތަނެއް ބަހައްޓާނެ ކަމެއް ނެތް ކަމަށް ބުނެ ކޮމެންޓެއް ކޮށްފައިވެއެވެ.

ލައިވްކުރި މި ޖަލްސާގައި އޭރު ކުރިއަށްދިޔައީ މަޖިލިސް ރައީސް މުހައްމަދު ނަޝީދަށް މި މަހު ހަ ވަނަ ދުވަހު ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރިޔާސަތުން ހުށަހެޅި މައްސަލައިގެ ބަހުސް އެވެ.
މި މައްސލައާގުޅިގެން ފުލުހުން މިއަދު ބުނީ ރައްޔިތުންގެ މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ފޭސްބުކްގެ ލައިވްއަކަށް މީހަކު ކުރި ކޮމެންޓެއްގެ މައްސަލަ ފުލުހުން ބަލަމުން ދާކަމަށެވެ.

ލައިވް ސްޓްރީމް ކުރިއަށް ދަނިކޮށް ފޭސްބުކްގެ ކޮމަންޓް ސެކްޝަންގައި މަޖިލީހަކީ ގޮއްވާލަން ޖެހޭ ތަނެއް ކަމަށް ބުނެ ކޮމެންޓެއް ކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅީ މަޖިލީހުގެ އިދާރާ އިންނެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައިގެން މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އެ މައްސަލަ މަޖިލީހުގެ އަމީންއާންމުގެ ސަމާލުކަމަށް ގެނެސް މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ބުނީ ޓެރަރިޒަމަށް ހިތްވަރު ލިބޭގޮތަށް ތަންތަނާއި މީހުންނަށް ގެއްލުން ދޭނެކަމަށް ބުނެ ސޯޝަލް މީޑިއާ އަދި އެހެނިހެން ގޮތްގޮތުން ދޭ އިންޒާރުތަކަކީ ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

ޓެރަރިޒަމަށް ތާއީދުކޮށް، ނުވަތަ އެފަދަ ކަންކަމަށް ހިތްވަރުދީ ސޯޝަލް މީޑިއާގައި ކޮމެންޓުކޮށް ވާހަކަދެއްކުމަކީ ޖިނާއީ ކުށެކެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ވާގޮތުން ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުންވިޔަސް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ހިތްވަރު ދިނުމަކީ ކުށެކެވެ.

ޓެރަރިޒަމަށް ހިތްވަރުދިނުމުގެ އަމަލެއް ކޮށްފި މީހެއްގެ އަދަބަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމެވެ.

 

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް