ހުޅުމާލޭ ދެވަނަ ފިޔަވަހީގައި 2000 ފްލެޓް އަޅަން އިންޑިއާ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.
އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް މި ސަރުކާރުން އުފެއްދި ފަހިދިރިއުޅުން ކޯޕަރޭޝަނުން ބުނީ ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 2000 ފްލެޓް އެޅުމަށް އިންޑިއާސަރުކާރުގެ ކޮންސްޓްރަކްޝަން ކުންފުނި އެންބީސީސީ އާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ މި މަޝްރޫއަކީ 130 މިލިއަން ޑޮލަރުގެ މަޝްރޫއެއް ކަމަށާ މި މަޝްރޫއުގެ ދަށުން
ތިން ކޮޓަރި އާއި ދެ ކޮޓަރީގެ ފްލެޓްތައް އަޅާނެކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރާ ތިން ކޮޓަރީގެ 1400 ފްލެޓްގައި 900 އަކަފޫޓް ހުންނާނެ ކަމަށާ އަދި ދެ ކޮޓަރީގެ 600 ފްލެޓް ގައި 650 އަކަފޫޓް ހުންނާނެ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މައުލޫމާތުދެއެވެ.
މި މަޝްރޫއަށް އިންޑިއާގެ އެކްސްޕޯޓް އިމްޕޯޓް ބޭންކުން 130 މިލިއަން ޑޮލަރުގެ ލޯނެއް ވަނީ ނަގާފަ އެވެ. މި ލޯނު އެ ކޯޕަރޭޝަނަށް ދީފައި ވަނީ ދިވެހި ސަރުކާރުން ސޮވަރިން ގެރެންޓީ ދީގެންނެވެ.
ރައްޔިތުންގެ މަޖިލިސް މި އަހަރަށް ހުޅުވުމުގެ ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާންނުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ މިއަހަރު ނިމުމުގެ ކުރިން 5000 ފްލެޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށްވިދާޅުވެފައެވެ.
އޭގެ ތެރެއިން 1000 ހައުސިންގ ޔުނިޓުގެ އަމަލީ މަސައްކަތް ނިމިފައިވާ ކަމަށާ އަދި ހުޅުމާލޭގައި ހަދާ އެފޯޑަބަލް ރޭންޖްގެ 2000 ހައުސިންގ ޔުނިޓް އިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް އެ މަޝްރޫއުގެ އަމަލީ މަސައްކަތް މޭ މަހުތެރޭ ފަށާނެ ކަމަށް ވެސް ރައީސް ސާލިހުވަނީ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވެފައެވެ.