އީރާނުގެ ނިއުކްލިއަރ މަޝްރޫއުގައި އެމެރިކާއާއެކު އީރާނ ސަރުކާރުގެ ފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެ ގައުމުގެ ޚާރޖީ ވަޒީރު އައްބާސް އަރާގްޗީ އެ މަޝްވަރާތަކުގައި އީރާނު ތަމްސީލު ކުރައްވަމުން ގެންދެވި ސިޔާސަތުގެ ފުރިހަމަކަމާއި އަދި މިހާރު އެމެރިކާއާއި އިސްރާއީލުން އީރާނާދެކޮޅަށް ހިންގަމުންގެންދާ ހަނގުރާމައިގެ ސިޔާސަތުތައް ބައިނަލް އަގްވާމީ ގޮތުން ހާމަކުރެއްވުމުގައި ބޭނުންކުރައްވަމުން ގެންދަވާ ޚާރިޖީ ސިޔާސަތުގެ މަޑުމައިތިރި ބަސްމަގު ފާހަގަކޮށް ސިޔާސީ މައިދާން ދުނިޔެއަށް ހާމަކޮށްދޭ ތަޖުރިބާކާރު އެނަލިސްޓުން އެމަނިކުފާނަށް ޑިޕްލޯމެޓިކް ސުޕަރ ސްޓާރގެ ނަމުން މުޚާތަބު ކުރަން ފަށައިފިއެވެ.
އޭގެތެރެއިން ވަރަށް ގިނަ ބޭފުޅުންގެ ނަޒަރުގައި ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ފާހަގަ ކުރެވެމުންދަނީ ޚާރިޖީ ސިޔާސަތު ހާމަކުރުމުގައި ލާމަސީލު ބޭފުޅެއްގެ ގޮތުގައެވެ. މަޝްވަރާތައް ކުރިއަށްދާ ގޮތަކާމެދު ހިތްޕުޅު ހަމަޖެހިވަޑައި ނުގަތުން ހާމަކުރެއްވުމުގައިވެސް މޫނުފުމަތިން ފެންނަމުންދާ ހަމަހިމޭން ހިނިތުން ވުމަކީ ގިނަ ތަޖްރިބާކާރުން ދެކޭގޮތުގައި މިހާތަނަށް ގައުމެއްގެ ޚާރިޖީ ސިޔާސަތު ހާމަކުރުމުގައި ފެނިފައި ނުވާ މަންޒަރެކެވެ.
އައްބާސް އަރާގްޗީ އުފަންވެ ވަޑައިގަތީ އީރާނުގެ ފާރިސީ އާއިލާއަކަށް 1962 ވަނައަހަރު ޑިސެމްބަރ މަހުގެ 5 ވަނަ ދުވަހުއެވެ. އެ މަނިކުފާނުގެ މައިން ބަފައިންގެ އިތުރު 3 ފިރިހެންދަރިންނާއި 3 އަންހެން ދަރިން ތިބެއެވެ. ދިރިއުޅުއްވުމަށްޓަކައި ހުރިހާ ބޭފުޅުން ކުރައްވާ މަސައްކަތަކީވެސް ވިޔަފާރިއެވެ. އެބޭފުޅުންގެ ކާފައަކީ ކާޕެޓް ވިޔަފާރި ވެރިއެކެވެ.
ބައްޕާފުޅު އަވަހާރަވީ އައްބާސްގެ އުމުރުފުޅުން 17 އަހަރުގައެވެ. ޒުވާން އުމުރުފުޅުގައި އީރާނުގެ އިންގިލާބީ ޙަރަކާތުގައި އައްބާސް ބައިވެރިވެ ވަޑައިގަތެވެ. އެއަށްފަހު 1980 ގެ އަހަރުތަކުގައި އިރާން އާއި އިރާގުން ކުރި ހަނގުރާމައިގާ އީރާނުގެ އިންގިލާބީ ލަޝްކަރުގެ ފައުޖުތަކާ ގުޅިވަޑައިގެން ނުވަ އަހަރުދުވަސް ވާންދެން އައި. އާރ. ޖީ. ސީ. ގައި ޚިދުމަތް ކުރެއްވިއެވެ.
އައްބާސްގެ ދޮށީ 2 ބޭބެއިންނަކީ އީރާނުގެ އެކްސްޕޯރޓް ޔުނިއަން އަދި ސެލާރސް ޔުނިއަންގެ ބޯރޑް އޮފް ޑިރެކްޓަރުންގެ ވަރަށް އިސް މަގާމުތަކެއް ފުރުއްވަމުން ގެންދަވާ ބޭފުޅުން ތަކެކެވެ. އައްބާސްގެ ނެފިޔު އަޙްމަދު އަރާގްޗީ އަކީ އީރާން މަރުކަޒީ ބޭންކުގެ ފޮރިންގ އެކްސްޗޭންޖް އާ ބެހޭ ޑެޕިއުޓީ ގަވަރނަރ އެވެ. އީރާނު ފައިސާގެ ކްރައިސިސް އާގުޅިގެން ވަޒީފާއިން ވަކިކުރި މަރުކަޒީ ބޭންކުގެ އިސްވެރިންގެ ތެރޭގައި އަހްމަދުވެސް ހިމެނި ވަޑައިގަތެވެ. އެއަށްފަހު 2019 ވަނައަހަރު އަޙުމަދު އަރާގްޗީއަށް ޚާރިޖީ ވުޒާރާގެ ޕޮލިޓިކަލް ޑެޕިއުޓީގެ މަގާމު ލިބި ވަޑައިގަތެވެ.
އައްބާސް އަރާގްޗީ ފުރަތަމަ ޑިގްރީ ޙާސިލް ކުރެއްވީ އީރާނުގެ ޚާރީ ވުޒާރާއާއި ގުޅިގެން ހިންގަމުން ގެންދާ ސްކޫލް އޮފް އިންޓަރނޭޝަނަލް ރިލޭޝަންސް އިންނެވެ. އެއަށްފަހު ޕޮލިޓިކަލް ސައެންސުން މާސްޓަރ ޑިގްރީ ޙާސިލް ކުރައްވާފައިވަނީ ތެހެރާނުގެ އިސްލާމިކް އާޒާދު ޔުނިވަރސިޓީންނެވެ. އެމަނިކުފާނު ޕީ އެޗް ޑީ ހާސިލު ވުރައްވާފައިވަނީ 1996 ވަނަ އަހަރު އިނގިރޭސި ވިލާތުގެ ކެންޓް ޔުނިވަރސިޓީން ޕޮލިޓިކަލް ތޯޓުސް އިންނެވެ. އައްބާސް އަރާގްޗީގެ ތީސިސް އަކަށްވީ “ 20 ވަނަ ގަރުނުގެ ދި އިވޮލިއުޝަން އޮފްދަ ކޮންސެޕްޓް އޮފް ޕޮލިޓިކަލް ޕާރޓިސިޕޭޝަން އިސްލާމިކް ޕޮލިޓިކަލް ވިސްނުން “ އެވެ.
އެ ތީސިސްގެ މައިގަނޑު އަމާޒަކީ އިސްލާމްދީނުގެ ހަމަތަކުގެމަތިން މިޒަމާނުގެ ޑިމޮކްރެސީ ގާއިމްކުރުމެވެ.
އައްބާސް އަރާގްޗީއަކީ ފާރިސީ ބަހުގެ އިތުރުން އަރަބި ބަހާއި އިނގިރޭސިބަސް ވަރަށް މޮޅަށް ދެނެވަޑައިގަންނަވާ ބޭފުޅެކެވެ. އެހެންނަމަވެސް ފާރިސީ ބަހަށް އޮންނަ ލޯތްބާއި އީރާނުގެ ގައުމީރޫހަށް ހިތްޕުޅުގައި ދެއްވާފައިވާ އިޙުތިރާމް އާއި ޝަރަފްގެ ސަބަބުން ފާރިސީ ބަހުން ވާހަކަދެއްކެވުމަށް ޝައުގުވެރިވެ ވަޑައިގަންނަވާ ކަމަށް ވެއެވެ.
ބަހާރޭ އަބްދު ﷲ އާއެކު އައްބާސް އަރާގްޗީގެ ފުރަތަމަ ކައިވެނިފުޅަށް ފިރިހެން 2 ބޭފުޅަކާއި އަންހެން ބޭފުޅެއް ލިބިވަޑައިގެންފައި ވެއެވެ. އެ ކައިވެނިފުޅު ވަރިއަކުން ނިމިގެންދިއުމަށްފަހު މިހާރުގެ އަނބިކަނބަލުން އާރެޒޫ އަޙުމަދުވާންދު އާއި ކައިވެނި ބައްލަވައިގަތީއެވެ. އެކަމަނާއަށް އަންހެން ދަރިކަނބަލަކު ވަނީ ލިބިވަޑައިގެންފައެވެ.
އައްބާސް އަރާގްޗީ އީރާނުގެ ޚާރިޖިއްޔާއާއި ގުޅިވަޑައިގެންނެވީ 1989 ގައެވެ. 1990 ގައި އީރާނުގެ ފަރާތުން އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން ގައި ހުންނަވާ ޝާޒޭ ދަ ފޭރ ގެ މަގާމަށް އައްޔަން ކުރެވުނެވެ. ކުޑަދުވަސްކޮޅެއް ފަހުން އިންސްޓިޓިއުޓް ފޯރ ޕޮލިޓިކަލް އެންޑް އިންޓަރނޭޝަނަލް ސްޓަޑީޒްގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް ބަދަލުކުރެވުނެވެ. އޭގެފަހުން 1999 ން 2003 ށް ފިންލޭންޑްގައި ހުންނަވާ އީރާނުގެ ސަފީރުކަން ލިބިވަޑައިގެންނެވިއެވެ. 2004 ން 2005 ށް ސްކޫލް އޮފް އިންޓަރނޭޝަނަލް ސްޓަރޑީޒްގެ ޑީން މަގާމު ފުރުއްވިއެވެ. އަދި 2005 ން 2007 ށް ޚާރިޖީ ވުޒާރާގެ މިނިސްޓަރގެ ނައިބުގެ މަގާމުފުރުއްވިއެވެ. 2008 ން 2011 ށް ޖަޕާނުގައި ހުންނަވާ އީރާނުގެ ސަފީރު ކަން ލިބިވަޑައިގަތެވެ. އެ މަގާމުގައި ހުންނަވަނިކޮށް ޖަޕާނު ސަރުކާރުން ފާހަގަކުރައްވާ ސިޔާސީ ޚިދުމަތްތެރިންނަށް ދެއްވާ ޝަރަފްގެ 2 ވަނަ ދަރަޖަ ރައިޒިންގ ސަން ގެ މެޑެލް ލިބިވަޑައިގެންނެވިއެވެ.
2011 ން 2013 ށް އޭޝިއާ-ޕެސިފިކް އަދި ކޮމަންވެލްތު އެފެއާރޒްގެ ޑެޕިއުޓީގެ މަގާމު އަދާ ކުރެއްވުމަށްފަހު އަނެއްކާވެސް ޚާރިޖީ ވުޒާރާގެ ނައިބު އަދި އެ ވުޒާރާގެ ރަސްމީ ތަރުޖަމާނުގެ މަގާމަށް ބަދަލު ކުރެވިގެން ދިޔައެވެ.
ރައީސް ޙަސަން ރޫހާނީގެ ރިޔާސަތުގައި އީރާނުން ބާރުގަދަ 5 ގައުމާއެކު ވެވުނު ނިއުކްލިއަރ އެއްބަސްވުމުގައި އެ ގައުމުގެ ފަރާތުން އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ އައްބާސް އަރާގްޗީއެވެ.
2015 ން 2017 ށް އަނެއްކާވެސް ޚާރިޖީ ވުޒާރާއަށް ބަދަލުކުރެއްވިއެވެ. މިފަހަރު ޙަވާލު ކުރެވުނީ އެ މިނިސްޓްރީގެ ޕޮލިޓިކަލް ޑެޕިއުޓީގެ މަގާމެވެ. 2021 ވަނައަހަރު އޯގަސްޓް މަހުގެ ތެރޭގައި ޚާރިޖީ ވަޒީރުގެ ނައިބުކަމުގެ މަގާމުގެ އިތުރުން ނިއުކްލިއަރ މަޝްވަރާތަކުގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހަމަޖެހިގެން ދިޔައެވެ. އޭގެ ފަހުން އިބްރާހިމް ރައީސީ ވެރިކަމާ ޙަވާލުވެ ވަޑައިގަތުމަށްފަހު ޚާރިޖީ ވުޒާރާގެ މުސްތަޝާރުގެ މަގާމަށް ބަދަލުކުރެވިގެން ދިޔައެވެ. މި ބަދަލު ކުރުމަކީ ނިއުކްލިއަރ މަޝްވަރާތަކުގައި އީރާނުން ގެންގުޅެން ބޭނުންވި ހާރޑްލައިން ސިޔާސަތަށް މަގުފަހިކުރުމުގެ ގޮތުން ސަރުކާރުން އެޅުއްވި ފިޔަވަޅެއް ކަމަށް އީރާނުގެ ރަސްމީ މީޑިއާއިން އެދުވަސަވަރު ބުނެފައިވެއެވެ.
ޚާރިޖީ ވުޒާރާގެ ނައިބުގެ މަގާމުން އެއްފަރާތް ކުރެވުމުން އައްބާސް އަރާގްޗީ ކުޑަ ދުވަސްކޮޅަކު އާންމުންގެ ތެރެއިން ފެނުން މަދުވެގެން ދިޔައެވެ. އެއަށްފަހު ސުޕްރީމް ލީޑަރ އާޔަތު ﷲ އަލީ ޚާމަނާއިގެ ބާރުގެ ދަށުގައި ޙަރަކާތްތެރި ވަމުންދާ ސްޓްރާޓީޖިކް ކައުންސިލް ފޯރ ފޮރިން ރިލޭޝަންގެ ސެކްރެޓަރީގެ މަގާމަށް އައްޔަން ކުރެވުނެވެ. އެ މަގާމަށް އިޚްތިޔާރު ކުރެވިގެން ދިއުމުން އެމަނިކުފާނުގެ ޚާރިޖީ ފިކުރަށް ސުޕްރީމް ލީޑަރގެ ތާއީދު އޮތް މިންވަރު ހާމަވެގެން ދިޔަކަމަށް އޮބްޒާވަރުން ތަރުޖަމާކުރަމުން ގެންދިޔައެވެ.
އައްބާސް އަރާގްޗީ އަށް ޚާރިޖީ ވަޒީރުގެ މަގާމު ލިބި ބަޑައިގެންނެވީ 2024 އޯގަސްޓް 11 ވަނަ ދުވަހު ރައީސް މަސްއޫދު ޕެޒެޝްކިއާން އީރާނުގެ ރިޔާސަތަށް ހަވާލު ވުމުންނެވެ.
އައްބާސް އަރާގްޗީގެ ޙަޔާތްޕުޅުން އަޅުގަނޑުމެންގެ ސިޔާސީ ބޭފުޅުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ. އަޅުގަނޑުމެންތެރެއިން ފެންނަ މަންޒަރުތަކަށް ބަލާއިރު ފައިސާކޮޅެއް ހޯދައިގެން ހާސިލު ނުކުރެވޭނެ ސިޔާސީ މަގާމެއް ނެތޭވެސް ބުނެވިދާނެއެވެ. އެކަށީގެންވާ ތަޢުލީމެއް ތަރުބިއްޔަތެއް ބޭނުންވާނެ ކަމަށް ގަބޫލެއް ނުކުރެއެވެ. ހަމަ އެހެންމެ މަޖިލީހުގެ ހަތަރުފާރުތެރެއަށް ކޮންމެގޮތަކުން ވަދެވުނަސް އެވީ ތަޖުރިބާކާރު ހުނަރުވެރިޔަކަށެވެ. ސިޔާސީ ޕާރޓީއެއްގެ ކުރީ ސަފުގައި ހަޅޭއްލަވައި އަޑުގަދަ ކުރުމުން ޕޮލިޓިކަލް އިސް މަގާމުތަކަށް ކުފޫ ހަމަވީއެވެ. ފުރިހަމައަށް އަމިއްލަ މާދަރީ ބަހުން ބަސްމޮށެން އެނގުމަކީވެސް ބޭނުން ކަމެއް ނޫނޭ ބުނާކަހަލައެވެ. ބޭރު ބަހަކުން ވާހަކަދައްކަން ކިތަންމެ ބޭނުންވިޔަސް އެ ބަހުގެ އަހުލުވެރިންގެ ކިބައިން އުނގެނޭކަށް ބޭނުމެއްވެސް ނުވެއެވެ.
ގައުމު އޮޔާދަނީ އެކަށީގެންވާ ހުނަރުވެރިކަންނެތް މީސްމީހުންނަށް ފައިސަލާކުރަނިވި މަގާމުތައް ބަހަމުން ގެންދިއުމުންކަން އެނގޭ އިރުވެސް މަޖިލީހުން ފާރަވެރިވާން ބޭނުންވާހެން ހިއެއް ނުވެއެވެ. ދިވެހިރާއްޖެއަކީ ދުނިޔޭގެ ނިސްބަތުން ތަޢުލީމީ ޒުވާނުން ގިނަ ގައުމެކެވެ. ހަމައެފަދައިން ދިވެހިރާއްޖެއަކީ ތައުލީމާއި ހުނަރުވެރިކަން ލިބިފައިނެތް ސިޔާސީ ބޭފުޅުން އެންމެ ގިނަ ގައުމު ކަމުގައިވެސް ބުނެވިދާނެއެވެ. އުންމީދަކީ އައްބާސް އަރާގްޗީ ފަދަ ތަޢުލީމީ ސިޔާސީ ތަޖުރިބާކާރު ބޭފުޅުން ދިވެހިރާއްޖޭގެ މިނިސްޓަރުންގެ ގޮތުގައި ފެނުމެވެ. އެއީ މަގޭރާއްޖެ ދިވެހީންގެރާއްޖެ ފަޚުރުވެރި ހަރުދަނީ ދައުލަތެއް ގޮތުގައި ބިނާކުރެވިފާ އޮތުމެވެ.
![]()
