އިމިގްރޭޝަން އޮފިސަރަކަށް ހެދިގެން ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި މީގެ ކުރިން ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލާފައި ހުއްޓާ 3 ޗޮކްލެޓް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ގ. ބެރުގެ، މުހައްމަދު ނަވީން އެވެ.
ކްރިމިނަލް ކޯޓުން އޭނާ ބަންދުކުރަން ނެރުނު އަމުރުގައި ބުނީ ފިހާރަޔަކުން ޗޮކްލެޓް ހިފައިގެންއތަނުން ބޭރަށް އޭނާ ދިޔައީ ފައިސާ ނުދައްކާ އެ ގެންދަން ނޫން ކަމަށެވެ.
އަދި އޭނާ ދިޔައީ ފިހާރައިގެ ބޭރުގައި ހުރި މީހެއްގެ އަތުން ފައިސާ ބަލާ ކަމަށް ކޯޓުގައި އޭނާ ބުނެފައިވާ ކަމަށް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.
ނަމަވެސް އޭނާ ޗޮކްލެޓް ވަގަށް ނެގުމުގެ ތުހުމަތުގައި އަނެއްކާވެސް ހައްޔަރުކޮށް ވަނީ ބަންދަށް 15 ދުވަސް ޖަހާފައެވެ.
އޭނާ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭގައި ހައްޔަރުކުރީ އިމިގްރޭޝަންގެ އޮފިސަރަކަށް ހެދިގެން ބިދޭސީން ދިރިއުޅޭ ތަނަކަށް އިތުރު ބަޔަކާއެކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން ފޯނަކާއި 9،000ރ. ފޭރުނު މައްސަލައެއްގައެވެ.
ކޯޓު އަމުރުގައިވާގޮތުން އޭނާއަކީ ވައްކަމުގެ މައްސަލަތަކުގައި މީގެ ކުރިން ވެސް ހައްޔަރުކޮށް، ބަންދުގެ ރެކޯޑު އޮންނަ މީހެކެވެ.
![]()
