ތެލަސީމިއާ ކޮންޓްރޯލްކުރުމުގެ ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، އަނބުރާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ބިލު އަނބުރާ މަޖިލީހަށް ފޮނުއްވަން ނިންމެވީ، ބިލަށް އިތުރު އިޞްލާޙުތަކެއް ގެނައުމަށް މޯލްޑިވިއަން ބްލަޑް ސަރވިސަސް އާއި ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކާއި އެ ފަރާތްތަކުގެ ޢާއިލާތަކުން ބައެއް ހުށަހެޅުންތައް ލިބިވަޑައިގެންފައިވާތީއެވެ.
ތެލަސީމިއާ ބަލި ތަހައްމަލު ކުރަމުންދާ ފަރާތްތަކަށް ފޯރުކޮށްދޭ ޚިދުމަތްތަކަކީ ވަށާޖެހިފައިވާ ޤައުމީ ނިޒާމެއްގެ ތެރެއިން ފޯރުކޮށްދެވޭ ޚިދުމަތަކަށް ހެދުމަށްޓަކައި ޤާނޫނުގައި ބަޔާންކުރާ މަގުސަދުތައް ވީހާވެސް ފުރިހަމަކަމާއެކީ ހާސިލުކުރެވޭނެ ގޮތަށް އެ ބިލު މުރާޖާކުރައްވައި ބިލަށް އިޞްލާޙު ގެންނަވަން ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގަންނަވާތީ މި ބިލު އިސްލާޙްކުރުމަށް އެ މަނިކުފާނު ވަނީ ނިންމަވާފައެވެ.
އެހެންކަމުން ގާނޫނު އަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އިޞްލާޙްތަކާ މެދު ވިސްނުމަށް ރައީސުލްޖުމުހޫރިއްޔާ ވަނީ އެ ބިލު ރައްޔިތުންގެ މަޖިލީހަށް އަނބުރާ މިއަދު ފޮނުއްވާފައެވެ.
ތެލަސީމިއާގެ ފަރުވާއަށް މި ސަރުކާރުން ވަރަށް ޚާއްސަ އިސްކަމެއް ދެއްވައެވެ. އެގޮތުން ތެލަސީމިއާގެ ފަރުވާއަށް ޚާއްސަ ހޮސްޕިޓަލެއް އިމާރާތްކުރުމަށް މިހާރު ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިމެއް ހަމަޖައްސާފައި ވާއިރު ބޯންމެރޯ ޓްރާންސްޕްލާންޓްގެ ފަރުވާ ސަރުކާރުގެ ޚަރަދުގައި ރާއްޖެއިން ބޭރަށް ކުދިން ފޮނުވަންވެސް ވަނީ ފަށާފައެވެ.
![]()
