ކޮންމެ އަތޮޅެއްގައި ޕިކްނިކް އައިލެންޑެއް ތަރައްގީކުރުމުގެ މަޝްރޫއެއް ސަރުކާރުން ފަށަން ނިންމައިފިއެވެ.
މިކަންހާމަކުރައްވާފައި ވަނީ އއ. އަތޮޅުގެ ރަށްތަކަށް ރައީސުލުޖްމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އއ. މަތިވެރީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
އެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ޕިކްނިކް އައިލެންޑެއް ހަދައިދިނުމަށް ގިނަ އަތޮޅުތަކަކުން އެދޭ ކަމަށެވެ.
ރަައީސް ވިދާޅުވީ ވަރަށް އަވަހަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އެއް ރަށް ނަގައި، އެ ރަށް އެއީ އެ އަތޮޅެއްގެ ރައްޔިތުންނާއި އެ އަތޮޅެއްގެ ރައްޔިތުންގެ އެކިއެކި ގެސްޓްހައުސްތަކާއި މިކަހަލަ ތަންތަނަށް އަންނަ ގެސްޓުން ޕިކްނިކް ދިއުމާއި އެކަހަލަ ބޭނުންތަކަށް ސަރުކާރުން ތަރައްގީކޮށްދީފައި އޮންނަ ޕިކްނިކް އައިލެންޑެއް ގޮތުގައި ތަރައްޤީކުރަން ނިންމާފައިވާ ކަމަށެެވެ.
ރަށްރަށުގެ ރައްޔިތުން ޕިކްނިކް ދާނެ ތަނެއް ނެތުމުންވެސް ފިކްނިކް އައިލެންޑެއް ތަރައްޤީކޮށްދިނުމަށް ރިކުއެސްޓް އަންނަ ކަމަށެވެ.
“ރާއްޖޭގެ ކޮންމެ އަތޮޅެއްގައި އެއް ރަށް އަޅުގަނޑުމެން ހަދައިދޭނަން،“ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ވަރަށް އަވަހަށް އެ މަޝްރޫއު ފެށިގެންދާނެ ކަމަށާއި އެ މަޝްރޫއާ ބެހޭ ދިރާސާތައް މިހާރު ކުރިއަށްދާ ކަމަށެވެ.
![]()
