ޑިމޮކްރެސީއާއި ލާމަރުކަޒު ދިވެހިންނަށް އޮޅުނީތަ ނުވަތަ އޮޅުވާލީތަ؟

Loading

Facebook
Twitter
WhatsApp


ފާއިތުވެގެންދިޔަ ޒަމާންތަކުގައި ވަކި މިވެނި ނިޒާމެކޭ ނުކިޔަސް ތަފާތު ގޮތްގޮތަށް ތަފާތު ބޭފުޅުން ރައްޔިތުންނަށްޓަކައި އެ ބޭފުޅުންގެ އަމިއްލަ ވެރިކަމެއް އޮތީ ކޮށްދެއްވާފައެވެ. 

މި ފަހުގެ ހަތްދިހަ ވަރަކަށް އަހަރުގެ ތެރޭގައިވެސް ވެރިކަންކުރެއްވި ބޭފުޅުންގެ ދެކިވަޑައި ގަންނެވި ގޮތުގައި ރައްޔިތުންގެ ހައްގުގައި ނަމޫނާ ވެރިކަމެއް އޮތީ ކޮށްދެއްވާފައެވެ. ތެދެކެވެ! ދުނިޔެއިން ފެންނަ ކޮންމެ އެއްޗަކާ ކޮންމެ ކަމަކީވެސް އޭގެ ޒާތުގައި ނަމޫނާއެކެވެ.

މި ލިއުމައިގެން ކުރިއަށް ދިއުމުގެ ކުރިން މިލިއުމަކީ އެއްވެސް ހާލެއްގައި ވަކިބޭފުޅަކަށް ނުވަތަ ބަޔަކަށް އަމާޒުކޮށްފައިވާ ލިޔާ ލިއުމެއް ނޫންކަން ކިއުންތެރިންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. އަޅުގަނޑުގެ އަމާޒަކީ ރާއްޖޭގައި މިހާރު ވެރިކަންކުރެވޭ ނިޒާމަށް ފާޑުކިއުމެވެ. އެކަމުގައި މިހާރު ގިނަ ދިވެހީން ދެކޭގޮތް ހާމަކުރުމެވެ. ރަނގަޅު ނުރަނގަޅު ނިންމުމަކީ ކިއުންތެރިންގެ އިޚްތިޔާރެކެވެ.       

ދިވެހިރާއްޖޭގައި ވެރިކަން ކުރެވެމުންދިޔަ ގޮތް ކަމުނުދާތީ ދޮންމީހުން ވެރިކަންކުރާ ގޮތަށް ބަދަލު ކުރުމުގެ ހަރަކާތްތަކެއް ފެށިގެން އައިސް ކުލަވަރު ޖެހި މިއަދާ ހަމަޔަށް އައިއިރު ގިނަ ރައްޔިތުން ހިތްހަމަ ނުޖެހުމުގެ ޝުއޫރުތައް ފާޅުކުރަމުން މިގެންދާ މި ޑިމޮކްރެސީ އާއި އޭގެ އެންމެ މުހިންމު ރުކުން ކަމުގައި ހިމެނޭ ލާމަރުކަޒަށް މިވީ ކީއްހެއްޔެވެ؟ މަގުމައްޗަށް ނުކުމެ އަޑު އުފުލުމުގެ ކުރިން ވިސްނާލުން ރަނގަޅުވާނެއެވެ. 

ޑިމޮކްރެސީ އާއި ލާމަރުކަޒު ގެނައިގޮތާއި އެކަމުން ރައްޔިތުންގެ ދިރިއުޅުމަށް ބޮޑުވެގެންވާ ހެޔޮ ބަދަލުތަކެއް އައިސް ޖީބުތައް ފުރިގެން ބަންޑުންދާނެ ކަމަށް ގޮވި ގޮވުންތަކުން މިއަދާ ހަމަޔަށް ރައްޔިތުންނަށް ލިބުނު ހެޔޮ ބަދަލަކީ ކޮބައިތޯ ދެނެގަތުމަށްފަހު ދެން އަޑުއުފުލުން ބުއްދިވެރިއެވެ. ހަމަގައިމުވެސް އަހަރަކަށްފަހު އަހަރެއް ދިވެހީންގެރާއްޖޭގެ ދަރަނި ދަނީ ފުފި މަސްޖަހާ ފަލަވަމުންނެވެ. ރައްޔަތުމީހާގެ ފުށްދުއްތެރިކަން ނެތިއްޖެއެވެ!

ޑިމޮކްރެސީ ކިޔަސް އަދި އެހެން އެއްޗެކޭ ކިޔަސް ވެރިކަމަކީ ރައްޔިތުންގެ ޙައްގެކެވެ. އުތުރު ކޮރެޔާއެއް އެމެރިކާއެއް ތަފާތެއް ނޫނެވެ. ގާނޫނުއަސާސީ އަކާއި ގާނޫނުތަކެއްގެ މައްޗަށް ތެދުވެރިވެހުރެ ރައްޔިތުންނަށްޓަކައި ވެރިކަންކޮށްދިނުމަށް ހުވާކުރުވުމަށްފަހު ކޮންމެވެސް މީހަކަށް ވެރިކަން ކުރުމުގެ ފުރުސަތު ރައްޔިތުން ދެނީއެވެ. އޭގެ ފަހުން ދެން ވަމުންދާގޮތް ތަފާތު ވަނީ އެވެ. އެ ތަފާތު ދިވެހިރާއްޖޭން ފެންނަގޮތުގެވާހަކަ ދައްކާލަމާ ހިނގާށެވެ!

ތިރީސް އަހަރުގެ ދިގުވެރިކަމެއް އެއްބޭފުޅަކު ކުރައްވަމުން ގެންދިއުމުގެ ސަބަބުން ހެޔޮ ނުބައި  ދެނެގަނެވޭވަރަށް ވުރެން ރައްޔިތުން ތިބީ ވެރިކަން ކުރެއްވި ބޭފުޅާދެކެ ފޫހި ވެފައެވެ. އެޙާލަތުގައި ތިއްބާ ދޮންމީހުން ވެރިކަން ކުރާގޮތަށް ވެރިކަން ބައްޓަންކުރީމާ ރައްޔިތުންނަށް ވެރިއަކު ހޮވުމުގެ ފުރުސަތު މިނިވަންކަމާއިއެކު ލިބިގެންދާނެ ކަމާއި ކުޑަ ކާފު ބޮޑު ކާފު އިވިގޮސް އޭރުން ކުރެވޭނީ ޙަގީގަތުގައިވެސް ރައްޔިތުންގެ ވެރިކަމެއް ކަމުގައި އަޑު ގަދަ ސާޅީހަކަށް މީހުން މަގުތަކަށް ނިކުމެ ގޮވަން ފަށީއެވެ. ރައްޔިތުންވެސް ތިބީ ތަފާތެއް ދުށުމުގެ އިންތިޒާރުގައެވެ. 400 މިލިއަށް މީހުންނަށް އެކުލަވާލާފައި އޮތް ނިޒާމެއް 3 ލައްކަ މީހުންގެ މައްޗަށް ރާވައި ހިންގާނެ ގޮތަކާއިމެދު ފިކުރު ކުރުމެއްނެތި ކޮންމެވެސް ޒަމާނަކުން ދިވެހިރާއްޖޭގައިވެސް 400 މިލިއަން މީހުން ހަމަވަނެކަމަށް ވިސްނައި ގަނޫނުތަކާއި ގަވައިދުތައް ބަދަލުކޮށް ނިޒާމު ހިންގަން މިއޮތީ ފަށައިފައެވެ.ރައްޔިތުންގެ ތެރޭގައި ތިބި ތަޢުލީމީ ބޭފުޅުންނާއި ހަރުމީހުންނަށް މި ވަމުންދާގޮތެއް ރޭކާލީވެސް ވާނެއެތިވެ ނިމުމަށްފަހުންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ.

ކުރީގެ ވެރިކަމުގައި ޖުމުލަ 200 އެއްހާ ސިޔާސީ ބޭފުޅުންނާއިއެކު ހިންގަމުން އައި ސަރުކާރު ސިޔާސީ ބޭފުޅުންގެ އަދަދު ދެހާހުން މައްޗަށް ހިނގައްޖެއެވެ. ފަންސާހަކަށް މެމްބަރުންގެ މަޖިލީސްގެ އަދަދު ސަތޭކައާއި ގާތްކޮށްފިއެވެ. ފަހަކަށް އައިސް ސަރުކާރެއްގެ މަތީ މަގާމަށް އައުމަށްޓަކައި ފުރިހަމަކުރަން ޖެހުނު ޝަރުތުތަކަކީ ޕާރޓީގެ އިސް ސަފުގައި ހަޅޭއްލެވުމަކީ ހަޔާތް ގޮވާލަން ކެރުން،އެއީ ޝަރުތު ކަމުގައި ވެއްޖެއޭ ބުނުމަކުންވެސް ދޮގަކަށް ނުވާނެއެވެ.

ކުރީ ސަރުކާރުތަކުން ރައްޔިތުންނަށް ޚިދުމަތް ކޮށް ނުދެވުނީ ސިޔާސީ މަގާމުތަކުގައި މީހުންމަދުވުމުން ކަމުގައި ވަކާލާތުކުރަމުން ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ކައުންސިލް ތަކެއްވެސް ވުޖޫދު ކުރެވިއްޖެއެވެ.

މި ހުރިހާ އިންތިޒާމް ތަކެއް ހަމަޖެހި ސަރުކާރު ހިންގަން ފެށުމާއިއެކު ދައުލަތުގެ ޚަޒާނާއަށް ބާރު ބޮޑުވެގެން ހިނގައްޖެއެވެ. ނުފޯރާ ފޮތިން ފޫގަޅަން އުޅުނީމާ ވާނެ ގޮތް ވެގެން ދިޔަތަން ފެނިއްޖެއެވެ. ދައުލަތުގެ ޚަޒާނާ ފޫހިނގައްޖެކަމަށް ބައެއް ސިޔާސީ ބޭފުޅުން އަޑަށް ބާރުލައިފާ ގޮވަން ފަށައިފިއެވެ. 

އެކަމަކު ރައްޔިތުންނަށް ޚިދުމަތްކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ މިއީ ކަމުގައި ސަރުކާރުން ކޮންމެ ދުވަހަކު ގެންދަނީ ބުނަމުންނެވެ.

މި ކަންތައްތައް އެއްފަރާތްކޮށްފާ ސަރުކާރުން ދެން އެންމެ ބާރަށް ދައްކަވަނީ ލާމަރުކަޒުގެ ވާހަކައެވެ. ތެދުތެދަށް ބުނާނަމަ އަޅުގަނޑުމެންނަށް މިވާނުވާއެއް ރަނގަޅަށް ވިސްނައެއް ނުގަނެވެއެވެ. މިވާހަކަ ރައްޔިތުންނާއި ހަމަޔަށް ގެނެސްދޭން ބޭނުންވާ ސަބަބަކީވެސް އެއީއެވެ.

ލާމަރުކަޒޭ ބުނީމާ ތަސައްވުރު ކުރެވެނީ ތަފާތު ގަބީލާތަކެއްގެ ގޮތުގައި ތިބި ރައްވެހިންގެ މައްޗަށް ވެރިކަން ހިންގުމުގައި އެމީހުން ބޭނުންވާ ގޮތެއް ދެނެގަނެ އެމީހުންވެސް ބައިވެރި ކުރުމެވެ. އެހެންގޮތަކަށް ބުނާނަނަ ހުރިހާ ރައްޔިތުން އެއްތަނަކަށް ޖަމާކޮށް ފުނި ނުޖެއްސުމެވެ. 

ދިވެހި ރައްޔަތުމީހާއަށް މި ފެންނަނީ ރައްޔިތުން ދަރަނީގެ މައްޗަށް ދަރަނި ކުރުވައިގެން ވިޔަސް ލާމަރުކަޒުގެ ގާނޫނުގެ ދަށުން ހުޅުމާލެއަކާއި ވިލިމާލެއަކާއި ރަސްމާލެއެއް އުފައްދައި ހުރިހާ ރައްޔިތުން އެއްތަނަކަށް ފުނިޖައްސަން ސަރުކާރުތަކުން ހޭބޯނާރާ މަސައްކަތް ކުރަމުންދާތަނެވެ.

ބާކީ ހުރި ރަށްތަކަށް ވާނެގޮތެއް ރައްޔިތުންނަށް އަންގާކަށް ބޭނުމެއް ނުވެއެވެ.ކޮންމެވެސް ބޭރުބަޔަކަށް ނުވަތަ ”އިންވެސްޓަރަކަށް“ ވިއްކާލިވިދާނެ ކަމަށް ބެލެވެއެވެ.      

މިހާރު ފެންނަމުންދަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ހުރިހާ ރައްޔިތުން އެއްތަނަކަށް ފުނިޖައްސަން މަސައްކަތް ކުރަމުން ގެންދާތަނެވެ. ދޮންމީހުންގެ ބަހުރުވައިން ބުނާނަމަ ޑީ-ސެންޓްރަލައިޒް ކުރުމުގެ ބަދަލުގައި ސެންޓްރަލައިޒް ކުރަމުން ގެންދާތަނެވެ. ލާމަރުކަޒް މިއޮތީ އަޅުގަނޑުމެންނަށް އޮޅިފައިތޯ ނުވަތަ އޮޅުވާލާފައިތޯ ސުވާލު އުފެދުނީ މިގޮތައް ކަންތައްތައް ރޭވިގެން ހިންގާތަން ފެނުނީމައެވެ.                                 

Loading

4 Responses

  1. ލާމަރުކަޒީއަކީވެސް ދިވެހިންނަށް ބޮޑު މުސީބާތެކެވެ. ތަރައްގީގެ ކަމެއް އެ ސަރަޙައްދަކަށް ގެނައުމުގެ ބަދަލުގައި ކަރަޕްޝަން ހެޓަކަށް ޖެއްސޭނެ ސިޔާސަތެކެވެ. ކައުންސލްގެ މެޖޯރެޓީ އޮންނަ ޕާޓީއެއްގެ މީހެއްވިއްޔާ ރައްރަށުގެ ބިންވެސް ކަރަޕްޝަންގެ ތެރެއިން ނަގަންވީއެވެ. އެގްރީމެންޓްވެސް ހަދަނީ ޖީއެމްއާރގެ އެގްރީމެންޓް ހެދިހެން އެތަން ނަގަންބޭނުން ބައެކެވެ. އެމީހުންނަށް ފައިދާވާގޮތަށް ކޮސް އެގްރީމެންޓެއް ހަދާފަ ތަން ދޫކޮށްލަނީ އެބައެއްގެ ޖީބަށް އެތިކޮޅެއް ހޯދާށެވެ. ބަންޑާރަކާ މާލް ހޭ، މަށައް ކޮންކަމެއްހޭ؟! ބައެއް ކައުންސިލްތަކަށް ލިޔެކިޔަން ނުދަންނަ މީހުންވެސް އެބަތިބި ހޮވައިފާ. އެމީހުންލައިގެން ކޮން ސަރައްދީ ތަރައްގީއެއް ގެނެވޭނީ. މުޅީން ފޭކް ޖެއްސުން ކަމަކީ. ފޭކް ސިސްޓަމްސް. އެއްވެސް ސިސްޓަމެއް މަސައްކަތެއް ނުކުރާނެ ޗޯރުންތައް ތަންތަނަށްލައިފާ 5 އަހަރުދުވަހު ކުރާވައްކަމަށް އަތުލައިގެނެފާ މަދުވެގެން 5 އަހަރަށް ބުރަމަސައްކަތާއިއެކު ޖަލައް ނުލެވެންޏަކާ. ކޮބާ ފެނަކާ ސަޢީދު އާއި އޭނާގެ ބޮސް؟ ކޮބާ މމޕރސ ގެ ވަގުންތައް؟ އެކަކުކުރާ ވައްކަން އަނެކަކު ނުބަލާ ސިސްޓަމް ލާ-މަރުކަޒީ އާއި ޑިމޮކްރެސީ.

  2. ދިވެހިންނަކީ ވަރަށް މަޑުމައިތިރި އަދި ލިޔަމަންތެރި ރައްޔިތެއްކަން ވެރިކަން ކުރަން އަންނަ މީހާއަށް އެނގެއެވެ. އެހެންވީމާ ނިޒާމުތައް އޮޅުވާލިޔަސް ނުވަތަ އެފުށްމިފުށަށް ޖެހިޔަސް ދެ ދުވަހަކު ހާލޭއްލެވުމަށްފަހު މައިތިރިވެދާނެކަންވެސް އޭނާއަށް އެނގެއެވެ. މިހާރުވެސް ވަނީ ހަމަ އެހެންނެވެ. ކިޔަވައިގެން ތިބި ޒުވާނުންނަކަށް މީ މާބޮޑުކަމަކަށް ވެޔެކޭ ނުބުނެވޭނެއވެ. ގައުމުގައި ތިބި ހަރމީހުން ތިބީ މިއީ ޒުވާނުންގެ ކަމެކޭ ކިޔާފައި ދެއަތް އުރާލައިގެންނެވެ. ނޫސްވެރިންނަށް އިޝްތިހާރު ކޮޅެއް ދީފާ ނިމުމެއްނެތް އާމްދަނީ އެއްކަށަވަރުޮށްދިނީމާ އެމީހުންތިބެނީ ސަނާކިޔާށެވެ.

  3. ހަމަގައިމުވެސް ތިއިން ދެތިން ފަޅެއް ހިއްކުމަށްދާ ޚަރަދުން ރާއްޖެތެރޭގެ ރަށްތަކެއް އެކަށީގެންވާވަރަކަށް ތަރައްގީ ކުރެވިދާނެއެވެ. މާލެ ސަރަހައްދަށް ފުނިޖެއްސީމާ އެ ރައްޔިތުންނަށް ބިމުގެ ޚަޒާނާތަކެއް ހުޅުވެނީ ހެއްޔެވެ. މާލެ ސަރަހައްދުގައި މިހާރުވެސް ރައްޔިތުން އުޅޭ ހާލު އެ އޮތޮތީ ހާއަށް ފެންނާށެވެ. ރާއްޖެތެރެއިން އެމީހުންނަށް ކޮންމެވެސް އާމްދަނީއެއް ލިބޭނެ ގޮތެއް ހަމަހައްސަން އުޅުނިއްޔާ ޚަރަދުވެސް ކުޑަވާނެއެވެ.

  4. އަހަރެމެންގެ ލާމަރުކަޒުގައި މިވާގޮތަކީ މުޅިރާއްޖޭގެ ރައްޔިތުން މާލޭ ސަރަހައްދަށް ފުނި ޖައްސާފައި ކުލީ އެޕާރޓްމެންޓްތަކުގައި ދިރިއުޅެން ޖައްސާފައި ރެޔާ ދުވާލު މަސައްކަތްކޮށްގެން ލިބޭ ފައިސާކޮޅު އާރބަންކޯއަށް ދީފާ އަނެއްކާވެސް އަނބިދަރިންނަށް ކާންބޯން ދޭނެ އެއްޗެއް ހޯދަން ގަނަތަޅުވަނީއެވެ. ހަމަ ގައިމު އެ ރައްޔިތުން ދިރިއުޅެމުންގެންދިޔަ ރަށުގައި އަމިއްލަ ގެއެއްގައި ދިރިއުޅެވޭނަމަ އާރބަންކޯގެ މުސީބާތުން ސަލާމަތް ވެވި އެ ފައިސާކޮޅު އަނބިދަރިންނަށް ޚަރަދު ކުރަން ބޭނުން ކުރެވޭނެއެވެ. ރަށުން ބިން ހުސްވީމާ ފަޅު ހިއްކާފާ ގޯތި ދޭނީއެވެ. އެ ދޭތެރެއަށް އާރބަންކޯއިން ވަދެ ހިންދީ ފިލްމުތަކުގައި ހަފްތާ ނަގާގޮތަށް ރައްޔިތުން ފެލާކަށް ނުޖެހޭނެއެވެ. ފަޅަކީ ރައްޔިތުންގެ މިލްކެކެވެ. ސަރކާރަކީ ރައްޔިތުންނެވެ. މިތާގައި އާބަންކޯއެއް ނާދެއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް