އެމްޑީޕީގެ 2008 އަދި 2018 ގެ ވަޢުދު ފޮއްޓަށް އަތްބާނާ ބަލާލިއިރު ފެންނަނީ ހުރިހާ ދިމާލަކުންވެސް ރައްޔްތުމީހާއަށް ލުއިފަސޭހަ ގޮތްތައް ވެދިނުމަށް ފުންކޮށް ވިސްނުމަށްފަހު ވެފައިވާ ވަޢުދުތަކެކެވެ.
އެވަޢުތައްވާން ނިންމި ނިންމުމުގެ ސެހެރީގައި ބުނެފައިވަނީ މިކަންކަމަކީ ރައްޔަތުމީހާގެ އަރިހަށްގޮސް ރައްޔަތުމީހާ ތާހިރު ދިރިއުޅުމެއްގެ ތެރެއިން އެމްޑީޕީން ކުރާނެ ހެޔޮ ވެރިކަމެއްގައި ކޮންމެހެން ކޮށްދޭންޖެހޭނެ ކަމަމަށްވީހިނދު އެގޮތުން ވެވޭ ވަޢުދުކަމުގައެވެ.
އެއްވެސް ޙާލެއްގައި މަކަރާއި ޙީލަތުން ނުކުރެވޭވަރުގެ ދޮގުވާހަކަތަކުން ރައްޔަތު މީީހާއަށް ދަޅަދައްކުވައި ދައުލަތްހިންގުން އަތުލުމަށްފަހު ރައްޔަތުމީހާ މަތީން ހަނދުމަ ނުނެތޭނެ ކަމުގައެވެ. އަދި އުފައްދާ ސަރުކާރުގެ ބައިވެރީންނާއި ޢާއިލާއާއި މިނެއްނެތި ދޮގުތެދެއް ބެލުމެއްނެތި ރައްޔަތުންގެ ޚާދިމްރައީސްމީހާއަށް ހުޝާމަތުކުރާ މީހުންގެ ލާބަޔާއި މަންފާއަށް ރައްޔަތުން އަތުން ނަގާ ޓެކްސް އާއި އެހެނިހެން ގޮތްގޮތުން ދައުލަތައް ލިބޭ އާމްދަނީ އެމީހުންގެ މެދުގައި ބަހާ ނުލާނެކަމުގެ ފުރިހަ ޔަގީންކަމާއިއެކު ވެވޭ ވަޢުދުތަކެއް (މެނިފެސްޓޯ) ކަމަށެވެ. ހަމަ އަސްލުވެސް ވަރަށް ފުރިހަމައެވެ.
އެއީ ދޮގު ވަޢުދުތަކެއްކަން ތިވަރަށް ތިލަކޮށް ނުދެއްކެވުމަށް ރައީސް އަށް ދަންނަވަމެވެ. އެހެނީ ރައީސް އަރިހުގައި މިހާރު ތިއުޅޭ ގިނަމީހުންނަކީ އަމިއްލަ ޖީބުން ރަޙުމަތްތެރީންނަށް ކޮފީއަކަށް އަރާނުލެވޭވަރުގެ ފައިސާފޮއްޗެއް އޭރު ނެތް މީހުނެވެ. މިހެން ދެންނެވިޔަސް ބޭނުންފުޅުނަމަ ރައީސް އަށް އުފާވެރި ޙަލާލު ދިރިއުޅުމެއް އުޅެވޭވަރަށް ރައީސްކަމަށް އިސްވުމުގެ ކުރީންވެސް ލިބެމުން ދިޔަކަމަށް ބެލެވިދާނެއެވެ.
ރައީސްއެވެ! މިހާރު ތިގެންދަވަނީ އިތުރު ދެވަނަދައުރެއްގެ 5 އަހަރު ދުވަހަކަށް ކޮންމެގޮތަކުންނަމަވެސް ވެރިކަމުގައި ހުންނެވުމަށް ރައްޔަތުން ކައިރީ އާދޭސް ދަންނަވަމުން އަދި އަތޮޅުތަކުގައި ތިބި ވޯޓްވިއްކާ އެޖެންޓުންގެ މަދަދާއި އެހީއަށްވެސް އާދެއްސް ދަންނަވަމުންނެވެ.
ވިސްނާލައްވާށެވެ! އެމްޑީޕީގެ ހާޑްކޯރ ސަޕޯޓަރުންގެ ގިނަބަޔަކުވެސް އެކުލެވޭފަދައިން ބޭރުގައުމުތަކުގައި އެމީހުންގެ ދަރީން ތަޢުލީމު ޙާސިލް ކުރުމަށްޓަކައި މައިންނާއިކު އެބަ ދިރިއުޅެމުން ގެންދޭނޫންތޯއެވެ. ރައީސްއަށްވެސް މިކަން އެނގިވަޑައިގަންނަވާނެ އެވެ! ޔަގީނެވެ.
އެމީހުންގެ ގިނަމީހުނަށް ލިބޭ އާމްމުދަނިއަކީ އެމީހުން ލޯން ނަގައިގެން ހަދާފައިވާމާލޭގައި ނުވަތަ ހުޅުމާލޭގައި ހަދާފައިހުރި ފެލެޓް، ގުދަން ނުވަތަ ކޮންމެވެސް ޢިމާރާތެއްގެ ކުއްޔެވެ. ނުވަތަ ބުރަކަކޮށް ދާހިއްލައިގެން ކުރެވޭ ކޮންމެވެސް މަދު އުޖޫރައެއް ލިބޭ މަސައްކަތެކެވެ.
އެމީހުން އެ ގައުމު ތަކަށް ދިޔައީ އެލިބޭ ފައިސާ ފޮތި ދިވެހިރާއްޖޭގައި އޭރު ޑޮލަރުުހުރި ރޭޓުން އެ ދިރިއުޅޭތަނެއްގެ އެކްޗޭންޖުން މިވެނިވަރެއް ލިބޭނެކަމަށް ބަލައި ބަޖޭޓްކޮށްގެނެވެ.
ރައީސްއެވެ! ރައީސް 2018ގައި ވެރިކަމާއި ޙަވާލުވަންދެން ބޭކުން ކިޔަވާކުދީންނާއި މެޑިކަލް ދާމީހުންނާއި ވިޔާފާރިވެރީންނަށް ޑޮލަރު ލިބެއެވެ. އެމްޑީޕީގެ ރައްޔަތުމީހާގެ ބޮޑުވަޢުދު ”ކޮންމެ ޑޮލަރެއްގެ ފަހަރުގައި ފުލުހަކު ބަހަށްޓައިގެންވެސް“ ކޮންޓްރޯލު ކުރާނެކަމަށް އެވާ ވަޢުދުތައް ދޮގުވަޢުދަކަށް ތިހައްދަވަނީ ކީއެވެތޯއެވެ؟
ރައީސްއެވެ! ޑޮލަރުން އާމްދަނީ ލިބޭ ގިނަބަޔަކު ރައީސް ފަހަތުގައި އެބަތިއްބެވެ. އަދި މަނިކުފާނު ދާހިއްލީމައި އެދަލުގައިވެސް ދުވަނީ މާމުއިވަސްކަމުގައި ބުނާޑޮލަރުން އިންކަމްލިބޭ ޗާލާކީ ވިޔާފާރިވެރީންނާއި މަޖިލިސްގޭޓް ކުރިމަތީ އޮށޯވެއޮވެ ޗަރުކޭސް ޖައްސާ ޑޮލަރުން ތަޅާ ރައްޔަތުން ބަލިކޮށްލުވައި ރައީސް މިހާރުވެސް ތިހުންނެވީ ދެވަނަ ދައުރަކަށް ހޮވިފާކަމުގައި ގޮވާ ވިޔާފާރިވެރިޔާވެސް އެހުންނެވީއެވެ.
ރައީސްގެ އޯޑަރުތަކަށް އެ މީހުންތައް ކިޔަމަންވާނެކަމުގެ ސިގްނަލް އެތިބީ ދީ ދީ ނޫންތޯއެވެ؟ ވީއިރު ރައްޔަތުމީހާއަށް މިފަދަ އަނިޔާވެރި ގޮތަކަށް ޑޮލަރު ވަގުބާޒާރެއް އޮޅުކޮށް ދިވެހިރާއްޖޭގެ ގާނޫނާއި ޚިލާފަށް ހިންގިޔަ ތިދެއްވަނީ ކީއްވެތޯއެވެ؟
ރައީސްއެވެ! މިަދުގެ ޑޮލަރު ރޭޓް 18.05ގައި ހުރީމާ ވާގޮތް އެނގިވަޑައިގަނޭތޯއެވެ؟ ހަމަޔަގީނުންވެސް އެނގިވަޑައި ގަންނަވާނެއެވެ. ޔަގީންއެވެ.
އެހެނަސް ދަންނަވާލާނަމެވެ. 15.42ރ އަށް އަގުހުންނަ ޑޮލަރެއް 18.05ރ ކުރިން ދެންނެވިފައިވާ ނިކަމެތި ރައްޔަތުމީހާއަށް ވިއްކުމުން ޑޮލަރަކުން އޭނާޔަށް 2.63ރ ގެއްލުމެއް ދެވެނީއެވެ. އެމީހާގެ މާލޭގެ ފުލެޓް ނުވަތަ ގުދަން ކުއްޔަކީ 15000ރ އާއި 20000ރ އެވެ. ޔަޢުނީ 970ޑ އާއި 1300ޑ އެވެ. އެހެންވީމާ ނިކަމެތި ރައްޔަތުމީހާގެ އަތުން ޑޮލަރަކުން 2.63ރ ވުމުން އެބައިމީހުންގެ އިންކަމްއިން ތި ގެއްލުވާލެއްވީ ގާތްގަނޑކަށް 20% އެވެ.
ހެޔޮވާނީ ކިހިނަކުންތޯއެވެ! ރައީސްއެވެ! މިއަނިޔާ ރައްޔަތުމީހާއަށް ތިދެއްވަނީ ދިވެހިރާއްޖޭގެ ގާނޫނާއި ގަވާޢިދަށް ކަނުކަލޮލަކާއި ބީރު ކަންފަތެއް ދެއްވައިގެން ހުންވަގެނެވެ. ޑޮލަރު ޢަމްދަނީ ލިބޭ ތި ރައީސް އަރިހުގައި އެނބުރޭ ޗާލާކީ ވިޔާފާރިވެރި 5 މީހަކު ރުއްސުވާށެވެ. ހެޔޮވާނީ ކިހިނެއްތޯއެވެ!
ރައީސްއެވެ! މިފަދަ ޖަރީމާތަކުގައި ދީނީކަމަށް ބުނާޕާޓީއަކުން އާމީން ކިޔުއްވިކަމުގައިވިޔަސް މަޙުޝަރުގައި ރައީސް ޖަވާބުދާރީވާން ޖެހޭނެއެވެ. ރައްޔަތުންނަށްޓަކާ ވިސްނާ ލެއްވުމަށް އެެދި ދެންނެވީމެވެ. ތިހިންގަވާ ސަރުކާރު ދައުލަތުގެ ހިންގަ ދެއްވުމަށް ތައްޔަތުމީހާގެ ރުހުން ހޯއްދެވީވެސް، ދީނަށްޓަކާ، ގައުމަށްޓަކާ އަދި ރައްޔަތުންނަށްޓަކާ ނޫންތޯއެވެ!
ޑޮލަރެއްގެ ފަހަތުގައި ފުލުހަކު ނުބަހަށްޓަވާވެސް ކުރީގެ ރައީސް ޔާމީނުގެ 5 އަހަރުގެ ވަރިކަމުގައި އެމްޑީޕީގެ ޑޮލަރު ވަޢުދު އެމަނިކުފާނު ފުއްދެވިއެވެ. ވަގުޑޮލަރު ބާޒާރެއް ނުއުފައްދަވައެވެ. ޑޮލަރުން އާމްދަނީ ލިބޭ މަހުޖަނުން ހިތްހަމަ ޖެއްސުމަށް ނިކަމެތި ރައްޔަތުމީހާއަށް ޖުމްލަގޮތެއްގައި މިފަދަ އަނިޔާވެރިއެއް ނުވެއެވެ. ހަމަތެދެކެވެ. ރައްޔަތުމީހާ އުޅެނީ ވަރަށް ނިކަމެތި ޙާލުގައެވެ!
ދެވަނަ ދައުރަކަށް ވޯޓްލާން 15 ދުވަހަށްވީމާ ކަނޑުންނާއި ހިއްކިދާނެ ފަޅުތަކުންނާއި 60 މީޓަރު އަޑިން ގޯތި ދެއްވުމަކީ ޙައްލެއްނޫނެވެ. މިކުޑަކުޑަ ކަންތައް ޙައްލުކޮށްލަ ދެއްވައި ރައްޔަތުމީހާގެ އާމްދަނީން ތި ގެއްލުންދެއްވާ 20% ސަލާމަތްކޮށް ދެއްވާށެވެ.
ރައީސްއެވެ! މިވާހަކަ މިދެންނެވީ ވަރަށްގިން ރައްޔަތުންގެ ނަމުގައި ވަރަށް އާދޭހާއި އެކުގައެެވެ. ވަގުބާޒާރުގައި ޑޮލަރުވިއްކާފައި އެފަދަ ވަގުޑޮލަރު ބާޒާރުގެ އަހުލުވެރީން ރައީސްގެ ކެމްޕޭނަށް އެ ވަގު ނަފާ ޚަރަދުކުރިޔަ ނުދެއްވާށެވެ.
One Response
ތިހުރިހާ ކަމެއް އިބޫގެ ބޮލަށް ކަނޑާލުން ރަނގަލެއްނޫނެވެ.. ނަޝީދުގެ ބޮދު ޙިއްސާއެއް ތިލިޔެފައިވާ ޑޮލަރު ކްރައިސްގައި ވެއެވެ. އާއެކެވެ. ސަރުކާރުން ހަމަޔަކަށް އެޅުވުމުގެ ނިޔަރެއް އޮތްނަމަ މިހާރު މިވިއްކާހެން ވަގު ބާޒާރު އިތުރެއް ނުވާނެއެވެ. އަދި ޑޮލަރުން އާމްދަނީ ލިބޭމީހުން ބޭންކުމެދުވެރިކޮށް އެ މުޢާމަލާތް ކުރާނަމަ ރައްޔަތުން ނަށް ޑޮލަރު ބޭންކް ރޭޓުން ލިބޭނެއެވެ. މިހާރު ބޭންކުންވެސް ވަނީ ވަގު އެޖެންޓުން އުފައްދައިފައެވެ. އެހެނީ ފަސޭހައިން ބޮޑު ފައިދާލިބޭ ވަގުވިޔާފާރިއަކަށް ވުމުންނެވެ. ބޮޑު މަންފާ އަވަހަށް ލިބެންޏާ ވަގު އޮޅު ބަލާނެ މީހުން މިގައުމުގައި ވަރަށް މަދެވެ.