ދެންނެވުމުގެ ބޭނުމެއް ނެތް ފަދައިން އެއީ ޚިދުމަތްތެރިއެކެވެ. ހިންގުންތެރިއެކެވެ. ވަރުގަދަ ސިޔާސީ ލީޑަރެކެވެ. ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ. ނަމަވެސް މިއަދު އަޅުގަނޑުގެ ގަލަން މި ހިންގައިލަނީ އޭނާގެ ސިޔާސީ ހަޔާތުގެ މައްޗަކަށް ނޫނެވެ. ނުވަތަ އޭނާގެ ބަސްމޮށުންތެރިކަމުގެ މައްޗަކަށް ވެސް ނުމެނޫންމެއެވެ. އާދެ, އޭނާގެ ޝާއިރިއްޔަތުގެ މައްޗަށެވެ.
މި ދަންނަވަނީ ކަވަރ ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގައި ހިމެނޭ ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމްގެ ވާހަކައެކެވެ. ނުވަތަ ބައެއް ބޭފުޅުންގެ “އަދުރޭ“ ގެ ވާހަކައެވެ.
ވޭތުވެދިޔަ ތަނުގައި އޭނާގެ ޅެންތައް އަޅުގަނޑަށް ވަނީ ފެނިފައެވެ. ބައެއް މަޖައްލާތަކުންނެވެ. މީސްމީޑިއާގެ ބައެއް މަންސަތަކުންނެވެ. އެހެން ވެސް ގޮތްގޮތުންނެވެ.
މި މަހުގެ 22 ވަނަ ދުވަހު މީސްމީޑިއާގެ މަންސަތައް ހާވަމުން ދަނިކޮށް އަޅުގަނޑުގެ ނަޒަރު ހުއްޓުނީ “ހަވަނަ ހިއްސުގެ އަޑު“ މި ސުރުޚީގެ ދަށުން ޢަބްދުއްރަޙީމް ހައްދަވާފައިވާ ޅެމަށެވެ. އެ ޅެމަކީ ހަމަ އެ ދުވަހު ޢަބްދުއްރަޙީމް ޝާއިއުކުރައްވާފައިވާ ޅެމެކެވެ. ޖުމްލަ އަށް ބައިތުގެ މައްޗަށް އެކުލެވިގެންވާ މި ޅެމަކީ ނަސޭހަތުގެ ޅެމެކެވެ.
އަޅުގަނޑަކީ ވެސް މިފަދަ ކަންކަމުގައި ހޭކި އުޅޭ މީހެއް ކަމުން ކޮންމެވެސް އެއްޗެއް ދަންނަވައިލާނަމެވެ. ކުދިކުދި މައްސަލަތައް ފާހަގަ ކުރެވުނު ނަމަވެސް ޖުމްލަ ގޮތެއްގައި ޅެން ވަރަށް ރީއްޗެވެ. ކާފިޔާތައް އެއްގޮތްވެފައި ޖުމްލަތައް އެމުނި އެކުލެވިފައިވާ ގޮތް ފުރިހަމައެވެ. ބަސްކޮށާރު ވެސް މުއްސަންޖެވެ. އަސަރެއް އެބަހުރިއެވެ. ބައެއް ޅެންތަކުގައި ހުންނަ ފަދައިން މި ޅެމުގައި ވެސް ބައެއް ލަފުޒުތައް ފުރޮޅުއްވާފައި އެބަ ހުއްޓެވެ.
އާންމު ގޮތެއްގައި ޝާއިރުން ޅެންތައް ހައްދަވާފައި ހުންނަނީ އެ ދުވަސްވަރެއްގެ ހާލަތުގެ މައްޗަށް ބިނާކޮށެވެ. މި ޅެން މިއަދުގެ ސިޔާސީ މަސްރަހާ ވެސް ނުހަނު މުނާސަބެވެ. ނަމަވެސް މިއީ އެކަމަށް އަމާޒު ކުރައްވައި ހައްދަވާފައިވާ ޅެމެއް ކަމަކަށް އަޅުގަނޑު ނުދަންނަވާނަމެވެ. އެކަން ދޫކޮށްލާނީ ކިޔުންތެރިންނަށެވެ.
މިހާ ހިސާބުން ޅެންވެރިޔާގެ ބަނޑުގައި އޮތް އެއްޗެއް ތިލަކޮށްލުމަށް ގަލަން ހިންގައިލާނަމެވެ.
ޝަރަހަ:
“އޭ މަގޭ މިތުރާ އަހާށޭ ދަންނަވަން މިއުޅޭ ޚަބަރު
ދޭހަވާނެހެން ފޮރުވިފައިވާ ސިއްރުތައް ފިލުވާ ދަބަރު“
“ކަންފަތަށް އުނދަގޫވިޔަސް ކަނުލާ އަހައިފިއްޔާ ތިބާ
އަންތަރީސްވާ ވަރުގެ ލިބިގެންދާނެޔޭ ގިނަގުނަ ޢިބަރު“
މި ޅެމުގައި ޅެންވެރިޔާ ސިފަކޮށްދެއްވަނީ މިއަދުގެ ހާލަތެވެ. ތިލަކޮށް ދެއްވަނީ މުޖުތަމައުގައި ކަން ހިނގަމުންދާ ގޮތެވެ. ހަވަނަ ހިއްސުގެ ބޭނުން ކުރައްވައިގެން އެ ވަކިކޮށް ދެއްވަނީ ފެންނަ އަދި ފޮރުވިފައިވާ ކަންކަމުގައި ހުރި ރަނގަޅާ ނުބަޔެވެ.
ނަސޭހަތުގެ ބަހެއް އަޑުއަހައިލުމަކީ ބައެއް މީހުންނަށް އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް އެ ނަސޭހަތެއް ކަނުލައި އަޑު އަހައިި އެއަށް ވިސްނައިފިނަމަ އެތައް ހާސް ފިލާވަޅެއް ލިބިގެންދެއެވެ. އެކަމެއްގެ ހަގީގަތަށް ވާސިލުވެ ހަގީގަތާ ކުރިމަތިލާން ދަސްވެއެވެ. މުސްތަގުބަލު އުޖާލާ ކުރުމަށް ކޮށޭ މަގަކަށް އެކަން ވެދެއެވެ.
“ނޭނގި ހުއްޓާ ޒަހަރުލާފައި އެބަދެޔޭ ކާތަށި މަތިން
އޭގެ ރަހަ ވިހަވާނެކަން ދަންނާށެ ވުރެވެސް ހިތި ހަބަރު“
މި ބައިތުގައި ޒަހަރާއި ހަބަރުގެ ވާހަކަ އެބަ އާދެއެވެ. ޒަހަރަކީ ވިހައެވެ. ޒަހަރުލައިފައި ހުރި އެއްޗެއް ކެވިއްޖެނަމަ ވާނީ މަރެވެ. ސަލާމަތްވުމަކީ ނާދިރު ކަމެކެވެ. ނަމަވެސް ހަބަރަކީ ވިހައެއް ނޫނެވެ. އެއީ ބޭހަށް ގެންގުޅޭ ހިތިރަހަ ގަދަ ކަޅުކުލައަށް ހުންނަ އެއްޗެކެވެ.
ކިތަންމެ ގާތް މިތުރެއް ކަމަށް ދެކެވުނަސް އާޚިރުގައި އެ މީހަކީ ހަތުރެއްކަން ހާމަވެފައިވަނީ މަދެއް ކޮށެއް ނޫނެވެ. ނުހަނު އެއްކޮށް އުޅެ, އެއް ސުފުރާމަތިން ކައިބޮއި ހަަދައި, ތިމާއަށް ނޭނގި ހުއްޓައި ސަލާމަތްނުވެވޭވަރުގެ ބޮނޑިއެއް ދީފައި ދަނީ ކިތައް މީހުން ހެއްޔެވެ. ޅެންވެރިޔާ ސިފަކުރައްވާ ފަދައިން ބައެއް ފަހަރު ޖެހޭ ގިލަންވެރިކަމުގެ ރަހަ ހަބަރަށް ވުރެ ވެސް ހިތިވާނެއެވެ. ނުވަތަ އެ ކަންކަމުގެ އަސަރު ޒަހަރު ހައި ވިހަގަދަވެދާނެ ވާނެއެވެ.
“ދުނިތަކާ ސާޅަނގަ ތަކާ ފަރުދާވެ ތިބެގެން ރާވަމުން
ނުނިޔަތާ އެކުގައި ރުވާފައި ދޫކުރޭ ލާފައި ރަބަރު“
މި ބައިތުގައި ޅެންވެރިޔާ ސިފަކުރައްވަނީ ފޮރުވިގެން ތިބޭ ދުޝްމަނުންގެ ވާހަކައެވެ. ނުވަތަ ހަސަދަވެރިންގެ ވާހަކައެވެ. ތިމާއަށް ނުވަތަ މުޖުތަމައުއަށް ގެއްލުން ދިނުމުގެ ނިޔަތުގައި އެ ބާވަތުގެ މީހުން ސައްލާކޮށް ރާވާ ނުބައި ރޭވުންތަކުގެ ވާހަކައެވެ. އެއިން އެންމެ ރޭވުމަކުން ނުހަނު އަވަހަށް މުޅި ތަން ފަސާދަކޮށްލައިފާނެއެވެ. ކަމުގެ ނުރައްކާތެރިކަން ބަޔާންކޮށްދެއްވުމުގެ ގޮތުން ޅެންވެރިޔާ މިސާލު ޖައްސަވައިފައި އެވަނީ ދުނިދަނޑިން ވައިކަފާލައިފައި ފޮނުވައިލާ ދުނިތަކެއްގެ ގޮތުގައެވެ.
“ހެއްލިގެން ލޯ ކުރިމަތީގައި ދައްކަމުންދާ ކުލަވަރަށް
ގެއްލިގެން ނުމެދާށެ އިވުނަސް ރާގުރާގަށް ނަލަ ގިބަރު“
“ޙިކުމަތާ ބުއްދީގެ ބޭނުން އެބަޖެހޭ ކުރިއަށް ނެރެން
ފިކުރުކޮށް ވިސްނާ ބަލައިގެން އިސްކުރާށޭ ވީ ސަބަރު“
ފެންނަ ކޮންމެ ކަމަކީ ނުވަތަ އިވޭ ކޮންމެ އެއްޗަކީ ހަގީގަތެއް އެކުލެވިގެންވާ ކަމެއް ނުވަތަ އެއްޗެއް ނޫނެވެ. ބައެއް މީހުން, އެ މީހުންގެ މަގުސަދު ހާސިލުކުރަން ކޮންމެފަދަ ކަމެއް ވެސް ކޮށްފާނެއެވެ. އަނެކުން ވާވެއްދުމަށްޓަކައި މަތި އޮމާންކޮށްގެން ކޮންމެފަދަ ދޮގު ވާހަކައެއް ވެސް ދައްކައިފާނެއެވެ. އެފަދަ މީހާގެ ވާހަކަ މޮޅުކަމުން އެއީ ވަރަށް މާނަ ހުރި ވާހަކައެއް ކަމަށް ތިބާއަށް ހީވެދާނެއެވެ. ނަމަވެސް އެއީ އަވާމެންދުރެކެވެ. ވީމާ ޅެންވެރިޔާ އެ ނަސޭހަތްތެރިވެވަޑައިގަންނަވަނީ އެފަދަ މާނައެއް ނެތް ވާހަކަތަކަށް ހެއްލިގެން ނުދިއުމަށެވެ. މުސްކުޅިން ވެސް ބުނެ އުޅެނީ ހެއްލުމަކީ ގެއްލުމެއް ކަމަށެވެ.
އެހެންކަމުން ޒަމާނުގައި ކަމާބަހާ ހިނގާ މަގު ވިސްނައިގެން އަމާނެއް ލިބެން އޮތް ގޮތެއް ބަލަން ޖެހެއެވެ. ޅެންވެރިޔާ ވިދާޅުވާ ފަދައިން އެކަމަށް އޮތް އެންމެ މޮޅު ފަރުވާއަކީ ތިމާއަށް ދެއްވާފައިވާ ބުއްދީގެ ބޭނުން ހެޔޮ ގޮތުގައި ކުރުމެވެ. ކެތްތެރިކަން އިސްކޮށް ކަންކަމާމެދު ފިކުރުކޮށް ރަނގަޅު މަގު ހޯދަން މަސައްކަތް ކުރުމެވެ.
“ވާ ގޮތާ ވާންވީ ގޮތާ މެދު ހާސްވެ ކަންތައް ބޮޑުވެގެން
އާ ގޮތެއް ހޯދަން ސިކުނޑިއަށް މާބޮޑަށް ނުކުރާށެ ބަރު“
“ހީކުރާށޭ ހަވަނަ ހިއްސޭ އިއްވަނީ އަޑު ކަންފަތަށް
މީ ލިބުނު ހަދިޔާއެކޭ ހީ ކޮށްފި ނަމައީ ޖުދުޒަބަރު“
އިސްވެ ދިޔަ ބައިތުތަކުގައި ޅެންވެރިޔާ އެ ސިފަކޮށްދެއްވީ ކަންކަން ވަމުންދާ ގޮތެވެ. އަދި އެކަމާމެދު އަޅަންޖެހޭ ފިޔަވަޅުތަކެވެ. އެ ވިދާޅުވާ ފަދައިން ހޯދައި ބަލައިފި ކަތަކަށް ރަނގަޅާއި ނުބައި އެހުރީ ދިމާއަށް ހާމައަށް ފެންނާށެވެ. އެހެންކަމުން މި ބައިތުތަކުގައި އެ ނަސޭހަތްތެރިވެ ވަޑައިގަންނަވަނީ ކަންބޮޑުވެ އާ ގޮތެއް ހޯދުމަށްޓަކައި ވިސްނުމެއްނެތި އެއްވެސް ކަމެއް ނުކުރުމަށެވެ. މާޔޫސް ނުވުމަށެވެ. ޔަގީނެވެ. ޅެންވެރިޔާ އެ ދެއްވި މި އަގުހުރި ހަދިޔާގައި ހެޔޮ ގޮތުގައި ބޭނުންކޮށްފިނަމަ މަގު އޮތީ އަމާންކޮށެވެ.
ޅެމުގައި އެކުލެވިގެންވާ ބައެއް ލަފުޒުތަކުގެ މާނަ:
- ޢިބަރު (العبر): އިބުރަތް, ފިލާވަޅު.
- ނުނިޔަތް: ހަސަދަ, ހިތުގައި ހިނގާ ނުރުހުން, އަނެކާއަށް ދެރައެއް ދިނުމަށް ގަސްދުކުރާ ކުރުން.
- ރުވުން: ދުނި, މަޑަ ފަދަ ތަކެތި ތައްޔާރުކޮށް ތިއްބުން.
- ގިބަރު: މާނައެއް ނެތް އަޑު.
- ސަބަރު: އަސްލަކީ ޢަރަބި ލަފުޒު ކަމަށްވާ صَبْرٌ އެވެ. ދިވެހި ގޮތަކީ ސަބުރުއެވެ. ނުވަތަ ސަބުރުވެރިކަމެވެ. މާނައަކީ ކެތްތެރިކަމެވެ.
- ޖުދުޒަބަރު: މިއީ ޒަބަރުޖުދުގެ ވާހަކައެވެ. ޒަބަރުޖުދަކީ ހިލައިގެ އަގުހުރި ބާވަތެކެވެ. ޅެމުގައި “ޖުދުޒަބަރު“ މި ގޮތަށް ބޭނުން ކުރައްވާފައިވަނީ ކާފިޔާ އެއްގޮތް ކުރެއްވުމަށްޓަކައެވެ.