އިސްތިއުމާރީންގެ ކިބައިން މިނިވަންވެ ޑިމޮކްރަސީއަށް ކުރި ދަތުރު

Loading

Facebook
Twitter
WhatsApp

އިސްތިއުމާރީންގެ ކިބައިން މިނިވަންވެ, ރައްޔިތުން އުފެއްދި ރައްޔިތުންގެ ސަރުކާރާމެދު ނުވަތަ އެ ސަރުކާރު ގެނައުމަށް ކުރި ދަތުރުގެ ވާހަކައަކީ ދިގު ވާހަކައެކެވެ.

އެހެންވީމާ ކިޔުންތެރިން ނަށްވެސް ބުރައަކަށް ނުވާވަރަށް ޚުލާސާ ގޮތެއްގައި ލިޔަން ގަސްދު ކުރަމެވެ. އެ ނިޒާމުގެ މޮޅުކަން ކިޔައިދިންއިރު އަޅުގަނޑުމެންނަށް އޮޅުންފިލުވާނުދީ ހުރި ގިނަ ކަންތައްތައް އެގޮތުގައި ބޭއްވޭކަށް (ތަޖުރިބާ ކުރުމަށް ފަހު) މިއަދަކު ނެތެވެ.

ދުނިޔޭގެ ތާރީޚުން ހެކި ލިބޭގޮތުގައި އިސްތިއުމާރު ކުރުމުގެ ބޭނުމަކީ ގަދަބާރުން ގައުމުތަކަށް ވެރިވެގަނެގެން ތިބެ އެ ގައުމެއްގެ މުއްސަނދިކަން ފޭރުމެވެ. ގައުމުތަކުގެ ރައްޔިތުންނަށް އަނގަ ހުޅުވައިލާނެ ފުރުސަތެއް ވެސް ލިބިނުދިނުމެވެ. މި ދިވެހިންގެ ރާއްޖޭގައި އެ ފެންވަރަށް އަޅުވެތިކަން އާންމުކޮށްފައި ނެތަސް މި ގައުމުން އެމީހުން ބޭނުންވި އެއްޗެއް ބޭނުންވި ވަރަކަށް އޮތީ ފޭރިގެންފައެވެ. އެވަރުން ނުފުދިގެން މި މަދު އާބާދީ ބައިބައި ކުރުމަށްޓަކައި ރޭވުންތަކެއް ރާވައި އަދި އެ ރޭވުންތައް ތަންފީޒު ކުރަން ވެސް މަސައްތަކެއް ކުރެވެމުން ދެއެވެ.

އިސްތިއުމާރީން ދުނިޔޭގެ ކަންކޮޅުތަކަށް ފެތުރިގެން ދިޔައިރު ދިވެހި ތަޚުތުގައި ތިއްބެވި ބައެއް ބޭފުޅުންނަކީ ރައްޔިތުންގެ ޚާދިމުންނޭ ބުނަން ޖެހިލުންވެއެވެ. ސަބަބުތައް ބައިވަރެވެ.

އެބޭފުޅުންގެ ނަޒަރުގައި މި ރާއްޖެއަކީ އެ ބޭފުޅުން ބޭނުން ގޮތަކަށް ކަންތައް ކުރަން ލިބިފައި އޮތް ތަރިކަ މުދަލެކެވެ. އަނގަ ހުޅުވާލައި ބަސް ބުނުމުގެ ފުރުސަތު އެއްވެސް ދިވެއްސަކަށް ލިބިފައެއް ނެތެވެ. އެބައިމީހުން ބޭނުންނުވާ ކޮންމެ ވާހަކަޔަކީ ސިޔާސީ ވާހަކައެވެ. އެމީހުންގެ ވެރިކަމަށް ފާޑުކިޔުމެވެ. އެއީ ނުކުރެވޭނެ ކަމެއްކަމުގައި ވަނީ ކަނޑައަޅައި ބަޔަކަށް ގަބޫލު ވެސް ކޮށްދީފައެވެ.

އެގޮތުން ސަރުކާރާއި އިދިކޮޅު ވާހަކަ ދެއްކުމަކީ ފުރަތަމަ އެކުލަވައިލި ގާނޫނުން ފެށިގެ މިއަދާ ހަމަޔަށް ވެސް ރައްޔިތަކު ކުރާނެ އެންމެ ބޮޑު ކުށެވެ. މިހާރު ކޮންމެވެސް ވަރަކަށް އެ ބިރު ފަހަނައަޅާ ހިނގައްޖެކަމަށާއި ގާނޫނުންވެސް އެ ބާރު ސަރުކާރަށް ދީފައި އޮތުން ނިމުމަކަށް އަތުވެއްޖެކަން ފާހަގަ ކުރަންޖެހެއެވެ.

އިސްތިއުމާރީންގެ އަތުން ދިވެހިރާއްޖެ މިނިވަން ވުމަށްފަހު މިނިވަން ދިވެހިރާއްޖެއެއްގެ ގޮތުގައި ވެރިކަން ފަށައިގަތްއިރު ރާއްޖޭގެ އާންމު ޙާލަތު އޮތީ ސަހަރޯ ހީވާ ފެންވަރެއް ގައެވެ. އެއީ ފަހަރެއްގައި ވެސް އިސްތިއުމާރީންގެ ބޮލުގައި އެޅުވިދާނެ ބަދުނާމެއް ނޫނެވެ.

ރާއްޖޭގެ ވެރިކަމުގައި ތިއްބެވި ވެރީންނަށް ރައްޔިތުންގެ ޙާލަތު ކިޔައި ދިނުމުން ”އެމީހުން ކާނެ ބޮނޑިބަތް ކޮޅެއް ވެސް ނުލިބެނީހޭ “ މިފަދަ ޢިބާރާތްތައް ޙައިރާންކަމާއެކު ވިދާޅުވެފައި އެބަހުށްޓެވެ. މިއީ ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ އެކަހެރިވެފައި އޮތް މިންވަރު ކަމަށް ގަބޫލުކޮށް ހިތްހަމަ ޖައްސައިލުން ބުއްދިވެރި ކަމުގައި އޭރު ގަބޫލު ކުރީއެވެ. ކޮންމެވެސް މިންވަރަކަށް އޭގައި ޙަގީގަތް އެކުލެވެއޭ ވެސް ބުނެވިދާނެއެވެ.

އިސްތިއުމާރީންގެ އަތުން ދިވެހިރާއްޖެ މިނިވަން ވުމަށްފަހު ދިވެހިރާއްޖެއަށް ހެޔޮ ބަދަލުތަކެއް އައުމުގެ ކޮޅުމަތި ފެންނާން ފެށިއެވެ. އިސްތިއުމާރީންނާއި ނުބެހި އެއްވެސް ކަމެއް ރާއްޖެއިން ބޭރުގައި ނުކުރެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް އައިސް މަޑުމަޑުން ރާއްޖޭގެ އިގުތިސާދު އަމިއްލަ އިޚުތިޔާރުގައި ރާއްޖޭގެ އަސްދަނޑިން ބޭރަށް ނިކުމެ އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރަމުން ގެންދިޔަތަން ފެންނާން އެބައޮތެވެ. ހުރިހާ ކަމެއް އެންމެ އެދެވޭ ގޮތަށް ދިޔަކަމުގައި ނުވިޔަސް އޭރުގެ ޙާލަތާއި މުއާސަލާތުގެ ގުޅުންތައް ހުރި ގޮތުންނާއެކު ރާއްޖޭގެ ލޭނަރު ކަމުގައި ބެލެވޭ މަސްވެރިކަމުގެ އުފެއްދުންތައް ބަދިގެއިން ބޭރަށް ނިކުންނަން ފެށިއެވެ.

ރާއްޖޭގެ ޝިޕިންގ ލައިނެއް އުފެދި ގިނަ ދިވެހިންތަކަކަށް ވަޒީފާގެ ފުރުސަތު ހުޅުވިގެން ދިޔައެވެ. ބޮޑު ޢާމުދަނީއެއް ރާއްޖެއަށް ލިބެންފެށިއެވެ. ރާއްޖެއަކީ ހުރިހާ މާނައެއްގައި ވެސް ދިވެހި ރައްޔިތުންނަށް ޑިއުޓީ ފްރީ ތަނެއްގެ ގޮތުގައި ކުރިއްސުރެން އޮތް އޮތުން އިތުރަށް ހަރުދަނާ ވަމުންދިޔަތަން ފެންނާން ފެށިއެވެ. 1970 ގެ ކުރީކޮޅުގެ އަހަރުތަކުގައި ޓްއަރިޒަމް ތައާރުފުކުރެވި ދިވެހި އިގުތިސާދަށް ވަރުގަދަ އިންގިލާބެއް ގެނުވާން ފެށިއެވެ

މިއީ ދެބަސްވެވެންނެތް ހަގީގަތެވެ. ކުރިއްސުރެން މަސްވެރިކަން ކުރަމުން އައިގޮތް ބަދަލުވެ އިންޖީނު އެޅި ދޯނިފަހަރުގައި މާކަނޑު މެދަށް ނިކުމެ މަސްބާނައިގެން ހަވީރު ރަށަށް އާދެވުމުގެ ފުރުސަތު ހުޅުވިގެން ހިނގައްޖެއެވެ. މި އިޝާރާތްކުރި ކަންތައްތަކަކީ ރޭގަނޑު ނިދާފައި ހޭލާއިރު ފުރާފުރިހަމަ ކުރެވިފައި ހުންނާނެ ކަންތަކެއް ނޫންކަން (ސަބަބުވެރި ވިސްނުމަކުން ނުވިސްނިޔަސް) ގަބޫލުކުރަން ޖެހެއެވެ.

މިކަންތައްތަކުގެ ބިންގާ އެ އޮތީ އަޅައިދީފައެވެ. އެއީ ކައްޗަށް އަޅާފައި އޮތް ބިންގަލެކޭ ބުނެވޭކަށް ނެތެވެ. ދިވެހިން ބޭނުންވާ ގޮތަށް ދިވެހިންގެ ގައުމު ބިނާކުރުމުގެ މަސްއޫލިއްޔަތު ޙަވާލު ކުރެވުނު ބަޔަކުގެ އިޚުލާސްތެރިކަމުގެ ބަހުސް ކުރާކަށް ނެތީމެވެ. އެޙަގީގަތް އޮތީ ފެންނާށެވެ.

އެއްވެސް މީހަކަށް ކުޑައިމީސް ބަހެއް ބުނާކަށް ބޭނުމެއް ނޫނެވެ. އަމާޒަކީ އިސްތިއުމާރީންގެ ކިބައިން ސަލާމަތްވުމަށްފަހު ޑިމޮކްރެސީއަށް ކުރި ދަތުރުގެ ސަބަބުން ދެން ދިމާވި ކަންތަކަށް އަލިއަޅުވައިލުމެވެ.

ޑިމޮކްރެސީގެ ނަމުގައި ގެނެވުނު ބަދަލާއި ގުޅިގެން އެ ނިޒާމުގެ ސަބަބުން ރައްޔިތުންނާއި ގައުމާއި ދީނަށް ލިބެމުންދާ ނިކަމެތިކަމުގެ ވާހަކަ ދެއްކުމެވެ. ދެއިރު ދެދަޅަޔަށް ކުލަ ބަދަލުކޮށްގެން އެ ގޮވާ ގޮވެލިފަތި އަޑުއަހާ ރައްޔިތުން އެ ގޮވާ ގޮވެލިފަތިން ކޮންމެވެސް މިންވަރެއް ހަނދާން ހުރެދާނެކަމަށް ވިސްނުމެއް ބަލައިލުމެއްނެތި އެ ދޮގުތަށް އަމުނާ ސިޔާސީ މީހުންނަށް ހަނދާންކޮށް ދިނުމުގެ ބޭނުމުގައެވެ.

ރަސްރަސްކަލުންގެ ޒަމާނުއްސުރެން ވެރިކަމަކީ ރައްޔިތުންނަކާ މާބޮޑަށް ގުޅިފައި އޮތް ކަމެއްނޫނެވެ. ނަމުގައި ސަރުކާރު ހިންގާނެގޮތް ކިޔާދީ މަގުދައްކާނެ ރައްޔިތުންގެ މަޖިލީހެއް އޮވެއެވެ. 

އެކަމަކު އެއަށް ވެރިކަމުގެ މަޖިލީހޭ ކިއުން އައުލާކަން މާ ބޮޑެވެ. ކޮންމެއަކަސް އިސްތިއުމާރީންގެ ފަހުން ދައުލަތް ހިންގަމުން ގެންދިޔަ ނިޒާމުގައި ދިވެހިންގެ އާދަކާދައަށް ފެތޭ ރަނގަޅު ސިފަތަކެއް ހުއްޓެވެ. ދައުލަތުގެ ބަޖެޓަށް ބުރަ ނުކޮށް މަޑުމަޑުން ނަމަވެސް ގައުމައިގެން ކުރިއަށް ދެވިދާނެ ކަހަލަ ނިޒާމެކެވެ. ޒަމާނާގުޅޭ ގޮތުން ނިޒާމަށް ގެންނަންޖެހޭ ބަދަލުތައް ހުންނާނެކަން ގަބޫލު ކުރަން ޖެހޭނެއެވެ.

ވެރިކަމުގެތެރޭގައި އުފެދޭ ކުނިބުނިތައް ނައްތައިލަން ޖެހޭކަމަށް ވަކާލާތުކޮށް ތެދުވި ބަޔަކު އޭރުވެސް ތިއްބެވެ. އަދި މިހާރު ވެސް ރައްޔިތުންގެ ތެރެއިން މަދުބައެއް ނަމަވެސް އެކަން އެބަކުރެއެވެ.

ދައުލަތަށް ލިބެމުންދިޔަ އާމްދަނީން ދަރަނިވެރިނުވެ އެއްވަރެއްގައި ހިފަހައްޓައިވލެވޭތޯ ސަރުކާރުން މަސައްކަތް ކުރިއޭ ބުނެވިދާނެއެވެ. އިގުތިސާދު ރަނގަޅުވަމުން ދިޔަދިޔަހެން ބޭރުފައިސާލިބޭނެ ގޮތްވެސް އޮތީ މާބޮޑު ދަތިކަމަކާއި ކުރިމަތި ނުލައި ހަމަޖެހިފައެވެ. އަހަރެއް އަހަރަކަށް ގައުމުގެ ޙާލަތު ދިޔައީ ރަނގަޅު ވަމުންނެވެ. 

އިސްތިއުމާރުންގެ ކިބައިން ސަލާމަތްވިތާ ފަނަރަވަރަކަށް އަހަރު ފާއިތުވެގެން ދިޔައިރު ދިވެހިރާއްޖޭގެ ޗާޓު ތިކިތަކެއްގެ ސިފައިގައި ނަމަވެސް އޮތީ ދުނިޔެއަށް ފެންނާށެވެ. ބޭރު ގައުމުތަކާއެކު ވިޔަފާރިއާއި މުވާސަލާތާއި ދަތުރުފަތުރުގެ ގުޅުން ގާއިމު ކޮށްފައެވެ.

ދިވެހި ދަރިންތަކެއް ތަޢުލީމީ ގޮތުން ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ގައުމުތަކުގެ ސަފުގައި ޙަރަކާތްތެރި ވަމުން ގެންދިޔައެވެ. މިއީ ދިވެހިންނަށް ޙައްގު މިންވަރެކޭ ބުނާކަށް ނެތީމެވެ. ދިވެހިންނާ އެކުއެކީގައި ކަހަލަ ގޮތަކަށް އިސްތިއުމާރީންގެ ވަކިތަކުން މިނިވަންވި ބައެއް ގައުމުތައް އުޅެނީ ދިވެހީންނަށްވުރެ މާކުރިއަކުނޫނޭ ބުނެފައި ނިންމައިލާނީއެވެ.

ދިވެހިންނަށް ޙައްގު މިންވަރު ހޯދައިދިނުމަށް ވަކާލާތު ކުރާނެ ޙަރަކާތެއް ރައްޔިތުންނަށްޓަކައި ރައްޔިތުން އިޚުތިޔާރުކުރާ ރައްޔިތުންގެ ވެރިކަމެއް ޑިމޮކްރަސީގެ ނަމުގައި 2008 ގައި ފެށިގެން އަތުވެއްޖެއެވެ. ދިވެހި ކޮންމެ ރައްޔިތަކު ވެސް އަދަށްވުރެ ފަހި މާދަމައަކަށް އުންމީދު ކުރާތީވެ ރަނގަޅު ގޮތްތަކަށް މަގުދައްކަން މި ނިކުތް ޙަރަކާތުގެ މަގްސަދާމެދު ވެސް ޝައްކު އުފައްދާ ސުވާލުކޮށެއް އޭރަކު ނުހެދުނެވެ.

އެހެންނަމަވެސް އޭރު އެ ޙަރަކާތުން ރައްޔިތުންނަށް ޔަގީންކަން ދެމުން ގެންދިޔަ މޮޅު ހުޅަނގުގެ ޑިމޮކްރަސީގައި މިހާރު ކަންތައް ނިމިދިޔަ ގޮތަށް ބަލާފައި ބުނެވޭން އޮތީ ދިވެހީންނަށް އެ އުންމީދު ދިން ޑިމޮކްރަސީއަކީ ހިތި ހަބަރު ބުއިމެއް ކަމެވެ.

ލިބުނީ ނިކަމެތި ކަމެވެ. ހުރިހާ ގޮތަކުން ވެސް މެއެވެ. 

ގައުމުގެ އިޖުތިމާއީ ފޭރާން އެކުގައިހެން އިރާލައިފިއެވެ. އެއްވެސް މީހެއްގެ ގަދަަރެއް ޢިއްޒަތެއް އެއީ ނެތް އެއްޗެކެވެ. އަމާނާތްތެރިކަމަކީ ޖޯކަކަށް ހަދާފިއެވެ. ގައުމު ދަރުވާލައި ގައުމު ބޭރުބަޔެއްގެ އަތްމައްޗަށް ދޫކޮށްލައިފިއެވެ. 

ރައްޔަތުންގެ ވެރީންނަށް ދައުލަތެއް ހިންގޭވަރުގެ ތަޢުލީމާއި ޙުކުމަތް ނެތް ބަޔަކު އިސްކުރެވިއްޖެއެވެ. ބިރުފަހަނައަޅައި ގޮސް ފައުޅުގައި ދީނަށް ގޮންޖަހައިފިއެވެ. އަދުލު އިންސާފު އޮޔާލައި ޚިޔާނާތުން މުޅި ގައުމު ފަސާދަ ކޮށްފިއެވެ.

އެހެންކަމުން ޑިމޮކްރަސީގެ އަސްލާއި އަދި އެ ޙަރަކާތުގެ ބައިވެރިންގެ މަގުސަދާއިމެދު ޝައްކުގެ ގިނަ ސުވާލުތަކެއް އުފެދިއްޖެއެވެ. އިސްތިއުމާރު ކުރުމާއި ޑިމޮކްރެސީއަކީ އެއްބަނޑު އެއްބަފާ ނަހަލާލު ދެދަރިންކަން ދިވެހިންނަށް ވެސް މިހާރު މިވަނީ ރޭކާލައިފިއެވެ.

އިސްތިއުމާރު ކުރުމަކީ ގައުމުތައް ބައިބައިކޮށްލައިގެން އެކި ބާރުތަކުން އެކި ގައުމު އަޅުވެތި ކުރުންކަމާއި ޑިމޮކްރެސީއަކީ ސިޔާސީ ޕާޓީއޭ ކިޔާ ނިޒާމަކުން ގައުމުގެ ރައްޔިތުން ބައިބައިކޮށްލައިގެން ފިތުނަ އުފައްދާ ކޮރަޕްޝަންގެ ބިޔައަމަލުތަކުގެ ތެރެއިން ވެރިކަން ކުރަން ބޭނުންވާ ބަޔަކުވެރިކަމަށް ވެޑުުވުންކަން ވަރަށް ރަނގަޅަށް ހާމަވެގެން ހިގައްޖެއެވެ.

އެގޮތުން ވެރިކަން ދެމެހެއްޓުމަށްޓަކައި ބައިބައިކުރެވުނު ރައްޔިތުންގެ ތެރެއިން ދައުލަތުން ނަހަމަ ގޮތުގައި އަވަސް މަންފާއެއް ހޯދުމަށްޓަކައި ބައިޢަތު ހިފާ ބައިގަނޑެއް (ކޯލިޝަން) ކުރަންޖެހޭ ހުރިހާ ނުބައިކަމެއްގެ ތެރެއިން ނަތީޖާ ހޯދައި ވެރިކަން އަތުލުމެވެ. މައިންބަފައިންނާއި ދަރިން އަދި އަނބިމީހާއާއި ފިރިމީހާގެ ދެމެދަށް ސިޔާސީ ޕާޓީތައްވަދެ ވަކިހިއްޕައިލިއިރު ދެން މިކަމުން ސަލާމަތް ވެވޭނެ މަގެއް ވެސް ފެންނާކަށް ނެތެވެ.

ރައްޔިތުންނަށްޓަކައި ކަމަށްބުނެ ޑިމޮކްރަސީގެ ނަމުން އުފެއްދި މޮޅު ސަރުކާރުގައި ރައްޔިތުންގެ ހިއްސާއެއް އޮތީ ހަމައެކަނި ޕާޓީން ބުނާގޮތަކަށް އިންތިޚާބުތަކުގައި ވޯޓުލުމުގައެވެ. 

އިސްތިއުމާރުން ގައުމުތައް ގަދަ ބާރުން ފޭރެމުން ގެންދިޔަ ގޮތަށް ޑިމޮކްރަސީގައި ރައްޔިތުންގެ ޙައްގުތަކަށް ހުރުމަތެއް ނެތި ފޭރިގަނެއެވެ. ގައުމު ދަރުވައިލެވި ގެންދަނީ ދަރިންގެ ދަރިންނަށް ވެސް ދަރަނިން ސަލާމަތް ވެވިދާނެކަމުގެ އުންމީދެއް ނެތް މިންވަރަކަށެވެ. 

ކެމްޕޭން ކުރަމުންގެންދަނީ އެއްބަޔަކު އަނެއްބަޔަކަށް ކުނިފުޅަ ގޮވުމުންނެވެ. ޑިމޮކްރަސީގެ އަސާސް ކަމުގައި ބެލެވޭ ޕާޓީ ނިޒާމް ނުވަތަ ބައިބައިކުރުމުގެ ވިސްނުމުގެ ސަބަބުން ގައުމުގެ އެއްބައިވަންތަކަން ގެއްލިގެންދާތީ އެއްބައިވަންތަކަން ގާއިމުކުރުމަށް ކެމްޕޭންކުރާ ބައެއްނުފެނެއެވެ.

މިއަދު މިގައުމުގެ ގިނަ ސިޔާސީ ލީޑަރުންނޭ ކިޔޭ މީހުންނަކީ ދައުލަތެއް ހިންގުމުގެ ތަޢުލީމާއި ތަޖުރިބާ ލިބިވަޑައިގެން ތިބިބައެއް ނޫނެވެ. ގެނެވިގެން މިއުޅޭ ހުޅަނގުގެ ޑިމޮކްރަސީގެ އަސާސްގައި އެއީ ލާޒިމު ކަމެއް ނޫނެވެ. ދޮގުހެދުމާއި ނުލަފާވުމާއި މަކަރާއި ޙީލަތްތެރި ކަންތައްތަކީ ދިވެހި ގައުމުދުށް ޑިމޮކްރަސީގެ އަސާސްތަކެވެ. ވެރީންގެ ރުހުމާއި ކޯލިޝަން ހެދުމުގެ މިންތައްވެސް ގަބޫލުކުރެވެނީ ބުނެވިދިޔަ މިންގަނުން މިނުމަށްފަހުގައެވެ.

މައްސަލައަކަށް މިވީ އިސްތިއުމާރުންގެ ސިކުނޑީގައި އަށަގެންފައިވާ އަހަރެމެން ދިވެހިންނާއި ނުގުޅޭ ވެރިކަމުގެ ނިޒާމެއް އިމްޕޯޓު ކުރެވުމެވެ. މި ޑިމޮކްރަސީއަކީ ދިވެހިއިސްލާމީ މުޖުތަމައުން ނައްތައިލަންޖެހޭ ވަބާއެކެވެ. 

ދެންވެސް ސަލާމަތުގެ އައްސޭރިއަށް ދެވޭނީ އިސްލާމީ އޮނިގަނޑެއް ތެރެއިން އަދުލް އިންސާފު ގައިމުކުރެވޭނެ ނިޒާމަކަށް ރުޖޫއަވެވިގެނެވެ. އެފަދަ ހެޔޮލަފާ ސިޔާސީ ލީޑަރުތަކެއް އުފެދި  އެފަދަ ސިޔާސީ ލީޑަރުންނަށް ހެޔޮވިސްނުންލިބި މި ގައުމު އިސްތިއުމާރުންގެ ޙީލާތްތެރިރޭވުންތަކުން ސަލާމަތް ކޮށްދެއްވުން އެދި ދުއާކުރަމެވެ. 

އާމީން!

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް