ޑްރަގްގެ ބޮޑުންގެ އަދަބު ލުއިކުރުމުގައި އަޅުގަނޑުގެ ބައިވެރިވުމެއް ނޯންނާނެ: އިމްރާން

Loading

Facebook
Twitter
WhatsApp

ގޭންގް ކުށްތަކާއި ޑްރަގް ޓްރެފިކިންގ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް އަދަބު ލުއިކުރުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމަށް ހޯމް މިނިސްޓަރު ޝައިޚު އިމްރާން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އިމްރާން ވަނީ މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވައިފައެވެ.

މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެންބަރު ރިޔާޒް ވަނީ ޑްރަގް ޓްރެފިކް ކުރުމުގެ މައްސަލަތަކުގައި މުއްދަތަށް ދިގު ޖަލަށް ހުކުމްކޮށްފައި ތިބި ގިނަ ބަޔަކު, ހުކުމުގެ މުއްދަތަށްވުރެ މާ ލުއިކޮށް ޖަލުން މިނިވަންކޮށްފައިވާ ކަމަށާއި މިކަން ހިނގާފައިވަނީ މިނިސްޓަރުގެ ބައިވެރިވުމާ އެނގުމުގެ ތެރެއިން ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެކަމާބެހޭ ގޮތުން ސުވާލު ކުރައްވައިފައެވެ.

އިމްރާން ވިދާޅުވީ މަސްތުވާތަކެއްޗާއި ގޭންގްތައް ހިންގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކަށް ލިބެންޖެހޭ އަދަބަށް އޭނާގެ ފަރާތުން އެއްވެސް ލުޔެއް ލިބޭނެ ގޮތެއް މެދުވެރިއެއް ނުވާނެ ކަމަށެވެ.

“ގޭންގްތަކާ ޑްރަގް ޓްރެފިކިންގ މައްސަލަތަކަކީ އަޅުގަނޑު އެކަމަށް އަޅައިނުލައި ދޫކޮށްލާނެކަމެއް ނޫން. އޭގެތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއް ނުވާނެ. މިކަމުގެ ޔަގީންކަން ތި ހުރިހާ މެންބަރުންނަށް ވަރަށް ސާފުކަމާއެކު އަޅުގަނޑު އަރުވަން.“

އިމްރާން ވިދާޅުވީ ޑްރަގްގެ ބޮޑެތި ނެޓްވޯކްތަކާއި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާކަމަށާއި އެކަމާ ދުރުހެލިވުމަށް ކުރިން ވެސް އިލްތިމާސް ކުރައްވާފައިވާނެ ކަމަށެވެ.

“އަޅުގަނޑު މިއަދު ވެސް ދަންނަވައިލަން ބޭނުން މި މަސައްކަތް ކުރިއަށްގެންދާއިރުގައި އެއްވެސް ބޭފުޅަކާ އަރައި ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން. އެކަމަށް ހުރިހާ ބޭފުޅުން ސަމާލުވުމަށް އަޅުގަނޑު ހަމަ ވަރަށް ސާބިތުކަމާއެކު ދަންނަވަން. ހުރިހާ ބޭފުޅުން ފެއަށްޖެހިވަޑައިގަންނަވާށޭ.“

ޑްރަގް ޓްރެފިކިންގ މައްސަލަތަކުގައި ޝާމިލުވާ މީހުންނަށް އަދަބު ލުއިކުރުމުގައި އޭނާގެ ބައިވެރިވުމެއް ނޯންނާނެކަމަށް އިމްރާން ވިދާޅުވިއިރު, ދާދިފަހުން ވަނީ ހިންނަވަރަށް ނިސްބަތްވާ ޒުވާނަކު އުމުރަށް ޖަލަށްލިތާ 3 މަސް ނުވަނީސް މިނިވަންކޮށްފައެވެ. އޭނާ ދޫކޮށްލީ މިދިޔަ ޖަނަވަރީ މަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ.

Loading

2 Responses

  1. އިމްރާނުގެ މޭޑޭ ފެލުން އަޑުއަހާލުމުން އެންމެނަށްވެސް އެނގޭނެ އޭނާ ތެދެއް ނުހަދާނެކަން. ސިޔާސީގޮތުން ކުރިއެއް ހޯދާނީ. ކޮންމެފަދަ ދޮގު ތުޙުމަތެއް ކޮންމެ މީހެއްގެ ބޮލުގައިވެސް އިމްރާން އަޅުވާ ފާނެއެވެ. އަޅުވައިފާ އޮތީވެސް. އެކަން އެނގޭނެ އޭނާގެ މީޑިއާގައި އެ ދައުރުކުރާ ފެލުންތަކުގެ ވީޑީއޯތަކުން. ހަމަ އެފަހަރު އޮފް ކަނޑާލަން ބޭނުން މީހަކަށް ނުވަތަ ބަޔަކަށް ހަމަ ހަބޭހަށް ހުސް ދޮގުހަދާ ގުރުއާނާއި ޙަދީސުން ތަންތަންކޮޅު ކިޔާ ރޮއިހޭރި ހަދަމުން ގެންދާކަން. އެ ދޮގުތަކުގެ ސަބަބުން ގައުމުގައި އުފެދިފައިވާ ފިތުނަޔާއި ހަމަނުޖެހުން މިހާރު މިފެނިގެން ދަނީއެވެ. އޭނާގެ މައްޗަށް ޝަރިޢަތްކޮށް އަދުލް އިންސާފް ގައިމުކުރަން ޖެހެއެވެ. އަވަހިއްޔާ ގައުމަށް ފައިދާ ބޮޑެވެ.

  2. ލިޔުންތެރިއާއެވެ. ހެޔޮނުވާނެ އޭނާ އަށް ޝޭޚް ކިޔައިފާ ލިޔަން. އޭނާޔަކީ ވަރަށް ދޮގުހަދާ ކެހިވެރި މީހެކެވެ. ސިޔާސީގޮތުންވެސް ޕްރޫވަން ފޭލިއަރެކެވެ. 14 އަހަރުވީ އަދާލަތުގައި މަޖިލީސްގެ ގޮނޑިއެއްވެސް ނެތެވެ. ޕާޓީގެ 10 މީހުން ހަމަކުރީވެސް ދީނީ ހަމަޔަށް ބަލާނަމަ ޚަރާން ގޮތްގޮތުންކަން އެނގިވާވެއެވެ. އެހެނީ މީހުންގެ އައީޑީ ކާޑް ވަގަން ނަގައިގެނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް