ކުރިއަށް އޮތް އަހަރަކީ އެމެރިކާއަށް އިގްތިސާދީގޮތުން ވަރަށް ދަތި ދުވަސްތަކެއް ކަމަށް ބޭންކު އޮފް އެމެރިކާގެ ޗީފް އިކޮނޮމިސްޓް މިދިޔަ އާދީއްތަ ދުވަހު އިންޒާރު ދެއްވައިފިއެވެ. ފޭސް ދަ ނޭޝަން ޕްރޮގްރާމުގައި މާރގްރެޓް ބްރިނަން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޗީފް އިކޮނޮމިސްޓް މައިކަލް ގޭޕަން ވިދާޅުވީ ކުރިއަށް އޮތް ދުވަސްތައް މިހާރަށްވުރެންވެސް ދަތި ދުވަސްތަކަކަށް ވާނެކަމުގައެވެ.
ފަހަރެއްގައި އެއީ ދިގުދެމިގެންދާނެ އަހަރު ތަކަކަށް ނުވެދާނެއެވެ. އެކަމަކު އެކަމާ ވިސްނާ ފިކުރު ކުރަން ޖެހެއެވެ. ރަނގަޅަށް ވިސްނައިގެން އިގްތިސާދީ ފިޔަވަޅުތައް އެޅިއްޖެނަމަ އިގްތިސާދީ ފުންވަޅުގަނޑަކަށް ނުވެއްޓި ސަލާމްތް ވެވިދާނެއެވެ.
ކޮންމެފަހަރަކުވެސް މިކަހަލަ ގޮތެއް މެދުވެރި ވެދާނެހެން ހީވީމާ މިހެދޭ ގޮތަކީ އެތެރޭގެ އިގްތިސާދުގެ ދުވެލި މަޑުކޮށް އަދި އިންފްލާޝަން ކުޑަކުރުމުގެ ގޮތުން އިންޓެރެސްޓް ރޭޓުތައް ބޮޑުކުރުމާއިއެކު ހަރުހަށި ސިޔާސަތު ތަކެއް ތައާރުފް ކުރެވެނީއެވެ.
އޭގެ ނަތީޖާއަކަށް ވެގެންދަނީ ކުރާނެ މަސައްކަތެއް ނެތިގެން އުޅޭ އާބާދީ އިތުރު ވުމެވެ. 1990 ގެ އަހަރުތަކުގައި އަހަރެމެންގެ އެ ސިޔާސަތު ކާމިޔާބު ވިޔަސް މިހާރުގެ މަސްރަޙް މުޅިން ތަފާތެވެ. އެހެންވީމާ ކުރީގެ ތަޖްރިބާ ރަނގަޅޭ ކިޔާފައި ހަމަ އެ ސިޔާސަތު ހިންގަން އުޅުމުން ލަނޑު ލިބުން އެކަށީގެން ވެއެވެ. ނަސީބު ރަނގަޅިއްޔާ ކޮންމެވެސް މަގެއް ފެނިދާނެއެވެ.
ފާއިތުވެގެން މިދިޔަ އަހަތުތަކުގައި އެމެރިކާގެ އިންފްލާޝަން ވަރަށް މައްޗަށް ދިއުމަށްފަހު މިހާރު މަޑުމަޑުން ހަމަޔަކަށް އެޅެމުންދާތަން އެބަ ފެނެއެވެ. އެހެންނަމަވެސް ކޯވިޑްގެ ކުރީގެ ލެވެލްއަށް އިންފްލޭޝަން ގެނައުމަށްވެސް އަދި ދެތިން އަހަރު ބޭނުމެވެ.