ޚަބަރުތައް ބުނާގޮތުގައި 193 މެމްބަރުގައުމު ހިމެނޭ ޔުނައިޓެޑް ނޭޝަންސް އިން އިސްރާއީލުން ހިފާފައިވާ ފަލަސްތީނުގެ ބިންތަކަށް ވެރިވެގަނެގެން ތިބުމުގެ ގާނޫނީ ޙައްގަކީ ކޮބައިތޯ ބެލުމަށްޓަކައި އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ލަފައަކަށް އިއްޔެ އެދެފިއެވެ.
އިސްރާއީލުން ހުޅަނގު އައްސޭރިއާއި ގާޒާއާއި އިރުމަތި ގުދުސް ހިފާފައިވަނީ 1967 ގެ މެދުއިރުމަތީ ހަނގުރާމައިގައެވެ. އަދި 2005 ވަނައަހަރު އިސްރާއީލުން ވަނީ ގާޒާއިން ފައިބާފައެވެ. އެހެންނަމަވެސް ޕަލަސްތީނުގެ ބިންތަކަށް ދާންއޮންނަ މަގުތައް ބެލެހެއްޓުމުގައި މިސްރާއިއެކު އިސްރާއީލުންވެސް ގެންދަނީ ޙިއްސާ ކުރަމުންނެވެ.
އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އަކީ ޔުނައިޓެޑް ނޭޝަންސްގެ އެންމެ މަތީ ޝަރުއީ މަރުޙަލާއެވެ. އެ ކޯޓަށް ދުނިޔޭގެ ކޯޓުގެ ނަމުންވެސް މުޚާތަބު ކުރެވެއެވެ. ދުނިޔޭގެ ކޯޓުގެ ނިންމުންތަކަކީ އެއަށް އަމަލު ކުރުން ލާޒިމްކުރާ އަމުރުތަކެކެވެ. އެހެންނަމަވެސް އެ ކޯޓުން ކުރާ ޙުކުމްތައް ތަންފީޒުކުރުމުގެ ބާރު އެކޯޓަކަށް ނޯވެއެވެ.
ދުނިޔޭގެ ކޯޓުގެ ލަފައަކަށް ޔުނައިޓެޑް ނޭޝަންސުން އެދިފައިމިވަނީ އާންމު މަޖިލީހުގެ 87 މެމްބަރުންގެ އަޣްލަބިއްޔަތުން ފާސްކުރި ރިޒޮލިއުޝަނަކަށް ބިނާކޮށްފައެވެ. އެ ފާސްކުރުމާއި ދެކޮޅަށް އިސްރާއީލާއި އެމެރިކާ ހިމެނޭގޮތަށް 24 ގައުމަކުން ވޯޓުދިނެވެ. އަދި 53 ގައުމަކުން ވަކިކޮޅަކަށް ވޯޓުދޭން ބޭނުން ނުވާކަން ހާމަކުރިއެވެ. ވޯޓަށް އެހުމުގެ ކުރިން ޔުނައިޓެޑް ނޭޝަންސް ގައި ހުންނަވާ އިސްރާއީލުގެ ސަފީރުވިދާޅުވީ އިސްރާއީލުން އިސްރާއީލުގެ ބިމެއްގައި ތިބުމަކީ ޣައިރު ގާނޫނީ ކަމެކޭ ބައިނަލް އަގްވާމީ އެއްވެސް އިދާރާއަކުން ނުބުނެވޭނެ ކަމަށާއި އަދި ބޭންކްރަޕްޓު ވެފާއޮތް ޔުނައިޓެޑް ނޭޝަންސްއަށް އެއްވެސް ޝަރުޢީ އިދާރާތަކުން ދޭ ލަފައެއްގެ މައްޗަށް ގޮތެއް ނިންމުމަކީ ޣައިރުގާނޫނީ ނިންމުމެކެވެ.
އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ޔައިރް ލަޕީދުވެސް ދުނިޔޭގެ ލީޑަރުންނަށް އާދޭސް ކޮށްފައިވަނީ އެ މައްސަލަ ދުނިޔޭގެ ކޯޓުގެ ލަފައަކަށް ދިއުންވެސް ހުއްޓުވުމަށެވެ. ދުނިޔޭގެ ކޯޓަށް އެ މައްސަލަ ހިނގައްޖެނަމަ އެ މައްސަލަ އެދިޔައީ ހައްދު ފަހަނަޅާފައިވާ މީހުންގެ އަތްމައްޗަށް ކަމަށްވެސް އޭނާ ވިދާޅުވަމުން ގެންދިޔައެވެ.
ގާޒާގައި މިހާރު ވެރިކަން ކުރަނީ އިސްލާމީ ޖަމާއަތެއް ކަމުގައިވާ ހަމާސް އިންނެވެ. މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ފަލަސްތީނުގެ ސަރުކާރާއިއުކު 2007 ގައި ހިނގި ކުރިމަތިލުމެއްގައި ގާޒާއޮތީ ހަމާސްގެ ބާރުގެ ދަށަށް ގޮސްފައެވެ.
އެހެންދިމާވީ ފަލަސްތީނުގައި ބޭއްވުނު މިނިވަން އިންތިޚާބުގައި ހަމާސް ބޮޑުތަނުން ކާމިޔާބު ކުރުމުންނެވެ. އެހެނަސް އިޒްރާއީލުންނާއި އެމެރިކާއިން އެކަން ގަބޫލުނުކޮށް ދަތިކުރުމުގެ ފިޔަވަޅު އަޅައި ފަލަސްތީނަށް ވަރަން ބޮޑެތި އިތުރު ދަތިތަކާއި ކުރިމަތި ލާން ޖެއްސުމުން ޕީއެލްއޯ އާއި ހަމާސްގެ ދެމެދުގައި އުފެދުނު ނުތަނަވަސް ކަމުގެ ސަރުކާރު ބަދަލުކުރުވީއެވެ. އެހެނަސް ގަޒާ ހަމާސްގެ ބާރުވެރިކަމުގެ ދަށުން ދޫކޮށްނުލިއެވެ.
އޭގެ ފަހުން މިހާތަނަށް ހަމާސްއާއިއެކު އިސްރާއީލުން ތިންފަހަރު ގަޒާގައި ހަނގުރާމަ ހިނގައިފިއެވެ. ޔުނައިޓެޑްނޭޝަންސްގައި ހުންނަވާ ފަލަސްތީނުގެ ސަފީރު ރިޔާޒް މަންސޫރުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވީ ވޯޓު ނެގިގެން މިދިޔައީ އިސްރާއީލު ހައްދުފަހަނާޅާފައިވާ ބޮޑުވަޒީރު ނަތަންޔާހޫ މަގާމުގެ ހުވާ ކުރުމުގެ އެއްދުވަސް ކުރިންކަމާއި ނަތަންޔާހޫގެ މިސަރުކާރުން ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީން އިތުރަށް ވަޒަންވެރި ކުރުވާނެކަން ވައުދުކޮށްފައި ވަނިކޮށެވެ. އަދި މިއަދުގެ ވޯޓު ކޮންމެގޮތަކަށް ދިޔަކަމުގައިވިޔަސް ދުނިޔޭގެ ކޯޓުން ނިންވަމާގޮތެއް ޔުނައިޓެޑް ނޭޝަންސުން ތަންފީޒު ކޮށްދެއްވާނެ ކަމަށް އިތުބާރު ކުރައްވާ ކަމަށެވެ.
ޔުނައިޓެޑް ނޭޝަންސް އިން ދުނިޔޭގެ ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދިފައި މިވަނީ އިސްރާއީލުން ހިފާފައިވާ ބިންތަކުގައި ދެމިތިބުމާއި ވަޒަންވެރި ކުރުވުމާއި އަމިއްލަ ކުރުމާއި އަދި ބައިތުލް މަގްދިސްގެ މައްސަލާގައި އެކޯޓުން ދެކިވަޑައި ގަންނަވާ ގޮތެއް އޮޅުންފިލުވުމަށެވެ. އަދި އެ ބިންތަކުގައި ޔަހޫދީން ތިބުމުގެ ސަބަބުން ބައިނަލް އަގްވާމީ ދުނިޔެއަށް ކުރިމަތިވެދާނެ ގޮންޖެހުންތަކާއި ހަނގުރާމައިގާ ހިފާ ބިންތަކާދޭތެރޭ ބައިނަލް އަގްވާމީ އަދުލު އިންސާފު ގާއިމުކުރޭވެ ގޮތެއް ހޯދުމުގެ ބޭނުމުގައެވެ.
މީގެކުރިން ދުނިޔޭގެ ކޯޓަށް ހުށައެޅުނު ޔަހޫދީންގެ އިންފާރުގެ މައްސަލާގައި 2004 ގައި އެކޯޓުން ޙުކުމް ކުރައްވާފައިވަނީ އެއީ ޣައިރު ގާނޫނީ ކަމެއް ކަމަށެވެ. އެހެންނަމަވެސް ދުނިޔޭގެ ކޯޓަކީ ސިޔާސީގޮތުން ކޮރަޕް ވެފާއޮތް ތަނެއްކަމަށްބުނެ އިސްރާއީލުން އެޙުކުމް ވަނީ ބޮލާލާ ޖަހާފައެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުންވެސް އެކެމަށް ދީފައިވަނީ ކަނުލޮލެކެވެ.
ދުނިޔޭގެ ކޯޓަކީ ތަންފީޒުކުރުމުގެ ބާރެއް އޮތް ތަނަކަށް ނުވެފާ ޔުންއިޓެޑް ނޭޝަންސް އަކީ އެމެރިކާއިން ބޭނުން ނުވާގޮތަކަށް ކަންތައް ނުކުރެވޭނެ ގޮތަށް ހަދާފައި އޮތް ތަނަކަށްވީތީ އަދިވެސް އިންފާރު ހުރިގޮތަށް އެހުރީއެވެ.
One Response
ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމައިގާ ރަޝިޔާއިން ހިފާފައިވާ ބިންތަކާމެދު ކަންތައްކުރާނެ ގޮތެއް ހޯދަނީހެން ހާދަ ހީވެޔޭ…