ރަޝިއާއިން ޔޫކްރޭނަށް ހަމަލާދޭން ފެށި ފަހުން މިހާރު ވަނީ މަހަކަށްވުރެ ގިނަދުވަސް ވެފައެވެ. މި ހަނގުރާމައިގެ ސަބަބުން ދުނިޔެ ވަނީ އަނެއްކާވެސް ބޮޑު އިގުތިސާދީ ވަޅުގަނޑަކަށް ވެއްޓިފައެވެ. ތެލުގެ އަގު ބޮޑުވެ ސަޕްލައި ޗެއިންތައް ކެނޑުމުގެ ސަބަބުން ގިނަ ތަކެތީގެ އަގު އިންތިހާއަށް ވަނީ ބޮޑުވެފައެވެ.
ޔޫކްރޭނާ ރަޝިއާގެ މެދުގައި ހަނގުރާމަ ފެށުންވެގެން ދިޔައީ ގިނަ ބަޔަކަށް ބޮޑު ސިހުމެއް ލިބިގެން ދިޔަ ކަމަކަށެވެ. ނަމަވެސް، މިއީ ހިނގާނެ ކަމެއްގެ ގޮތުގައި މީގެ 30 އެތައް އަހަރެއް ކުރިން އިލްމުވެރިން ލަފާކޮށްފައިވާ ކަމެކެވެ. މި ހާދިސާ ހިނގަން މެދުވެރި ވެދާނެ ސަބަބުތަކާ މި ހާދިސާގެ ސަބަބުން ލިބިދާނެ ގެއްލުންތައްވެސް ވަނީ ގިނަ އިލްމުވެރިން ލަފާކުރައްވާފައެވެ. މިއަދު އުފެދޭ އެއް ސުވާލަކީ މިކަމުގެ މާހިރުންގެ ލަފާގެ މަތިން ހުޅަނގުގެ ގައުމުތަކުން މި ހާދިސާ ހިނގިޔަ ނުދީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައި ނުވަނީ ކީއްވެ ބާއެވެ؟
ރަޝިއާއިން ޔޫކްރޭނަށް އެރުމުގެ ގާތްގަނޑަކަށް 2 މަސް ކުރިން ރަޝިއާގެ ރައީސް ވްލަޑިމިރް ޕުޓިން ވަނީ ނޭޓޯއިން ރަޝިއާ ކައިރިއަށް އައުމުގެ ސަބަބުން ރަޝިއާއަށް ހުރި ނުރައްކާތައް ހާމަކުރައްވާފައެވެ. އަދި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ރަޝިއާއަށް އިތުރު ގޮތެއް ނެތް ކަމަށްވެސް ޕުޓިން ވަނީ ވިދާޅުވެފައެވެ. ޕުޓިން މިހެން އޭރު ވިދާޅުވެފައި ވަނީ ރަޝީއާއިން ނޭޓޯއާއި އެކު ގިނަ ބައްދަލުވުންތަކެއް ބާއްވަމުން ދަނިކޮށެވެ. އޭރު ބޭއްވި ބައްދަލުވުން ތަކުގެ މަޤްސަދަކީ ނޭޓޯއިން ޔޫރަޕްގެ އިރުމަތީ ސަރަހައްދަށް އިތުރަށް ނާރާނެ ކަމުގެ ޔަޤީންކަން ހޯދުމެވެ. ރަޝިއާއިން މި ބައްދަލުވުންތައް ބޭއްވުމުގެ މާ ކުރިންވެސް ހުޅަނގުގެ ގައުމުތަކުން އައީ މިފަދަ ހާލަތެއް ދިމާވާނެކަމަށް ބަލައި އެކަމާ މެދުމަޝްވަރާ ކުރަމުންނެވެ.
މަޝްހޫރު ތާރީޚް ޢިލްމުވެރިއެއް ކަމަށްވާ ޖޯރޖް ކެނަން 1998 ވަނަ އަހަރު ބުނެފައިވަނީ ނޭޓޯ އިރުމަތީ ޔޫރަޕަށް އެރުމަކީ ތާރީހުގައި ހެދޭނެ އެންމެ ބޮޑު އެއް ގޯސް ކަމަށެވެ. އަދި އޭގެ ސަބަބުން ދެވަނަ ފިނި ހަނގުރާމައެއް ފެއްޓިދާނެ ކަމަށްވެސް ޖޯޖް އޭރު ބުނެފައިވެއެވެ. 1997ވަނަ އަހަރު 50 ޑިޕްލޮމެޓުންނާއި ފޮރިން ޕޮލިސީ ދިރާސާ ކުރާ ފަރާތްތަކަކުން ވަނީ އޭރުގެ އެމެރިކާގެ ރައީސް ބިލް ކްލިންޓަނަށް ނޭޓޯ އިރުމަތީ ޔޫރަޕަށް އެރުމުން ލިބޭނެ ގެއްލުންތައް ފާހަގަކޮށް ސިޓީއެއް ލިޔެފައެވެ. މި ސިޓީގައި ނޭޓޯއިން އިރުމަތީ ޔޫރަޕަށް އެރުމަކީ ތާރީޙުގައި ލިޔެވިގެންދާނެ ބޮޑުކުށެއްކަމަށް އެ ފަރާތްތަކުން ހާމަކޮށްފައިވެއެވެ. ކޮންޒަވެޓިވް ސިޔާސީ ކޮމެންޓޭޓަރެއްކަމަށްވާ ޕެޓް ބުޗަނަން 1999ވަނަ އަހަރު ލިޔުނު ފޮތެއްގައި އޭނާ ވަނީ ނޭޓޯ ޔޫރަޕަށް އެރުމަކީ 21 ވަނަ ގަރުނުގެ ކޮންމެވެސް ހިސާބަކުން ހަނގުރާމައެއް ކުރިޔަންގެންދަން އެއްބަސްވުމާ އެއްފަދަ ކަމެއްކަމަށް ބުނެފައެވެ. މިހާރުގެ ސީ.އައި.އޭގެ ޑިރެކްޓަރު ވެސް 2008 ވަނަ އަހަރު ވަނީ ނޭޓޯއިން އިރުމަތީ ޔޫރަޕަށް އެރުމުގެ ގެއްލުންތައް ފާހަގަކޮށްފައެވެ.
ރަޝިއާއިން ކްރައިމިއާ2014 ވަނަ އަހަރު ހިފުމާއެކު ހުޅަނގުގެ ސިޔާސީ އިލްމުވެރިންގެ ތެރޭގައި ނޭޓޯ އިރުމަތީ ޔޫރަޕަށް އިތުރަށް އެރުމުން ލިބޭނެ ގެއްލުންތަކުގެ ވާހަކަ އިތުރަށް މަޤުބޫލު ވެގެންދިޔައެވެ. ފާއިތުވި 8 އަހަރުގެ ތެރޭގައި އޮސްޓްރޭލިއާގެ ބޮޑު ވަޒީރު މެލްކޮމް ފްރެޒްނާރ، ހެންރީ ކިސިންޖާ އާއި ރަޝިއާއާ ބެހޭ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ ސްޓެފަން ކޯހެން ފަދަ ބޮޑެތި އިލްމުވެރިން ވަނީ ނޭޓޯ ޔޫރަޕުގައި ނުފޫޒު ގަދަ ކުރުމުގެ ގެއްލުންތަކުގެ ވާހަކަ ދައްކަވާފަ އެވެ. ނަމަވެސް ފާއިތުވި 20 އަހަރު ތެރޭގައި ހުޅަނގުގެ ގައުމުތަކުން އަޅާފައިވާ ފިޔަވަޅުތަކުން މިއިން އެއްވެސް އިލްމުވެރިއެއްގެ ނަސޭހަތެއް އަޑު އަހާފައިވާ ކަމުގެ ހެއްކެއް ނުފެނެއެވެ.
ޔޫކްރޭނުގެ ރައީސް އޮފީހުގެ ހެޑް 2019 ވަނަ އަހަރު ދިން އިންޓަވިއުއެއްގައި އޭނާ ވަނީ ރަޝިއާ އާއެކު ހަނގުރާމަ ފެއްޓޭނެ އަހަރާއި ހަނގުރާމަ ކުރެވޭނެ ސަބަބު ރަނގަޅަށް ލަފާ ކުރައްވާފައެވެ. މި އިންޓަވިއުގައި އޭނާ ވިދާޅުވެފައިވާ ގޮތުގައި ޔޫކްރޭން ނޭޓޯއާ ގުޅެން މަސައްކަތް ކުރުމުގެ ނަތީޖާއަކަށް ވާނީ ރަޝިއާއާ އެކު ބޮޑު ހަނގުރާމައެއް ކުރަން ޖެހުން ކަމަށެވެ. އަދި މީގެ އިތުރުން މި އިންޓަވިއުގައި އޭނާ ވިދާޅުވެފައި ވަނީ އެ ފަދަ ހާލަތެއްގައި އެންމެ ރަނގަޅު ނަތީޖާއަކަށް ވާނީ ރަޝިއާއާ އެކު ހަނގުރާމަކޮށް ކާމިޔާބު ހޯދުމާ އެކު ނޭޓޯއާ ގުޅުން ކަމަށެވެ. އޭނާގެ މި ވާހަކަފުޅުތަކުން ޔޫކްރޭނުގެ ސަރުކާރުން ހަނގުރާމައަށް ކުރީއްސުރެ ތައްޔާރުވަމުން އައިސްފައިވާކަން ސާފުކޮށް ފެނިގެންދެއެވެ. ހަނގުރާމަ ނުކޮށް ހެދެން އޮތް ގޮތްތައް ބެލުމުގެ ބަދަލުގައި ޔޫކްރޭނުން ވަނީ ނޭޓޯއާ ގުޅުމަށް ޓަކައި ހަނގުރާމަ ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ނިންމާފައިކަން ވެސް މި އިންޓަވިއުއިން ހާމައެވެ.
ބޮޑު ހަނގުރާމައެއް ޔޫރަޕުގައި ހިނގާނެކަން އެހާ ސާފުކޮށް އެނގެން އޮތް ކަމުގައިވިޔަސް ހުޅަނގުގެ ގައުމުތަކުން އެ ހަނގުރާމަ ހިނގުން ހުއްޓުވަން މަސައްކަތް ނުކުރީ ކީއްވެބާއެވެ؟ ގިނަ އިލްމުވެރިން ދެކޭ ގޮތުގައި ހުޅަނގުގެ ގައުމުތަކުން ހަނގުރާމަ ހިނގުން ހުއްޓުވަން މަސައްކަތް ނުކުރި އެންމެ ބޮޑު އެއް ސަބަބަކީ އެ ގައުމުތަކަށް މި ހަނގުރާމައިގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ނުލިބޭނެ ކަމަށް ލަފާ ކުރެވުމެވެ. އަދި މީގެ އިތުރުން ހުޅަނގުގެ ވެރިންގެ ކުރިމަތީގައި މި ހަނގުރާމައިގައި މަރުވާ ޔޫކްރޭނުގެ ކުށެއްނެތް ހުރިހާ ރައްޔިތުންނަކީ އެމީހުންގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ބޭނުންކުރެވޭނެ ހަތިޔާރަކަށް ވުމެވެ.
މި ހުރިހާ ކަމެއް ފެށުނު ހިސާބަކީ ފިނި ހަނގުރާމައިގައި ސޮވިއެޓް ޔޫނިއަން ބަލިވެ އެގައުމުގެ ސަބަބުން އެއްވެސް އިތުރު އުނދަނގުލެއް ހުޅަނގުގެ ގައުމުތަކަށް ނުފޯރާނެ ކަމަށް ނިންމި ހިސާބުކަމަށް ގިނަ އިލްމުވެރިން ދެކެއެވެ. އެ ދުވަސްވަރު ފްރާންސިސް ފުކުޔާމާ ނަމަކަށް ކިޔާ ސިޔާސީ އިލްމުވެރިއެއް މަޝްހޫރުކުރި ”ދަ އެންޑް އޮފް ހިސްޓޮރީ“ ނަމަކަށް ކިޔާ ތިއަރީ އަކީވެސް މިއަދު ދުނިޔެއޮތް ހާލަތަށް ދާން މެދުވެރި ވަރަށް ބޮޑު އެއް ސަބަބެކެވެ. އޭނާގެ އެ ތިއަރީގައި ބުނެފައިވާ ގޮތުން ސޮވިއެޓް ޔޫނިއަން ބަލިވުމާ އެކު ހުރިހާ އޮތޯރޮޓޯރިއަން ސަރުކާރުތަކެއް ބަލިވެ އެމެރިކާގެ ޑިމޮކްރަސީ މުޅި ދުނިޔެއަށް ފެތުރިގެންދާނެއެވެ. ރަޝިއާއިން 1997ވަނަ އަހަރު ސޮއިކުރި ފައިންޑިންގް އެއްބަސްވުމުގެ ސަބަބުން މިފަދަ ތިއަރީތަކަށް އިތުރު ތަރުހީބެއް ލިބިގެންދިޔައެވެ. އަދި ނޭޓޯއިން އިރުމަތީ ޔޫރަޕަށް ނުފޫޒު ފޯރުވަން ފެށުމާ އެކު ރަޝިއާއިން އެއްވެސް ފިޔަވަޅެއް ނޭޅުމުގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ރަޝިއާ އެއްކޮށް ބަލިވިކަމަށް ފެނިގެންދިޔައެވެ. ރަޝިއާއިން ހަމައެކަނި ނުރުހުން ފާޅުކޮށްފައިވަނީ ނޭޓޯއިން ޖޯޖިއާ އަދި ޔޫކްރޭނާ ހިސާބަށް ފޯރަން މަސައްކަތް ކުރުމަށް ފަހުއެވެ.
މިއަދު ދުނިޔެ މިއޮތް ހާލަތުން އަރައިގަންނަން ސިޔާސީ ލީޑަރުން ބޭނުންވާނަމަ ސިޔާސީ އިލްމުވެރިންގެ ލަފާތަކާ އެއްގޮތަށް އަމަލުކޮށް ރަނގަޅު ފިޔަވަޅުތަކެއް އެބަ އަޅަންޖެހެއެވެ. ރަނގަޅު ފިޔަވަޅުތަކެއް ނާޅައިފިނަމަ މި މައްސަލަ އިތުރަށް ބޮޑުވެ ހަނގުރާމަ ބޮޑުވުމުގެ ފުރުސަތު އިތުރުވެގެންދާނެއެވެ. ނަމަވެސް ތާރީހުން މިހާތަނަށް ފެނިފައި ވަނީ މިފަދަ ހާލަތްތަކުގައި އިލްމުވެރިންގެ ބަސް ލީޑަރުން އަހަނީ މާ ފަހުން ކަމެވެ. ޔޫކުރޭން ހަނގުރާމައިން ވެސް ފެންނަމުން ދަނީ ހަމަ މި މަންޒަރެވެ.
One Response
ވަގުތުން ވަގުތަށް އެމެރިކާގެ ޢުދުވާން ހުއްޓުވާށެވެ. އެމީހުން ބޭނުން ތަނެއް ފަނާކޮށްފަ ބޭނުން ބަޔަކު ޓެރެރިސްޓުންނަށް ހަދާފައި ދެން އިޒްރޭލް ލައްވާ ޑާރޓީގޭމް ޖައްސުވާފަ ކިހާބޮޑު ސުންޕާއެއްތޯއެވެ. ގޯސްވާނީ ދެކޮޅުހަދާ މީހެކެވެ. މިފަހަރު ޕުޓިންނެވެ.