ކުރީގެ ނައިބްރައީސް އަބްދުއްﷲ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުގައި ބާތިލު ކުރުމުން ޕޮރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ސްޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޕީޖީ އޮފީހުން ކުރި ޓްވީޓެއްގައި ބުނެފައިވަނީ މި މައްސަލަ ހައިކޯޓުން ނިންމަވާފައިވާ ގޮތާމެދު ހތްހަމަނުޖެހޭތީ އެ މައްސަލަ އިލްތިމާސް ކޮށްދެއްވުން އެދި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާކަމަށެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފެެއްޓީީ ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވިއިރު ކ. އަތޮޅުގެ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކާ ހަވާލުކުރި ކުރުމުގައި ދައުލަތަށް ފައިދާއެއް ލިބެންއޮތްކަމެއްގައި އެނޫން ގޮތަކަށް އަމަލުކުރެއްވުމުގެ ތުހުމަތުކޮށް ކުރިމިނަލް ކޯޓުގައި ދައުވާ އުފުލުމާއި ގުޅިގެންނެވެ.
ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް ޖިހާދު އެދިވަޑައިގައިގަތުމުން ކްރިމިނަލް ކޯޓުން ނިންމީ ދައުލަތުން އެދުނު ގޮތަށް ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓުމަށެވެ. ސަބަބެއްކަމަށް ބުނެފައިވަނީ ޖިހާދު ބޭރަށް ވަޑައިގެންފިނަމަ ފިއްލަވާފާނެކަމުގެ ފުރުސަތު އޮތްކަމަށެވެ.
އެ އަމުރު މުރާޖައާކުރަން ކުރިމިނަލްކޯޓަށް ޖިހާދު ހުށަހެޅުއްވީ އެނބުރި ވަޑައިގަންނަވާނެކަން ޔަގީންކޮށްދެއްވުމުގެ ގޮތުން ބައެއް ޝަރުތުތައް ވެސް ހިމެނުއްވާފައެވެ. ނަމަވެސް އަމުރު މުރާޖައާކުރުމުގެ ބަދަލުގައި ކްރިމިނަލް ކޯޓުން އެންގީ މަތީކޯޓުގައި މައްސަލަ އިސްތިއުނާފް ކުރެވިދާނެކަމަށެވެ.
މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފްކުރުމުން މައްސަލައިގެ އަޑުހެއުންތަކަށްފަހު އިއްޔެ އިއްވި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުގެ ހުކުމް ގޯސް ކަމަށެވެ.
ހައިކޯޓުން މައްސަލަ ބެއްލެވި ފަޑިޔާރުންގެ އިއްތިފާގުން އިއްޔެ ކުރި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުން ޖިހާދުގެ މަށްޗަށްކޮށްފައިވާ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ޚިލާފަށް ނެރެފައިވާ އަމުރެއްކަމަށެވެ. އެހެންކަމުން އެ އަމުރަކީ ބާތިލް އަމުރެއްކަމަށް ހައިކޯޓުން ކުރި ހުކުމުގައި ވެއެވެ.
މިޝަރީއަތުގައި ފަޑިޔާރުންނަށް ތިއްބެވީ އިސް ފަޑިޔާރު އާތިފް ހިލްމީ އާއި ފަޑިޔާރު ހުސެއިން ޝަހީދު އަދި ފަޑިޔާރު އަބްދުއް ރައޫފް އެވެ.
ފުށިދިއްގަރުފަޅު ތަރައްގީކުރަން ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 18 ޖެނުއަރީ 2013 ގައެވެ. ފުށިދިއްގަރުފަޅު ތަރައްގީކުރަން ބޭރުކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރިކަމުގައެވެ. ނަމަވެސް އެއްބަސްވުމުގައި ސޮއިކުރީ ކުރީގެ ރައީސް ޑރ. ވަހީދުގެ ވެރިކަމުގައެވެ. އޭރު ޖިހާދު ހުންނެވީ ފިނޭންސް މިނިސްޓަރުގެ މަގާމުގައެވެ. އެއީ އެމަނިކުފާނު ނައިބު ރައީސްކަން ކުރެއްވުމުގެ ކުރިއެވެ.
ފުށިދިއްގަރުފަޅު ކުއްޔަންދިން މައްސަލާގައި ޖިހާދުގެ މަށްޗަށް ދައުވާކުރުމަށް ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ އޮކްޓޯބަރު މަހުގެ 25 ވަނަދުވަހުއެވެ.
ޖިހާދަކީ 35 އަހަރުވަންދެން ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ބޭފުޅެކެވެ. ތިން ފަހަރެއްގެ މަތިން ވަޒީރުކަން ކުރައްވާފައިވާ ފައިވާއިރު ރާއްޖޭގެ ނައިބްރައީސްކަން އެމަނިކުފާނު ކުރެއްވީ ކުރީގެ ރައީސް ޔާމިންގެ ދައުރުގައެވެ.
ޖިހާދުގެ މަށްޗަށް ކްރިމިނަލް ކޯޓުގައި އުފުލާފައިވާ މައްސަލަ ސާބިތުވެއްޖެނަަމަ ފަސް އަހަރުގެ ޖަލުހުކުމެއް އެމަނިކުފާނަށް އަންނާނެއެވެ.