މާލޭގެ ހަތަރު އަވަށުގައި ވެސް ބާވެ، ރެނދު ލައި، ތަޅައިލަންޖެހޭ، ގިނަ ޢިމާރާތްތައް މިހާރު ވެސް އެބަހުރި ކަމަށް، މާލެ ސިޓީގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވެއްޖެއެވެ.
ޢާޒިމް މިހެން ވިދާޅުވީ، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 208 ވަނަ ރަސްމީ ޢާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މޭޔަރ ޢާޒިމް ވިދާޅުވީ، މާލޭގެ ބައެއް ޢިމާރާތްތައް ބާވެ، ވެއްޓެން ކައިރިވެފައިވުމަކީ، ނުރައްކާތެރި ކަމެއް ކަމަށާއި އޭގެ ސަބަބުން، ރައްޔިތުންގެ ފުރާނައަށް ނުރައްކާ ވެދާނެ ކަމުގެ ބިރު އެބައޮތްކަމަށެވެ.
މިކަމާ ފުންކޮށްވިސްނައި، އެ ޢިމާރާތްތައް މޮނިޓަރކޮށް، ޢިމާރާތްތައް ރަނގަޅަށް މަރާމާތުކޮށް، އެ ފަދަ ބިރުވެރިކަމެއް ދިމާވެދާނެ ހާލަތެއް މެދުވެރިނުވާނެ ގޮތް ހެދުމަކީ، ޢިމާރާތުގެ ވެރި ފަރާތުގެ ޒިންމާއެއް ކަމަށް ޢާޒިމް ވިދާޅުވިއެވެ.
މާލޭގައި ބާ އިމާރާތްތައް ގިނަވެ، ނުރައްކާތެރި ހާދިސާތައް ހިނގަމުން އަންނަކަން ފާހަގަ ކުރައްވައި، ޢާޒިމް ވަނީ، މިއަދު ކައުންސިލްގެ ޖަލްސާގައި މި ކަން ޙައްލުކުރުމަށް، އެ މަނިކުފާނަށް ފެނިވަޑައިގަންނަވާގޮތް ހިއްސާ ކުރައްވާފައެވެ.
“ޤާނޫނުގައި ބުނެފައިވާ ގޮތަށް، ބާވެފައިވާ އިމާރާތުގެ ވެރިފަރާތުގައި، އެ އިމާރާތް ތަޅައިލުމުގެ މާލީ ތަނަވަސްކަން ނެތް ޙާލަތުގައި، ސަރުކަރުން އެ ޢިމާރާތް ތަޅައިލުމަށް ފަހު، އެ ކަމަށް ހިނގި ޚަރުދު ހޯދުމަށް ޢިމާރާތުގެ ވެރި ފަރާތަށް ބިލް ހުށަހަޅަން ޖެހޭ“ އާޒިމް ވިދާޅުވިއެވެ.
ޢާޒިމް ވިދާޅުވީ، މި ކަމަށް ހައްލެއް ހޯދޭނެ ކަހަލަ ގާނޫނެއް ހަދައި ނުވަތަ، ނިޒާމެއް ކަނޑައަޅާފައި ބޭއްވުމަކީ ވިސްނަން ޖެހޭ ކަމެއް ކަމަށެވެ
”ފައިސާއަކީ ހުރިހާ އެއްޗެއް ނޫން. ބައެއްގެ ފުރާނަ މިކަމުން ގެއްލިއްޖެ ނަމަ އެއީ ވަރަށް ބޮޑު ކަމެއް. އެހެން ވީމާ އަޅުގަނޑުމެން، ކައުންސިލުން މި ކަމާ ވަރަށް ބޮޑަށް މަޝްވަރާކޮށް ގޮތެއް ނިންމަން ޖެހޭ އެބަ. މި ކަމަށް ގޮތެއް ފެންނަން ދެން، ކުރިއަށް ހުރި ޖަލްސާ ތަކުގައި ވެސް، އަޅުގަނޑު މިކަން އެޖެންޑާގައި ހިމަނައިގެން ކުރިއަށް ގެންދާނަން“ ޢާޒިމް ވިދާޅުވިއެވެ.
މާލެ އަކީ، ކުދި ކުދި ގޯޅި ތަކުގައި ވެސް ޖެހި ޖެހިގެން، ބޮޑެތި ޢިމާރާތައް ކުރަމުން އަންނަ ތަނަކަށް ވާއިރު، އެ ޢިމާރާތައް ބާވެ ރެނދުލައި ވެއްޓެން ކައިރިވުމުން، ތަޅާލަން ވަރަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.
މިގޮތުން މިހާ ބޮޑު ކަމެއް ކުރިމަތި ވަމުން އަންނައިރު، ކައުންސިލްގެ ވެސް އަދި ދައުލަތުގެ ވެސް ދައުރެއް، ޒިންމާއެއް އެބަ އޮތް ކަމަށް މޭޔަރު ޢާޒިމްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
![]()
