މާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 19 އަހަރުގެ އަންހެނަކު ހިމެނޭހެން 10 މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓު ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އެ މީހުން ހައްޔަރުކޮށް، އެ މީހުންނާ ގުޅުންހުރިކަމަށް ބެލެވޭ މާލޭގެ ދެ ގެއެއް ބަލައިފާސްކުރިއިރު ތިންފުޅީ ބަނގުރާ އަދި މަސްތުވާތަކެތިކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
އަދި ފެނުނު މަސްތުވާތަކެތީގެ ވަގުތީ ބަރުދަނީ 66.92 ގުރާމު ހުރި ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މަހުގެ 31 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކުރި 10 މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެ ތެރެއިން ހަތްމީހުން ޝަރުތުކުރުމަށްފަހު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
އޭގެ ތެރެއިން ހދ. ނޭކުރެންދޫ / ފްލާވަރހައުސް، ޢާއިޝަތު ފައިޚާ ޠާހާ (19އ) އާއި ނ. މަގޫދޫ / ސާމިޔާނާ، އަކްރަމް މުޙައްމަދު (28އ) ފަސްދުވަހަށް އަދި ސ. ހުޅުދޫ / ރޯޝަނީމާގެ، އަޙްމަދު ތައިސީރު (27އ) ހަތްދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.
![]()
