މާލެއިން ވޭމަންޑޫއަށް ދަތުރުކުރި ދޯންޏެއް ފަަރަށް އަރައި ހާލުގައި ޖެހުނު 3 މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ސަލާމަތްކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ މާލެއިން ފުރައިގެން ތ. ވޭމަންޑޫއަށް ދަތުރުކުރަމުންދިޔަ “އަލްމަޖްރާ“ ދޯނި ދިއްގިރި ކައިރިން ފަރަށް އަރައި ދިޔަވެ، އަޑިއަށްދާކަމުގެ މައުލޫމާތު މިއަދު ފަތިހު 5:34 އެހައިކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ ރިޕޯޓާ ގުޅިގެން ވ. އަތޮޅު ފުލުހުން އެ ސަރަހައްދަށް ދިޔައިރު، އެ ދޯނިން ދަތުރުކުރި 3 މީހުން ހާލުގައި ޖެހިފައި ފަރުމަތީގައި ތިއްބައި ވަނީ ފެނިފައި ކަމަށެވެ. އަދި އެ މީހުން ފުލުހުންގެ ލޯންޗަށް ނަގައި މިހާރުވަނީ ފެލިދޫއަށް ގެންގޮސްފައި ކަމަށާއި 3 މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައި ވެއެވެ.
”އެއީ ދިވެއްސަކާއި ބަންގްލަދޭޝް ދެ މީހުން. ދޯނި އަޑިއަށް ދިޔައިރު، އެ ދޯނީގައި ގިނަ އަދަދެއްގެ ޕީވީސީ ފިލާ އަދި އެބާވަތުގެ ގިނަ ސާމާނު ހުންނާނެ ކަމަށް އެ މީހުން މައުލޫމާތު ދީފައިވޭ“ ފުލުހުން ބުނެފައި ވެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ދޯނީގައި ހުރި ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެދިފައެވެ.