ރާއްޖޭގެ ފުރަތަމަ ސަބްމެރިން ކޭބަލް ލޭންޑިންގ އިފްތިތާޙުކޮށްފިއެވެ.
ރާއްޖޭގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ލޯންޗުކުރި ސަބްމެރިން ކޭބަލް ލޭންޑިންގ ރަސްމީކޮށް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ވޯލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮއްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓް އޮނަރަބަލް ޠާރިޤު އިބްރާހިމް އެވެ.
މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވެފައިވަނީ، 2005 ވަނަ އަހަރުން ފެށިގެން އުރީދޫ މޯލްޑިވްސްއިން ޑިޖިޓަލް ދަތުރުގައި އެއްވެސް ފަރާތެއް ބާކީނުކުރުމަށްޓަކައި ފާހަގަކޮށްލެވޭ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.
”އެ ކުންފުނިން ކުރާ ކޮންމެ ކަމެއްގައި ވެސް ވަނީ ފަންނީ ވަޞީލަތްތައް ހުރިހާ އެންމެނަށް ފޯރުކޮށްދިނުމާއި ހިމެނުންތެރިކަމަށް އިސްކަންދީފައި. މި ސަބްމެރިން ކޭބަލް ލޭންޑިންގއަކީ އުރީދޫއިން ހާސިލްކުރި އަނެއް ފަޚުރުވެރި މަންޒިލް، މިކަމުގެ ސަބަބުން ރާއްޖެއަކީ ފުރިހަމައަށް ގުޅިފައިވާ، މުސްތަޤުބަލަށް ތައްޔާރުވެފައިވާ ޤައުމަކަށް ވެގެން ދިޔުމަށް އިތުރަށް ގާތްވެގެންދާނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މި ސަބްމެރިން ކޭބަލް ލޭންޑިންގެ ސަބަބުން ދިވެހިރާއްޖޭގެ އިންޓަރނެޓްގެ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެ، ޑިޖިޓަލް ކޮމިއުނިކޭޝަންގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ.