ރާއްޖެއާއި ސްރީލަންކާގެ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި ގަސް އިންދުމުގެ ހަރަކާތެއް ކުރިއަށް ގެންގޮސްފިއެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ މިއަދު ހަވީރު ސަލްޓަން ޕާކުގައެވެ.
މި ރަސްމިއްޔާތުގައި ފުރަމާނަ ދަތުރުފުޅެއްގައި މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ވަނީ ބައިވެރިވެ ވަޑައިގެންފައެވެ. އަދި އަރިހުގައި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
ދިވެހިރާއްޖޭގެ ”5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް“ގެ ދަށުން، ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ، އިންދެވީ މޫނިމާ ގަހެކެވެ. މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެކެވެ.