މާލެއިން ފުރައިގެން 40 މީހުނާއެކު ޅ.ނައިފަރަށް ދަތުރުކުރި ”ލައިފްލައިން“ ނަމަކަށް ކިޔާ ބޯޓެއް، ކާށިދޫގެ އިރުން އިންޖީނު ހުއްޓުމާ ގުޅިގެން، އެ އުޅަނދުގައި ތިބި މީހުން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންއިން ޅ.ނައިފަރަށް ގެންގޮސްދީފިއެވެ.
40 މީހުންނާ އެކު މާލެއިން ފުރައިގެން ޅ.ނައިފަރަށް ދަތުރުކުރަމުން ދަނިކޮށް އިންޖީނު ހުއްޓި ހާލުގައި ޖެހިގެން އެ ބޯޓުން އެމްއެންޑީއެފް ކޯސްޓްގާޑުގެ އެހީތެރިކަމަށް އެދިފައި ވަނީ މިއަދު ހެނދުނު 08:15 ހާއިރުއެވެ.
އެމްއެންޑީއެފުން ބުނީ އެ ހާދިސާގެ މަޢުލޫމާތު ލިބުމާއެކު، އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްްޓްގާޑު ފަސްޓް ސްކޮޑްރަންގެ ދެ ހާބަރކްރާފްޓް ލޯންޗާއި، އެމްއެންޑީއެފް ގަލްފްކުރާފްޓް ލޯންޗެއް ވަނީ އެ ސަރަހައްދަށް ގޮސް ހާލުގައި ޖެހުނު ބޯޓަށް އެހީތެރިކަން ފޯރުކޮށްދީފައި ކަމަށެވެ.
އޭގައި ތިބި މީހުންގެ ތެރެއިން 9 ކުޑަކުދިންނާއި، 6 އަންހެނުން އަދި 10 ފިރިހެނުން، އެމްއެންޑީއެފް ކޯސްޓްގާޑު ފަސްޓް ސްކޮޑްރަންގެ ހާބަރކްރާފްޓް ލޯންޗާއި، ކޯސްޓްގާޑުގެ ގަލްފްކްރަފްޓް ލޯންޗުގައި ވަނީ މިއަދު 13:10 ހާއިރު ޅ.ނައިފަރަށް ގެންގޮސްދީފައި ކަމަށާއި އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ އިންޖީނު ހުއްޓުނު ”ލައިފްލައިން“ ބޯޓު، އެހެން އުޅަނދެއްގައި ކަފުޖަހައިގެން ނައިފަރު ބަނދަރަށް ވެއްދުމަށް ދަތުރު ކުރަމުން އަންނަ ކަމަށެވެ.