ފަލަސްތީނުގެ މަސްޖިދުއް އިބްރާހީމީގެ ހިންގުން ބަދަލުކުރަން އިސްރާއީލުން ނިންމުމުން ރާއްޖެއިން އެކަން ކުށްވެރިކޮށްފި

Loading

Facebook
Twitter
WhatsApp

އިސްރާއީލުން އިބްރާހީމްގެފާނު މިސްކިތް ނުވަތަ މަސްޖިދުއް އިބްރާހީމީ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒްގެ އަތުން ނިގުޅައިގަނެ އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރި ކޮށްފިއެވެ.

ދިވެހި ސަރުކާރުން މިކަން ކުށްވެރިކުރީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) އިން ސައުދީ ޢަރަބިއްޔާގެ ޖިއްދާގައި ދާއިމީ މަންދޫބުންގެ ފެންވަރުގައި ބޭއްވި ބައްދަލުވުމުގައެވެ.

އެގޮތުން އެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން އޯ.އައި.ސީ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު އަދި ދިވެހިރާއްޖެއިން ސައުދީ ޢަރަބިއްޔާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަޙްމަދު ސަރީރު، ބައިވެރިވެވަޑައިގެން ދެއްވި ތަޤުރީރުގައި ވަނީ އެކަން ކުށްވެރި ކުރައްވާފައެވެ.

މި ބައްދަލުވުމުގައި ސަފީރު ސަރީރު ދެއްވި ތަޤްރީރުގައި، މަސްޖިދުއް އިބްރާހީމީގެ ހިންގުމާއި ބެލެހެއްޓުން ފަލަސްޠީނުގެ މިނިސްޓްރީ އޮފް އެންޑޮވަރމަންޓް އެންޑް ރިލިޖަސް އެފެއާޒްގެ އަތުން އަތުލައި، އިސްރާއީލުގެ ރިލިޖަސް ކައުންސިލަށް ހަވާލުކުރަން އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ނިންމި ނިންމުން ދިވެހި ސަރުކާރުގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރެއްވިއެވެ.

”މަސްޖިދުއް އިބްރާހީމީގެ އިތުރުން އިސްރާއީލުން ހިފާފައިވާ ފަލަސްޠީނުގެ ބިންތަކުގައި ގާއިމްކޮށްފައިވާ އެހެނިހެން މުޤައްދަސް ތަންތަނުގެ ތާރީޚީ އަދި ޤާނޫނީ ހައިސިއްޔަތަށް އެއްވެސް ބަދަލެއް ގެނައުމަށް ކުރެވޭ މަސައްކަތަކީ ބައިނަލްއަޤްވާމީ ޤާނޫނޫތަކާ މުޅިން ޚިލާފުކަމެއްކަމަށާއި މިކަމަކީ ފަލަސްތީނުގައި ހުރި މުޤައްދަސް ތަންތަނުގެ އިސްލާމީ ތާރީޚު އޮޅުވާލުމަށް އިސްރާއީލުން ގަސްތުގައި ހިންގަމުންދާ އަމަލެއް ކަމަށާއި މީގެ ސަބަބުން ސަރަހައްދުގައި ޞުލްހަ ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅި އިތުރު ގޮންޖެހުންތަކެއް ކުރުވާ“ ސަރީރުގެ ތަގުރީރުގައި ވިދާޅުވިކަމަށް ފޮރިން މިނިސްޓްރީން ހާމަކޮށްފައި ވެއެވެ.

މީގެ އިތުރުން 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބައިނަލްއަޤްވާމީ އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަން ކުރާ ރަށްކަމުގައި ކަނޑައެޅުމަށާއި، މިނިވަން އަދި ފުރިހަމަ ސިޔާދަތީ ބާރު ލިބިގެންވާ މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ދިވެހިރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިހުންނާނެކަމުގެ ޔަޤީންކަން އެ މަނިކުފާނުގެ ތަގުރީރުގައި ވަނީ ދެއްވާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް