ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްއާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު ކަމާގުޅޭ ސްޓޭކްހޯލްޑަރުންނާ ހިއްސާކޮށް ހިޔާލު ހޯދުމަށް ބައްދަލުވުމެއް ބާއްވައިފިއެވެ.
މި ބައްދަލުވުން ބާއްވާފައި ވަނީ މިއަދު ހުޅުލޭ އައިލެންޑް ހޮޓަލުގައެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި އެކްސްކޯގެ މެންބަރުންގެ ބައިވެރިވެވަޑައިގެންނެވި އެވެ.
މި ބައްދަލުވުމުގައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ), ރެގިއުލޭޓަރީ އޮފް އޭވިއޭޝަން ސެކިއުރިޓީ (ޑާސާ), އޭވިއޭޝަން ސެކިއުރިޓީ (އެވްސެކް), މޯލްޑިވްސް ކަސްޓަމްސް ސާވިސް, މޯލްޑިވްސް އިމިގްރޭޝަން, ޕްލާންޓް އެންޑް އެނިމަލް ކުރެންޓީން, މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ), ޕޯޓް ހެލްތް, މޯލްޑިވްސް ޕޮލިސް ސާވިސަސް, މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް), އެއާލައިން ކޮމިޓީ ޗެއާ, މޯލްޑިވްސް ނެޝަނަލް އެއާ ޓްރެފިކް ސާވިސް (އެމްނެޓްސް), އެމްއޭސީއެލް ޑިޕާޓްމަންޓްތަކާއި އޮރާޓްގެ އެމް.އޭ.ސީ.އެލްގެ ކޮންސަލްޓަންޓް މޮޑާލިސް އިން ބައިވެރިވެފައިވެ އެވެ.
އެގޮތުން މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ, ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުގެ ބޮޑު އިންސައްތައެއް ފަތުރުވެރިކަމުގެ ދާއިރާ ހިއްސާކުރާ ކަމަށެވެ.
އަދި މިހާރު ބޭނުން ކުރަމުން އަންނަ ޓާމިނަލުގެ ޖާގައިގެ ދަތިކަމާއެކު އެތަނުގެ ތެރޭގައި ތޮއްޖެހުމާއި ކުރެވޭ ތަޖުރިބާ މަދުވުން ފަދަ ކަންކަމަކީ ފަތުރުވެރިކަމުގެ ސިނާއަތުން އުފުލަންޖެހިފައިވާ ބޮޑު ބުރައެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
”އެހެންކަމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ މަޝްރޫއުއަކީ ގައުމީ މަސައްކަތެއް ކަމަށާއި އަދި އެ މަޝްރޫއު ކާމިޔާބު ކުރުމަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ“ ޝަރީފް ވިދާޅުވެފައި ވެއެވެ.