ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލަކީ ސަލާމަތީ މިންގަނޑުތައް ފުރިހަމަ ތަނެއް ކަމަށް ޑައިރެކްޓަރޭޓް އޮފް އޭވިއޭޝަން ސެކިއުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ)ގެ ހެޑް، ޗީފް އިންސްޕެކްޓަރ އެވްސެކް އަހުމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އާ ޓާމިނަލް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކަށް ހާއްސަކޮށްގެން އެމްއޭސީއެލް އިން ސިލްސިލާކޮށް ގެނެސްދެމުން އަންނަ ވީޑިއޯ ސެގްމަންޓުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ އާ ޓާމިނަލުގައި ގާއިމުކޮށްފައިވާ ބެގޭޖް ހޭންޑްލިން ސިސްޓަމް (ބީއެޗްއެސް) އަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކުގައި ބޭނުންކުރާ ވަރަށް ފުރިހަމަ ސެކިއުރިޓީ މިންގަނޑުތައް އެކުލެވިގެންވާ ސިސްޓަމެއް ކަމަށެވެ.
”އޭވިއޭޝަން ސެކިޔުރިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ހައިސިއްޔަތުން މިހާރު ހުޅުވާ ޓާމިނަލް ތެރޭގައި ގާއިމުކޮށްފައިވާ ސެކިއުރިޓީ މިންގަނޑުތަކަކީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަރަށް ފުރިހަމަ މިންގަނޑުތަކެއް, އެގޮތުން ރާއްޖެއަށް ދަތުރުކުރާ ފަސިންޖަރުންނަށް ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ސަލާމަތީ ގޮތުން ފުރިހަމަ ހިދުމަތްތެއް ފޯރުކޮށްދެވުމަކީ ދުނިޔޭގެ ކަންކޮޅު ތަކުން ރާއްޖެއަށް ފަތުރުވެރިން ދަތުރުކުރުމުގައި ހިތްހަމަޖެހުން ލިބިގެންދާނެކަމެއް ކަމަށް ގަބޫލުކުރަން,“
ނަޝީދު ވިދާޅުވީ, އާ ޓާމިނަލަކީ ވަރަށް ގިނަ ގޮތް ގޮތުން ރާއްޖެއަށް އުފާވެރިކަން ގެނެސްދޭނެ ތަނަކަށްވާނެ ކަމަށެވެ. އެގޮތުން އާ ޓާމިނަލް އާއެކު ރާއްޖެ އަންނަން ބޭނުންވާ ގިނަ އެއާލައިންތަކަށް ޖާގަ ލިބިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މިނިސްޓްރީ އޮފް ޑިފެންސްގެ ޑައިރެކްޓޮރޭޓް އޮފް އޭވިއޭޝަން ސެކިޔުރިޓީ އެޑްމިނިސްޓްރޭޝަން (ޑާސާ) އިން އެއާޕޯޓުތަކުގެ ސެކިއުރިޓީ ސަރަހައްދުތައް ކަނޑައެޅުމާއި ސިވިލް އޭވިއޭޝަން ސެކިއުރިޓީއާ ގުޅުންހުރި އެންމެހާ ކަންތައްތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމާއި މަދަނީ ވައިގެ ދަތުރުފަތުރުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ދިވެހި ދައުލަތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރާނެއެވެ.