ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަނާ ބޭހުގެ 32 ގުޅައާއެކު މާލެއިން މީހަކު ހައްޔަރުކޮށްފިއެވެ.
މަނާ ބޭހާއި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ހައްޔަރުކޮށްފައިވަނީ ށ. ކޮމަންޑޫ / ސާތީ، ޙުސައިން ޝާނިމު (24އ) އެވެ. އޭނާ ހައްޔަރުކުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ.
ފުލުހުން މިއަދު ބުނީ އޭނާ ހައްޔަރުކުރުމަށްފަހު، އޭނާއާ ގުޅުންހުރި 3 ތަނެއް ބަލާ ފާސްކޮށް، 338.51 ގްރާމްގެ މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްސާއި، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ބޭހުގެ 32 ގުޅަ ހޯދާފައިވާ ކަމަށެވެ.
އެހެންކަމުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 5 ދުވަހުގެ މުއްދަތަށް ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
މި މައްސަލަ ފުލުހުނގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.