ގައުމީ އެއާލައިން މޯލްޑިވިއަންގެ ބޯޓުތަކުގައި ޕަވަ ބޭންކް ބޭނުންކުރުން މަނާކޮށްފިއެވެ.
އައިލެންޑް އެވިއޭޝަނުން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނީ މިއީ އިންޓަނޭޝަނަލް ސިވިލް އެވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އާއި އިންޓަނޭޝަނަލް އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަން (އަޔާޓާ) އަދި ޔޫރަޕިއަން ޔޫނިއަން އޭވިއޭޝަން ސޭފްޓީ އޭޖެންސީގެ މިންގަނޑުތަކަށް ތަބާވުމަށް އަޅާ މުހިންމު ފިޔަވަޅެއް ކަމަށާއި އެ އެއާލައިނުން އަބަދުވެސް އިސްކުރާނީ ފަސިންޖަރުންގެ ރައްކާތެރިކަން ކަމަށެވެ.
އެގޮތުން އަލަށް ނެރުނު މި އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.
އާ އުސޫލުގެ ދަށުން އެ އެއާލައިންގެ ދަތުރުތަކުގައި ކޮންމެ ފަސިންޖަރަކަށް ގެންދެވޭނީ ގިނަވެގެން ދެ ޕަވަ ބޭންކް އެވެ. އަދި ޕަވަ ބޭންކުގެ ކެޕޭސިޓީ 100 ވޮޓް-އަވާއަށް ވުރެެ އިތުރުވެގެން ނުވާނެ ކަމަށް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
”ޕަވަ ބޭންކް ގެންދިޔަސް، ބޯޓު ތެރޭގައި ނުވަތަ ދަތުރުމަތީގައި ޕަވަ ބޭންކް ކޮށްގެން އެހެން ޑިވައިސްތައް ޗާޖު ކުރުމާއި ޕަވަ ބެންކް ރީޗާޖު ކުރުމަކީވެސް މަނާ ކަމެއް، ބޯޓަށް އެރުމަށް ފަހު ޕަވަ ބޭންކް އޮންނަން ވާނީ ފަސިންޖަރުގެ އަތުގައި ނުވަތަ ސީޓުގެ ޖީބުގައި ނުވަތަ ސީޓުގެ ދަށުގައި، ޕަވަ ބޭންކް ލަގެޖަށް ދޫކޮށްލުމާއި ބޯޓުގެ އޯވަ-ހެޑް ކެބިންއަށް ލުން މަނާވާނެ“ އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.
މީގެ އިތުރުން ޕަވަ ބޭންކުގެ ކަރަންޓު ކޮޅު ހާމައަށް ނުވަތަ ކަރަންޓު މައްސަލައެއް ދިމަވެދާނެ ގޮތަކަށް ބާއްވައިގެން ނުވާނެ ކަމަށާއި ދަތުރުކުރާއިރު ގެންދާ ޕަވަ ބޭންކް ވާންޖެހޭނީ އދ. ގެ ކަރަންޓު ސާމާނުގެ މިންގަނޑުތަކަށް ފެތޭ އެއްޗަކަށް ވާން ވާނެ ކަމަށްވެސް އެ ނޫސް ބަޔާނުގައި ބުނެފައި ވެއެވެ.