އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހި ސަރުކާރުން ތަހުނިޔާ ފޮނުއްވައިފިއެވެ.
ެ
އެމެރިކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރު، މަރކޯ ރޫބިއޯ އަށް ރާއްޖޭގެ ފޮރިން މިނިސްޓަރު، ޑރ. ޢަބްދުﷲ ޚަލީލް މިއަދު ވަނީ ތަހުނިޔާގެ މެސެޖެއް ފޮނުއްވާފައެވެ.
އެގޮތުން މިނިސްޓަރުގެ މެސެޖުގައި ވިދާޅުވީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އެ މަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެމެރިކާގެ 249 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ފޮރިން މިނިސްޓަރަށާއި ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ފޮނުވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
“އިންސާނީ ޙައްޤުތައް ކުރިއެރުވުމަށާއި، ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތުގައި އެމެރިކާއަކީ ދިވެހިރާއްޖޭގެ ދެމެހެއްޓެނިވި ބައިވެރިއެއް“ މިނިސްޓަރު ވިދާޅުވެފައި ވެއެވެ.
އެހެންކަމުން، އުންމީދަކީ ކުރިއަށް އޮތްތާނގައިވެސް ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ދިއުން ކަމަށް މިނިސްޓަރުގެ މެސެޖުގައި ވިދާޅުވިއެވެ.