ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމަށް ތަމްރީން ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ ގައިންގަޔައް ނާރާ ބަލިތަކުގެ މީހުންގެ ރަޖިސްޓްރީ ޤާއިމުކޮށް އެފަދަ ބަލިތަކުގައި އުޅޭ މީހުންގެ އެންމެހާ ކަންކަން ގާތުން މޮނިޓަރ ކުރުމަށް ސިއްޙީ ޚިދުމަތްތެރިން އަހުލުވެރި ކުރުވުމުގެ ޕްރޮގްރާމެއް ށ.އަތޮޅު ހޮސްޕިޓަލްގައި ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 22 އަދި 23 އަށެވެ.
އަދި މި ތަމްރީން ޕްރޮގްރާމްގައި ޖުމްލަ 11 ރަށަކުން 17 ބޭފުޅުން ބައިވެރިވެފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.
”ޕްރޮގްރާމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލެވިފައިވާ ކަންތައްތަކުގެ ތެރޭގައި ގައިންގަޔަށް ނާރާ ބަލިތަކާއި އެހެނިހެން ގޮތުން ދިގުމުއްދަތައް ބޭސް ބޭނުންކުރާ ފަރާތްތަކުގެ ރަޖިސްޓްރީއެއް އެކުލަވާލުމުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައިވޭ“ ހެލްތު މިނިސްޓްރީން ބުނެފައި ވެއެވެ.
ހެލްތު މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގައި ގުޅުންހުރި ފަރާތްތަކާ މަޝްވަރާކުރެވި މެދު ކެނޑުމެއް ނެތި ބޭސް ލިބޭނެ އިންތިޒާމާއި ފަސޭހަކަމާއެކު ލެބޯޓްރީ ޓެސްޓް ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވެސް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.
މީގެ އިތުރުން ކޮންމެ ހެލްތު ފެސިލިޓީއަކުން ފޯކަލް ޕޮއިންޓެއް ކަނޑައަޅާ ކޯޑިނޭޓް ކުރެވޭނެ އިންތިޒާމް ހަމަޖައްސުމުގެ މަސައްކަތް ވެސް އެ ޕްރޮގްރާމްގެ ތެރެއިން ކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކުރެއެވެ.