އެމެރިކާއިން އީރާނަށް އިތުރު ހަމަލާއެއްދީފިނަމަ ”ފުނޑުފުނޑުވާފަދަ“ އިތުރު ޖަވާބެއް ދޭނެކަމަށް އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން ބުނެފިއެވެ.
އައިއާރުޖީސީގެ ކޮމާންޑަރ އިން ޗީފް ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޕަކްޕޫރު ވިދާޅުވީ އެމެރިކާއިން އަނެއްކާވެސް އީރާނަށް ހަމަލާދީފިނަމަ އީރާނުން އެމެރިކާއަށް އިތުރު ފުނޑުފުނޑު ޖަވާބެއް ދޭނެ ކަމަށެވެ.
އިސްރާއީލުގެ ވެރިކަން ދެމިއޮތުމަށްޓަކައި އެމެރިކާގެ ރައްޔިތުންގެ މަސްލަހަތާއި ރައްކާތެރިކަމަށްޓަކައި އިރާނުގެ އަސްކަރީ މަރުކަޒުތަކަށް ދިން ހަމަލާ އޭނާ ވަނީ ކުށްވެރިކުރައްވާފައެވެ. އަދި އީރާނާ ދެކޮޅަށް އަނިޔާވެރިކަން ތަކުރާރުކޮށްފިނަމަ ތާރީހަށް ފިލާވަޅަކަށް ވާނެ އިތުރު ފުނޑުފުނޑު އަދި ހިތާމަވެރި ޖަވާބުތަކެއް ލިބޭނެ ކަމަށް ޕަކްޕޫރު ވިދާޅުވި އެވެ.
އީރާނުގެ ނިއުކްލިއާ ފެސިލިޓީތަކަށް އެމެރިކާއިން ދިން ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން އީރާނުގެ ސިފައިން ވަނީ ހޯމަ ދުވަހުގެ ހަވީރު ގަތަރުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް ބާރުގަދަ މިސައިލް ހަމަލާތަކެއްދީފައެވެ.
އައި.އާރް.ޖީ.ސީ އިން ރޭ ބުނީ ހުޅަނގު އޭޝިއާގައި އެމެރިކާގެ އެންމެ ބޮޑު ސްޓްރެޓެޖިކް އެސެޓް ކަމަށްވާ އެމެރިކާގެ އެއާ ފޯސަސް ސެންޓްރަލް ކޮމާންޑްގެ ހެޑްކުއާޓަރަށް ހަމަލާދެމުން އަންނަ ކަމަށެވެ.
”މާތް ﷲއަށް ބަރޯސާވެ، އީރާނުގެ ރައްޔިތުންގެ ތާއީދާއެކު، އީރާނުގެ ސަރަޙައްދީ އެއްބައިވަންތަކަމާއި ސިޔާދަތާއި ޤައުމީ ސަލާމަތަށް އުނިކަމެއް އަންނާނެ އެއްވެސް ކަމަކަށް އީރާނުން އިހުމާލުނުވާނެ“ އައިއާރްޖީސީ އިން ބުނެފައި ވެއެވެ.
އީރާނަށް އެންމެ ފުރަތަމަ ހަމަލާދޭން ފަށާފައި ވަނީ އިސްރާއީލާއި އިސްރާއީލަށް ވާގިވެރިވާ އެމެރިކާއިންނެވެ. އިސްރާއީލާއި އެމެރިކާއިން ވެސް ވަނީ އިސްވެ އީރާނަށް ހަމަލާދީފައެވެ. އީރާނުން އެ ދެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދީފައި ވަނީ އެ ހަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުންނެވެ.