ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި އަނެއްކާވެސް ޒައިދާން ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

ގިނަ ފިހާރަތަކަކަށް ފޭކް ސްލިޕް ފޮނުވި މައްސަލައިގައި މީގެ ކުރިންވެސް އެތައް ފަހަރަކު ހައްޔަރު ކުރި ޒައިދާން މުޙައްމަދު ހާޝިމް (28އ) އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ސައްހަ ނޫން ޓްރާންސްފަރ ސްލިޕް ފޮނުވައިގެން އެކި ފިހާރަތަކުން ވިޔަފާރިކުރި މައްސަލަތަކަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ގ. ސިނަމާލެ 1 05-13، ޒައިދާން މުޙައްމަދު ހާޝިމް (28އ) އާއި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) އެވެ.

ފުލުހުން ބުނީ ކޯޓު އަމުރެއްގެދަށުން މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ މި ޖޫން މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

އެ ދެ މީހުން މި އަހަރުގެ މެއި މަހުގެ އެކި ދުވަސް މަތިން، ހުޅުމާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕްތަކެއް ފޮނުވައިގެން މުދާ ގަނެފައިވާ މައްސަލަ މެއި 16 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުުހުން ބުނީ މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ބެލިބެލުމުން ޒައިދާން މުޙައްމަދު ހާޝިމް، މާލޭގައި ހުންނަ އިތުރު ދެ ފިހާރައަކުން ވެސް ސައްހަ ނޫން ސްލިޕް ފޮނުވައިގެން މަކަރާއި ހީލަތުން މުދާ ހޯދާފައިވާކަން ތަހުގީގަށް އެނގިފައިވާ ކަމަށެވެ.

އަދި އޭނާ ކުއްޔަށް ހިފާފައިވާ ހިޔާ ފްލެޓްގެ ދެ އެޕާޓްމަންޓަކަށް، ސައްހަ ނޫން ސްލިޕް ފޮނުވައިގެން ގަނެފައިވާކަމަށް ބެލެވޭ މުދާތައް ވައްދާ މަންޒަރު ސީސީޓީވީ ފުޓޭޖުން ފެނިފައިވެއެވެ. އަދި އެ އެޕާޓްމަންޓުތައް ބަލައި ފާސްކުރި އިރު، މައްސަލައިގެ ތަހުގީގާ ގުޅުންހުރި މި ތަކެތި ފެނިފައިވެއެވެ.

މައްސަލައިގެ ތަހުގީގުގައި އިތުރަށް ބެލިބެލުމުން، ސައްހަ ނޫން ސްލިޕް ފޮނުވައިގެން 36467 ރުފިޔާގެ ތަކެތި ހުޅުމާލޭގައި ހުންނަ ފިހާރައިން މަކަރާއި ހީލަތުން ހޯދާފައިވާކަމާއި މާލޭގައި ހުންނަ ފިހާރައަކުން ސައްހަ ނޫން ސްލިޕް ފޮނުވައިގެން 31150 ރުފިޔާގެ ތަކެތީގެ އިތުުރުން މާލޭގައި ހުންނަ އެހެން ފިހާރައަކަށް ސައްހަ ނޫން ސްލިޕް ފޮނުވައިގެން 5817 ރުފިޔާގެ ތަކެތި ހޯދާފައިވާކަން އެނގިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ޒައިދާން މުޙައްމަދު ހާޝިމް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރުމަށް އަދި އަފްރިން އަކްތަރު، ބަންގްލަދޭޝް (30އ) ފަސް ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

ފުލުހުން ބުނީ ޒައިދާން މުޙައްމަދު ހާޝިމް މަކަރާއި ހީލަތުން ފައިސާއާއި މުދާ ހޯދާކަމަށް ތުހުމަތުކުރެވޭ 11 މައްސަލައެއްގެ ތަހުގީގު މިހާރު ވެސް ކުރަމުން އަންނަ ކަމަށެވެ. އަދި އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ދެ މައްސަލައެއްގެ ޝަރީއަތް މިހާރު ވެސް ކުރިއަށްދާ ކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް