ތ. ގުރައިދޫގައި އެއަރޕޯޓު ހެދުމަށް ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.
ގުރައިދޫ އެއަރޕޯޓު ތަރައްޤީކުރުމުގެ މަޝްރޫއުގެދަށުން ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރަންވެސް އެމްޓީސީސީން ވަނީ ނިންމާފައެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން، 13.80 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ.
އަދި 979 މީޓަރުގެ ސަރަހައްދެއްގައި ހިލަ ރެވެޓްމެންޓެއް ޖެހުމާއި،609 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫއަކީ 106.02 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.
އެމްޓީސީސީން ބުނީ އެއާޕޯޓެއް ހުޅުވިގެންދިއުމަކީ، މުޅި ތ. އަތޮޅަށްވެސް އިޤްތިޞާދީ ގޮތުންނާއި އިޖްތިމާއީ ގޮތުން ގިނަގުނަ ފައިދާތަކަކާއި
ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމެއްކަމަށެވެ.
މީގެ އިތުރުން، މި އެއާޕޯޓްގެ ސަބަބުން އެ ސަރަހައްދުގައި ފަތުރުވެރިކަން އިތުރަށް ތަރައްގީވެ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް އަންނާނޭ ކަމަށް އެމްޓީސީސީން ބުނެފައި ވެއެވެ.