ގއ. ކޮނޑޭއަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު އެ ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން އެ ރަށު ކައުންސިލް މެމްބަރުންނާއި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީން ބައްދަލުކުރައްވާ މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުވުން ބާއްވާފައި ވަނީ މި މަހުގެ 16 ވަނަ ދުވަހު ޝަހީދު ޙުސައިން އާދަމް ބިލްޑިންނގގައެވެ.
ފުލުހުން މިއަދު ބުނީ އެ ބައްދަލުކުރެއްވުމުގައި ކޮނޑޭގައި މީހުން ދިރިއުޅެންފެށިތާ 50 އަހަރު ފުރުން ފާހަގަކުރުމަށް ހަމަޖެހިފައިވާތީ އެކަމާގުޅޭ މަޝްވަރާތައްވެސް ކުރައްވާފައިވާ ކަމަށެވެ.
އަދި އެ ރަށަކީ ފަތުރުވެރިކަން ފުޅާވަމުން އަންނަ ރަށަކަށްވުމާއެކު ރަށުގައި ފުލުހުންގެ ޚިދުމަތް ހަރުދަނާކުރުމަށްޓަކައި ކުރެވިދާނެ ކަންކަމާއި ރަށުގެ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ ސީސީޓީވީ ހަރުކުރުމުގެ މަޝްރޫއާ ގުޅޭގޮތުން މަޝްވަރާކޮށް، މި މަސައްކަތުގައި ފުލުހުންގެ ޓެކްނިކަލް ސަޕޯޓް ފޯރުކޮށްދިނުމާ ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
މި ބައްދަލުކުރެއްވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުޙާދު ފިކުރީ އާއި ގއ. ކޮނޑޭ ކައުންސިލް މެމްބަރުން ބައިވެރިވެލެއްވިއެވެ.