އިސްރާއީލުން އީރާންއަށް ދިން ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިސްރާއީލުން ރޭ ފަތިހުގެ ވަގުތެއްގައި އިސްލާމިކް ރިޕަބްލިކް އޮފް އީރާނަށް ދިން ހަމަލާ ކުށްވެރިކޮށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އިސްރާއީލުން ބައިނަލްއަޤްވާމީ ޤާނޫނާ ހިލާފު މި އަމަލަކީ މެދުއިރުމަތީގެ ސުލްޙައާއި، ސަލާމަތަށް ހުށަހެޅިގެންދާ ނުރައްކަލެއް ކަމަށެވެ.
އަދި މި އަމަލަކީ ސަރަހައްދުގެ ސަލާމަތަށް އިތުރަށް ނުރައްކާވާނެ ކަމެއް ކަމަށާއި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ޣައްޒާއަށް މެދުކެނޑުމެއްނެތި ދެމުންގެންދާ ހަމަލާތަކާ ދިމާކޮށް އީރާނަށް ދިން މި ހަމަލާ އާ ގުޅިގެން މުޅި މެދުއިރުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް މީގެ ސަބަބުން އަސަރުފޯރާނެ ކަމަށެވެ.
އެހެންކަމުން ދިވެހި ސަރުކާރުން ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް އިސްރާއީލުން ކުރަމުންދާ ޣައިރު ޤާނޫނީ އަމަލުތައް ވަގުތުން ހުއްޓާލުމަށް އިސްރާއީލަށް މަޖުބޫރުކުރުވުމަށް ވަގުތުން އަޅަންޖެހޭ ފިޔަވަޅު އެޅުމަށް ބާރުއެޅުމަށް ގޮވާލާކަމަށް ފޮރިން މިނިސްޓްރީން ބުނެފައި ވެއެވެ. ހަމައެހެންމެ ސަރަހައްދުގެ މަޞްލަހަތު އިތުރަށް ގޯސްވިޔަނުދިނުމަށް އަވަސް ފިޔަވަޅުތައް އެޅުމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ގޮވާލާފައެވެ.