ފޭކް ސްލިޕް ފޮނުވި މައްސަލައެއްގައި ޒުވާން އަންހެނަކު ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
މި މައްސަލައިގައި ހޯދަން އިއުލާނުކޮށްފައި ވަނީ ހދ. މަކުނުދޫ / ލުބޯގަސްދޮށުގެ، ޢާއިޝަތު މަލީހާ (22އ) އެވެ.
ފުލުހުން މިއަދު ބުނީ އެ އިދާރާގެ ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ, ސައްހަނޫން ޓްރާންސްފަރ ސްލިޕް ފޮނުވާފައިވާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާކަމަށެވެ.
މިގޮތުން ޖިނާއި މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ތަހުގީގަށް ހާޒިރުވުމަށް އޭނާއަށް ފުލުހުން ވަނީ އަންގައި އިއުލާނުކޮށްފައެވެ.
ފުލުހުން ބުނީ އޭނާ ހާޒިރުކުރަނީ އެ މައްސަލައިގެ ތަހުގީގަށް ތުހުމަތުގައި ސުވާލުކުރުމަށް ކަމަށެވެ.
އޭނާ ހާޒިރުވާންޖެހޭނެ ކަމަށް ފުލުހުން ބުނެފައި ވަނީ ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ، އަށް 2025 ޖޫން 18 ވަނަ ދުވަހުގެ 10:00 އަށެވެ.