އަހަރުގެ އެއް މިލިއަންވަނަ ފަތުރުވެރިޔާއަށް ހޫނު މަރުޙަބާއެއް!

Loading

Facebook
Twitter
WhatsApp

ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި އެއް މިލިއަން ވަނަ ފަތުރުވެރިޔާ މިއަދު ރާއްޖެ އައިސްފައިވާ ކަމަށް ޓުއަރިޒަމް މިނިސްޓްރީން ބުނެފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ މިއީ މިހާތަނަށް ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން އަހަރު ތެރޭގައި އެންމެ އަވަހަށް ހަމަވި އަހަރު ކަމަށެވެ.

އެއް މިލިއަން ވަނަ ފަތުރުވެރިޔާއަށް ޓުއަރިޒަމް މިނިސްޓްރީއާއި އެމް.އެމް.ޕީ.އާރް.ސީ އަދި އެމްއޭސީއެލް ގުޅިގެން ހޫނު މަރުހަބާއެއް މިއަދު ވަނީ ކިޔާފައެވެ. މިގޮތުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަންމެންޓް ތާރިޤް އިބްރާހީމް ބައިވެރިވެވަޑައިގެން ވަނީ އެ ފަތުރުވެރިޔާއަށް ހޫނު މަރުހަބާ ދަންނަވާފައެވެ.

އަދި އަހަރުގެ މިހާ ކުރީކޮޅު ރާއްޖެއަށް 1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުމަކީ ރާއްޖޭގެ ޤުދުރަތީ ރީތިކަމާއި ހިތްގައިމުކަމާއި، ދިވެހީންގެ މެހުމާންދާރީ، ދުނިޔޭގެ އެކިކަންކޮޅުތަކުން ބަލައިގެންފައިވާކަމުގެ އަލިގަދަ ހެއްކެއް ކަމުގައި މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިގޮތުން މިކާމިޔާބީ ހާސިލުކުރުމަށް މަގުފަހިކޮށްދީފައި ވަނީ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ހީވާގި މަސައްކަތްތެރިންގެ ބުރަ މަސައްކަތުންކަން ފާހަގަކޮށް އެފަރާތްތަކަށް މިނިސްޓަރު ވަނީ ޝުކުރު ދަންނަވާފައެވެ.

ޓުއަރިޒަމް މިނިސްޓްރީން ބުނީ އެއް މިލިއަން ވަނައަށް ރާއްޖެއަށް މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިޔަކީ މިއަދު އިންޑިގޯ ފްލައިޓުން، އޭނާގެ ބައިވެރިޔާއާއިއެކު، މަލަހިނި ކުޑަބަޑޮސް ރިޒޯޓަށް ހަނީމޫން ހޭދަކުރުމަށް އައިސްފައިވާ އިންޑިއާގެ ރައްޔިތެއް ކަމަށްވާ ކާޖަލް ސިންގް ކަމަށެވެ. މިއީ ސިންގް ރާއްޖެއަށް ޒިޔާރަތްކުރާ ފުރަތަމަ ފަހަރެވެ.

އެއް މިލިއަންވަނަ ފަތުރުވެރިޔާގެ ހައިސިއްޔަތުން ކާޖަލް ސިންގްއަށް ވަނީ ރައީސުލްޖުމްހޫރިއްޔާ 2024 ވަނަ އަހަރު ދުނިޔޭގެ ތިމާވެށީގެ ދުވަހު ފައްޓަވައިދެއްވާފައިވާ ’ފަސް މިލިއަން ގަސް‘ ޕްރޮގްރާމްގައި ބައިވެރިވުމަށް ދައުވަތު ދީފައިއެވެ. މި ގޮތުން، މިސް ސިންގް ވަނީ މި ޕްރޮގްރާމްގެ ދަށުން ހުޅުލޭގައި ގަހެއް އިންދާފައިއެވެ.

Loading

Leave a Reply

ފަހުގެ އަޕްޑޭޓް